މުއްކިއާއި ބޮބީއާއެކު ނޭމާ ޖޫނިއާސް ފައިވްގައި ވާދަކުރަން ކްލަބު ޓީނޭޖް ބްރެޒިލަށް

ނޭމާ ޖޫނިއާސް ފައިވްގައި ވާދަކުރުމަށް ބްރެޒިލަށް ފުރި ކްލަބު ޓީނޭޖްގެ ޓީމު --- ފޮޓޯ/ ރެޑްބުލް

ކްލަބު އީގަލްސްގެ އިބްރާހިމް މުބީން އަހްމަދު ރަޝީދު (މުއްކި)އާއި ރިހާމް އަބްދުލްޤަަނީ (ބޮބީ) އާއެކު ނޭމާ ޖޫނިއާސް ފައިވް ވޯލްޑް ފައިނަލުގައި ވާދަކުރުމަށް ކްލަބު ޓީނޭޖް ބްރެޒިލަށް ފުރައިފިއެވެ.

އަންނަ ހުކުރު ދުވަހު ބްރެޒިލްގެ ސަންތޯސްގައި ފަށާ އެ މުބާރާތުގައި ވާދަކުރުމަށް ރާއްޖޭގެ ކޮލިފައިން ބުރުގެ ޗެމްޕިއަންކަން ހޯދި ޓީނޭޖް ފުރާފައިވާއިރު، އެ މުބާރާތުގައި ޖުމްލަ 53 ގައުމެއްގެ ޓީމެއް ވާދަކުރާނެއެވެ.

ރާއްޖޭގެ ކޮލިފައިން ބުރުގެ ޗެމްޕިއަންކަން ހޯދައި، ބްރެޒިލަށް ދިއުމުގެ ފުރުސަތު ޓީނޭޖުން ހޯދީ މިދިޔަ މެއި މަހުގެ ފަހުކޮޅު ކުޅުނު ކޮލިފައިން ބުރުގެ ފައިނަލުގައި ކްލަބު ޕީކޭ އަތުން 2-0 ލަނޑުގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.

ޖުމްލަ 53 ގައުމެއްގައި ކުރިއަށްދިޔަ ކޮލިފައިން ބުރުގެ ޗެމްޕިއަންކަން ހޯދި ޓީމުތައް ވާދަކުރާ އެ މުބާރާތުގައި ވާދަކުރާ ކްލަބު ޓީނޭޖްގައި މުއްކިއާއި ބޮބީގެ އިތުރުން ދެން ހިމެނެނީ ޓީމުގެ ކެޕްޓަން އިސްމާއިލް ފާތިހާއި، ރިއްފަތު މުހައްމަދާއި، އަހްމަދު އަޔާޒް އަދި ހުސައިން ޝަރީފެވެ.

ޓީނޭޖްގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން މުއްކިއާއި ބޮބީއަކީ މިއަހަރުގެ ފުޓްބޯޅަ ސީޒަނުގައި ކްލަބު އީގަލްސްއަށް ކުޅެމުންދިޔަ ދެ ކުޅުންތެރިންނެވެ. ނަމަވެސް މުއްކިއާއި ބޮބީ، އީގްލްސްގެ ޕްރެކްޓިސްތަކަށް ހާޒިރުނުވެ ފުޓްސަލް ކުޅެންދިޔަ މައްސަލައަކާ ގުޅިގެން މިދިޔަ މަހުގެ ފަހުކޮޅު އެ ކުޅުންތެރިން ގޭގައި މަޑުކުރަން އެ ކްލަބުގެ މެނޭޖްމަންޓުން ވަނީ އަންގައިފައެވެ.

މާލޭ ލީގުގައި އެންމެ ފަހުން އީގަލްސް ކުޅުނު މެޗުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތުދެމުން އިހުސާން އަބްދުލްޤަނީ (ސާންތި) ވަނީ އެ ކުޅުންތެރިންނާ ގުޅޭގޮތުން ވާހަކަދައްކައިފައެވެ. ސާންތި ބުނެފައިވާ ގޮތުގައި، ދެވަނަ ބުރުގެ އެއްވެސް މެޗަކުން އެ ކުޅުންތެރިންނަށް ފުރުސަތު ނުލިބޭނެއެވެ.

comment ކޮމެންޓް