އިމްރާންގެ އިނާޔަތްތައް ކަނޑާލީ މީޑިއާއަށް އިންޓަވިއު ދިނުމުން: އަޒްލީން

ސަން ޓީވީގެ " 50 މިނެޓް ޕޮރޮގުރާމް" ގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲއަށް ދެމުންދިޔަ އިނާޔަތްތައް ކަނޑާލީ ވެފައިވާ އެއްބަސްވުމާ ހިލާފަށް މީޑިއާއަށް އިންޓަވިއު ދިނުމުން ކަމަށް ހޯމް މިނިސްޓަރު އަހުމަދު އަޒްލީން ވިދާޅުވެއްޖެ އެވެ.

ރޯދަ މަހަށް ގޭ ބަންދަށް ބަދަލުކުރުމަށްފަހު އަލުން ޖަލަށް ބަދަލު ކުރި ދުވަހު އިމްރާން ވަނީ ރާއްޖެ ޓީވީއަށް އިންޓަވިއުއެއް ދެއްވާފަ އެވެ.

މިރޭ ސަންޓީވީގެ 50 މިނިޓް ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން އަޒްލީން ވިދާޅުވީ އިމްރާން ރޯދައަށް ގެއަށް ބަދަލު ކުރެއްވީ ރައީސް ޔާމީން ދެއްވި ހާއްސަ އިނާޔަތެއްގެ ދަށުން ކަމަށެވެ. އެހެން ނަމަވެސް ރޯދަމަސް ނިންމަވާފައި އެފަދަ ދީނީ އިލްމުވެރިއަކު މީޑިއާއަށް އިންޓަވިއު ދެއްވައި ރާއްޖޭގެ ސިޔާސީ މަޝްރަހާ ބެހޭ ގޮތުން ވާހަކަ ދެއްކިވީތީ ހިތާމަ ކުރައްވާ ކަމަށް އަޒްލީން ވިދާޅުވި އެވެ.

"އެބޭފުޅުންނާއެކު އެއްބަސްވުމެއްގައި ސޮއި ވެސް ކޮށްފައި އޮންނާނީ ގެއަށް ދޫކޮށްލާއިރު ކުރެވޭނެ ކަންތައްތަކާ ނުކުރެވޭނެ ކަންތައްތައް. އެކަމަކު އެ ދުވަހު ގެއަށް ވައްދަވައިގެން ރާއްޖެޓީވީއަށް އިންޓަވިއު ދެއްވީ، ދެއްވާފަ ވިދާޅުވީ މިހެންނޭ މިހެންނޭ އެބޭފުޅާގެ ސިޔާސީ މަގުސަދުތަކެއް ހާސިލު ކުރެއްވީ،" އަޒްލީން ވިދާޅުވި އެވެ.

ޖަލުގައި ތިއްބަވާ ބޭފުޅުން ރަނގަޅަށް ބަސް އަހައިގެން ތިބޭ ނަމަ ލީނިއެންސީގެ ތެރެއިން ބައިވަރު ކަންތައްތައް ކޮށްދެއްވާ ކަމަށް އަޒްލީން ވިދާޅުވި އެވެ. ނަމަވެސް ބަސް ނާހާ ކަނޑައެޅިފައިވާ ކަންތައްތަކާ ވެފައިވާ އެއްބަސްވުންތަކާ ހިލާފަށް ކަންތައްތައް ކުރީމަ ދެން އެލިބޭ ބައެއް އިނާޔަތްތައް ބައެއް ހާލަތްތަކުގައި ނެގިގެން ދާ ކަމަށް އަޒްލީން ވިދާޅުވި އެވެ.

"ޝެއިހް އިމްރާން ރާއްޖޭގެ ރައްޔިތުންނަށް އިންޓަވިއު ދެއްވުމަކީ ކުރެވިގެންވާނެ ކަމެއް ނޫން. ގާނޫނާ ގަވާއިދާ ހިލާފަށް އެކަން އެކުރެއްވީ،" އަޒްލީން ވިދާޅުވި އެވެ.

ކުށްވެރި ވެގެން ނޫނީ ޖަލަށް ނުލާނެ ކަން ދިވެހި ރައްޔިތުންނަށް އެނގެން ޖެހޭ ކަމަށް އަޒްލީން ވިދާޅުވި އެވެ. އަދި ހުކުމެއް ކޮށް ޖަލަށްލުމުން އެ ހުކުމަކީ ބާތިލު ހުކުމެއް ކަމަށް ކަނޑައަޅާނީ ކޯޓު ތަކުން ކަމަށާއި ރައީސް އަބްދުﷲ ޔާމީނާއި ވަޒީރުންނަށް އެ ބާރެއް ނޯންނަ ކަމަށް އަޒްލީން ވިދާޅުވި އެވެ.

އަޒްލީން ވިދާޅުވީ ރިޝްވަތާއި ކޮރަޕްޝަނުގެ މައްސަލަތައް ހިންގައިގެން ހައްޔަރު ކުރަން ޖެހިއްޖެނަމަ ހައްޔަރުކޮށް ތަހުގީގުކޮށް ޕްރޮސެކިއުޓް ވެސް ކުރާނެ ކަމަށެވެ.

ޖަލުތަކުގެ ހާލަތާ ބެހޭ ގޮތުން ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައްދު ދެއްވަމުން އަޒްލީން ވިދާޅުވީ ޖަލުތަކުގައި ކަންކަން ހިނގަނީ ދެފުއް ފެންނަ ގޮތަށް ކަމަށެވެ. އަދި އަނިޔާވެރި އެއްވެސް އަމަލެއް ޖަލުތަކުގައި ނުހިނގާނެ ކަމަށް އަޒްލީން ވިދާޅުވި އެވެ.

"ޖަލުގަ ހުންނަ މީހަކު ބަލިވެއްޖެނަމަ އެ މީހަކަށް ރަނގަޅަށް ފަރުވާކޮށްދިނުމާއި، އެ މީހަކަށް އެލިބެން ހުރި ފަރުވާއެއް ރާއްޖޭގައި ލިބެން ނެތްނަމަ އެ ފަރުވާއެއް ވެސް ދޭނެ،" އަޒްލީން ވިދާޅުވި އެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިއަދު ޖަލުގައި ހުންނެވީ އެމަނިކުފާނު ކުރެއްވި ބޮޑެތި ނުރައްކާތެރި ކަންތައްތަކެއްގެ ސަބަބުން ކަމަށް މިނިސްޓަރު އަޒްލީން ވިދާޅުވި އެވެ.

އަދި ވިދާޅުވީ މިހާރު އަދީބުގެ ދިފާއުގައި މަސައްކަތް ކުރައްވަނީ އެމަނިކުފާނުގެ ހަތުރުން ގޮތުގައި ތިބި މީހުން ކަމަށެވެ. އަދި ބަޣީން ކަމަށް އެމްޑީޕީން ވާހަތައް ދައްކަމުން ތުހުމަތުތައް ކުރައްވަމުން ގެންދިޔަ ކުރީގެ ސީޕީ އަބްދުﷲ ރިޔާޒާއި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމްގެ ދިފާއުގައި މަސައްކަތް ކުރާތަން ވެސް ފެންނަ ކަމަށް އަޒްލީން ވިދާޅުވި އެވެ.

ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުން ގާނޫނާ ގަވާއިދާ ހިލާފަށް މަސައްކަތް ނުކުރައްވާނެ ކަމަށާއި، ގާނޫނާ ގަވާއިދަށް ބޯލަނބާ ކަމުގެ ހެއްކަކީ އެތައް ވަޒީރުންނަކާއި ދެ ނައިބު ރައީސުން މަގާމުން ދުރުކުރުން ކަމަށް އަޒްލީން ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކާއެކު މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދާ ދެކޮޅަށް ހުށަހެޅި މައްސަލާގައި ސޮއިކުރި ޕީޕީއެމްއެމްގެ މެމްބަރުންނަށް އިޝާރާތްކުރައްވާ އަޒްލީން ވިދާޅުވީ އެ މެމްބަރުން އެޅުއްވީ "ރަނގަޅު ފިޔަވަޅެއް ނޫން" ކަމަށެވެ.

"އެގޮތަށް އަޅުގަނޑުމެންނަށް ދެވޭ ކަމަށް ވަންޏާ އެއީ ރަނގަޅު މޫވް އަކަށް ނުވާނެ، އަދި އުންމީދެއްވެސް އޮތް ބައެއް ނޫން އިދިކޮޅު ފަރާތްތަކަކީ،" އަޒްލީން ވިދާޅުވި އެވެ.

comment ކޮމެންޓް