ރާއްޖެ އާއި ބަންގަލަދޭޝުން ޑަބަލް ޓެކްސް ނެގުން ހުއްޓާލުމަށް މަޝްވަރާ ކުރަނީ

ޑަބަލް ޓެކްސް ނެގުން ހުއްޓާލުމުގެ އެއްބަސްވުމުގެ މަޝްވަރާތައް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ މީރާ

ދިވެހި ސަރުކާރުން އިސްނަގައިގެން ރާއްޖެ އާއި ބަންގްލަދޭޝް އާ ދެމެދު "ޑަބަލް ޓެކްސް އެވޮއިޑެންސް" އެއްބަސްވުމެއް އެކުލަވާލުމާބެހޭ މަޝްވަރާތައް ފަށައިފިއެވެ.

"ޑަބަލް ޓެކްސް އެވޮއިޑަންސް" އެއްބަސްވުމެއް އެކުލަވާލެވުމުން، ދެ ގައުމުގެ ވިޔަފާރިތަކުގެ މެދުގައި ކުރެވޭ މުޢާމަލާތްތަކުން އެއް އާމްދަނީއަކުން ދެ ފަހަރަށް ޓެކްސް ކުރުން ހުއްޓުމަކަށް ގެނެވި، ދެ ގައުމުގެ މެދުގައި ޓެކުހާގުޅޭ މަޢުލޫމާތުތައް ބަދަލުކުރުމަށް މަގު ފަހިވެގެންދާނެއެވެ.

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނި ގޮތުގައި އެ މަޝްވަރާތައް ފަށާފައި ވަނީ އިއްޔެ އެވެ. އަދި އެއީ މަޝްވަރާތަކުގެ ފުރަތަމަ ބުރު ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.

މިހަފްތާގެ ހޯމަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެ މަޝްރާތަކުގައި ރާއްޖެ ތަމްސީލު ކުރަނީ މީރާ އިންނެވެ. ރާއްޖޭގެ ވަފުދުގެ ވެރިއަކީ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރެވެ. ބަންގްލަދޭޝް ތަމްސީލު ކުރަނީ އެ ޤައުމުގެ ނެޝަނަލް ބޯޑު އޮފް ރެވެނިއު އިންނެވެ. އެ ވަފުދުގެ ވެރިއަކީ ޗެއަރމަން އަދި ސީނިއަރ ސެކްރެޓަރީ، އިންޓަރނަލް ރިސޯސަސް ޑިވިޜަން، މުޙައްމަދު ނަޖީބުއްރަހްމާން އެވެ.

ރާއްޖޭން ދަނީ އެހެން ގައުމުތަކާ ދެމެދު ވެސް ޑަބަލް ޓެކްސް އެގްރީމެންޓް ގާއިމް ކުރަން މަޝްވަރާ ކުރަމުންނެވެ. އެ ގޮތުން މިހާރު މެލޭޝިޔާ އާއި ޔޫއޭއީއާ ދެމެދުވެސް ސަރުކާރުން ވަނީ މަޝްވަރާ ކުރަން ފަށާފައެވެ.

comment ކޮމެންޓް