ޖީ ޓުވެންޓީގެ ސަމިޓްގައި ސައޫދީ ރަސްގެފާނު ބައިވެރިވެވަޑައި ނުގަންނަވާނެ

ބާލިން (ޖުލައި 4) : އަންނަ ހުކުރު ދުވަހާއި ހޮނިހިރު ޖަރުމަނުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖީ ޓުވެންޓީގެ ގައުމުތަކުގެ އިސްވެރިންގެ ސަމިޓްގައި ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ބައިވެރިވެވަޑައިނުގަންނަވާ ގޮތަށް ނިންމަވައިފި އެވެ.

ޖަރުމަނު ސަރުކާރުގެ ތަރްޖަމާން ސްޓީވަން ޒައިބާޓް ވިދާޅުވީ ޖީ ޓުވެންޓީގެ ސަމިޓްގައި ސައޫދީ ރަސްގެފާނު ބައިވެރިވެ ވަޑައިނުގަންނަވާނެކަން ސައޫދީ ސަރުކާރުން ރަސްމީކޮށް އަންގާފައިވާ ކަމުގަ އެވެ. ޖީ ޓުވެންޓީގެ ގައުމުތަކަކީ އިގްތިސާދީ ގޮތުން ދުނިޔޭގައި އެންމެ ބޮޑަށް ކުރިއަރާފައިވާ ވިހި ގައުމެވެ. މި ގްރޫޕްގައި ހިމެނޭ އިސްލާމީ ހަތަރު ގައުމުގެ ތެރޭގައި ސައޫދީ އަރަބިޔާ ހިމެނެ އެވެ.

ސައޫދީ ރަސްމީ ފަރާތްތަކާ ހަވާލާދީ ބައެއް ރިޕޯޓްތައް ބުނާގޮތުން އެސަމިޓްގައި ސަލްމާން ރަސްގެފާނަށް ބައިވެރިވެ ވަޑައިނުގެންނެވެނީ ގަތަރާއި ގަލްފުގެ ބައެއް ގައުމުތަކާ ދެމެދު މިހާރު އުފެދިފައިވާ މައްސަލައާ ގުޅިގެންނެވެ. ނަމަވެސް ސަލްމާން ރަސްގެފާނު ސަމިޓްގައި ބައިވެރިވެ ވަޑައިނުގަންނަވާ ސަބަބެއް ސައޫދީ ސަރުކާރުން ރަސްމީކޮށް ހާމައެއް ނުކުރެ އެވެ. ސަލްމާން ރަސްގެފާނުގެ ބަދަލުގައި އެސަމިޓްގައި ސައޫދީ ސަރުކާރު ތަމްޘީލް ކުރައްވާނީ ސައޫދީ މާލީކަންކަމާ ބެހޭ ދައުލަތުގެ ވަޒީރު އިބްރާހީމް އަލްޢައްސާފް ކަމަށް ބާލިންގައި ހުންނަ ސައޫދީ އެންބަސީން ބުނެ އެވެ.

އާންމު ގޮތެއްގައި ސައޫދީ ރަސްގެފާނު ވަޑައިނުގަންނަވާ ތަންތަނަށް ބަދަލުގައި ވަޑައިގަންނަވަނީ ސައޫދީ ވަލީއުލްއަހްދުގެ މަގާމުގައި ހުންނަވާ ބޭފުޅެކެވެ. ނަމަވެސް ޖީ ޓުވެންޓީގެ ގައުމުތަކުގެ އިސްވެރިންގެ ސަމިޓްގައި ރަސްގެފާނުގެ ބަދަލުގައި ސައޫދީ ސަރުކާރު ތަމްޘީލް ކުރައްވާ އެންމެ އިސް ފަރާތަކަށް ސްޓޭޓް މިނިސްޓަރަކު ހަމަޖެއްސުމުން ވަނީ އެތައް ސުވާލުތަކެއް އުފެދިފަ އެވެ.

ޖީ ޓުވެންޓީގެ ސަމިޓަށް ސަލްމާން ރަސްގެފާނު ޙާޒިރުވެ ވަޑައިނުގަންނަވާ ގޮތަށް ހަމަޖެހިފައިވާ އިރު ދާދިފަހުން ސައޫދީ ވަލިއުލްއަހްދުގެ މަގާމަށް ރަސްގެފާނު ގެންނެވި ބަދަލަށް ފަހު ސައޫދީ ޝާހީ އާއިލާގެ ތެރޭގައި ދެބަސްވުންތަކެއް އުޅޭކަމުގެ ޚަބަރުތަކެއްވަނީ ފެންމަތިވެފަ އެވެ. މިގޮތުން މަގާމުން ދުރުކުރި ކުރީގެ ވަލީއުލްއަހްދު މުހައްމަދު ބިން ނާޔިފް ގޭބަންދުގައި ބަހައްޓާފައިވާކަން ސައޫދީ ޝާހީ އާއިލާގެ ބައެއް އިސްބޭފުޅުންނާއި ރިޔާޒްގައި ތިއްބަވާ ހުޅަނގުގެ ބައެއް ޑިޕްލޮމޭޓުން ވަނީ ބައިނަލްއަގްވާމީ ބައެއް މީޑިއާ ތަކަށް ކަށަވަރުކޮށް ދެއްވާފަ އެވެ. ނަމަވެސް ސައޫދީ ސަރުކާރުންވަނީ މިކަން ދޮގުކޮށްފައެވެ.

އަންނަ ހުކުރު ދުވަހާއި ހޮނިހިރު ޖަރުމަނުގެ ހަމްބާގްގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖީ ޓުވެންޓީގެ ގައުމުތަކުގެ އިސްވެރިންގެ ސަމިޓަށް އެމެރިކާއާއި ރަޝިޔާގެ ރައީސުން ހާޒިރުވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް