ޒަމާންވީ ގަޑިބުރު ތަޅާލައި، ކުޑަކުރަނީ

މާފަންނުގައި ހުންނަ ގަޑިބުރު ތަޅާލާފައި: އެތަން ތަޅާލައި ކުޑަކުރަނީ ޓްރެފިކް ބާރު ކުޑަ ކުރުމަށް ކަމަށް ހައުސިން މިނިސްޓްރީން ބުނޭ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގަޑިބުރު ހިމެނޭ ސަރަހައްދުގެ ޓްރެފިކް ބާރު ކުޑަކުރުމަށް ޒަމާންވީ ގަޑިބުރު ތަޅާލައި އެތަން ކުޑަކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ފަށައިފި އެވެ.

މީގެ ކުރިން ބޮޑު ގަޑިއެއް ބަހައްޓާފައި ހުރި، އަދި ވަރަށް ފަހުން މަރާމާތުކުރި ގަޑިބުރުގެ އެއްބައި މިހާރު ވަނީ ތަޅާލާފަ އެވެ.

އެކަމާ ގުޅޭ ގޮތުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ގަޑިބުރު ހުންނަ ސަރަހައްދުގެ ޓްރެފިކް ބާރު ބޮޑުވާތީ، ބުރު ކުޑަ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ނަމަވެސް މިވަގުތު ބުރަކޮށް އުޅުއްވާތީ އެތަނަށް ދެން ހަދާނީ ކިހިނެއް ކަމެއް އަދި މަސައްކަތް ނިންމުމަށް ހަމަޖެހިފައި ވަނީ ކޮންއިރަކު ކަަމެއް ވިދާޅެއްނުވެ އެވެ.

ގަޑިބުރަކީ މާފަންނު ފަރީދީމަގާއި، ފަނޑިޔާރު މަގު އަދި އޯކިޑް މަގާއި ފުނަ ގޯޅި ގުޅޭ ގޮތަށް ހުންނަ ތަނެކެވެ.

އެގޮތުން މިހާރު ޓްރެފިކް ފުލޯ ހުންނަ ގޮތުން މަގުތަކުގައި ބާރު ބޮޑުވާ ވަގުތު ދެކޮޅަށް ދުއްވޭ ގޮތަށް އޮންނަ ފަރީދީމަގު، މަޖީދީ މަގާ ގުޅުނު ހިސާބަށް ބާރު ބޮޑުވެ އެވެ.

މާލޭގެ ޓްރެފިކް ފުލޯއަށް ފަސޭހަ ކުރުމަށް ހައުސިން މިނިސްޓްރީން އަންނަނީ ބައެއް ތަންތަނާއި މަގުތަކަށް ބަދަލުތަކެއް ގެންނަމުންނެވެ. އެގޮތުން ބައެއް ހިމަ ގޯޅިތައް ވެހިކަލަށް ނުވަދެވޭ ގޮތަށް ބަންދު ކުރާއިރު، ބައެއް ތަންތަނުގައި ޕާކުތައް އެ މިނިސްޓްރީން އަންނަނީ ތަރައްގީ ކުރަމުންނެވެ.

comment ކޮމެންޓް