އޮކްސްފޯޑް ރޯޔަލް އެކެޑަމީގައި ކިޔެވުމުގެ ފުރުސަތެއް ޣިޔާޒުއްދީން ސްކޫލްގެ ދަރިވަރަކަށް

ޢިޔާޒުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ގްރޭޑް ނުވައެއްގައި ކިޔަވަމުންދާ 14 އަހަރުގެ، އަހުމަދު އައިހަމް މުއްތަލިބް --- ފޮޓޯ/ ޖީއައިއެސް ވެބްސައިޓް

ބައިނަލްއަގްވާމީ ތައުލީމް ފޯރުކޮށްދޭ، އިނގިރޭސި ވިލާތުގެ މަޝްހޫރު ތައުލީމީ އިދާރާއެއް ކަމަށްވާ، އޮކްސްފޯޑް ރޯޔަލް އެކެޑަމީ (އޯއާރުއޭ)ގެ ސަމަރ ސްކޫލްގައި ކިޔެވުމުގެ ފުރުސަތު ދިވެހި ދަރިވަރަކަށް ލިބިއްޖެއެވެ.

އޯއާރުއޭގެ ކޯސްތަކަށް ކުރިމަތިލި ދިވެހި ދަރިވަރުންގެ ތެރެއިން ރަނުގެ އެ ފުރުސަތު ލިބިފައިވަނީ ޢިޔާޒުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ގްރޭޑް ނުވައެއްގައި ކިޔަވަމުންދާ 14 އަހަރުގެ، އަހުމަދު އައިހަމް މުއްތަލިބެވެ.

ދެ ހަފްތާގެ ފުލް ސްކޮލަޝިޕެއްގެ ދަށުން އޯއާރުއޭގައި އައިހަމް ފުރިހަމަ ކުރާނީ "އިންޓުރޮޑަކްޝަން ޓު ލީޝާޑިޕް"ގެ ކޯހެކެވެ.

އައިހަމް ބުނި ގޮތުގައި، ލީޑާޝިޕަށް އޭނާ ޝައުގުވެރިވާން ފެށީ ޢިޔާޒުއްދީން ސްކޫލުގެ ސައިންސް ކްލަބްގެ ރައީސްކަމަށް ހޮވި، ލީޑާޝިޕްގެ ރޯލެއް އަދާ ކުރަން ޖެހުމުންނެވެ.

"މި ކަމަށް ހޮވުމުން ވަރަށް އުފާވޭ. މިކަހަލަ އާ ކަންތައްތަކެއް ތަޖުރިބާ ކޮށް، އާ ރަހްމަތްތެރިންނާ ދިމާވެ އަދި އިލްމު އިތުރަށް ހޯދާ އަމިއްލަ މީހާ ކުރިއެރުމަށް މިއީ ލިބިގެންދިޔަ ރަނުގެ ފުރުސަތެއް،" އޯއާރުއޭގައި ކިޔެވުމުގެ ފުރުސަތު ލިބުމުން ޖީއައިއެސްއަށް ދިން އިންޓަވިއުއެއްގައި އައިހަމް ބުނެފައިވެއެވެ.

ދުނިޔޭގެ އެކި ގައުމުތަކުގެ އުމުރުން 8 އަހަރާއި 25 އަހަރާ ދެމެދުގެ ދަރިވަރުންނަށް ހުޅުވާލައިގެން ކޮންމެ އަހަރަކު ކުރިއަށް ގެންދާ އޯއާރުއޭގެ ސަމަރ ސްކޫލްގައި އެކި ދާއިރާތަކުގެ ކުރު ކޯސްތައް ހިންގައެވެ.

އެ ކޯސްތަކުގައި ކިޔަވައި ދެއްވާނީ އޮކްސްފޯޑް ނުވަތަ ކެބްރިޖް ޔުނިވާސިޓީސްގެ ތަޖުރިބާކާރު ޓީޗަރުންނާއި ކައުންސެލަރުންގެ އިތުރުން ދައުވަތު ދީގެން ގެންނަ ގެސްޓް ސްޕީކާސް އެވެ.

އަދި ކިޔަވައިދޭ މާއްދާގައި ނަގައިދޭ ފިލާވަޅުތަކުގެ އިތުރުން އިނގިރޭސިވިލާތުގެ އެކިތަންތަން ބަލާލުމުގެ ފުރުސަތު ވެސް އޯއާރުއޭއަށް ހޮވޭ ދަރިވަރުންނަށް ލިބިގެންދާނެއެވެ.

އެގޮތުން، މިއަހަރުގެ އޯއާރުއޭ ސަމަރ ސްކޫލްގައި މިހާތަނަށް 138 ގައުމަކުން ދަރިވަރުން ރަޖިސްޓްރީ ވެފައިވެއެވެ. އޭގެ ތެރެއިން އެންމެ ގިނަ ދަރިވަރުން ބައިވެރިވެފައިވަނީ ޗައިނާ، އެމެރިކާ، ފްރާންސްގެ އިތުރުން ގްރީސް އަދި ތުރުކީ އިންނެވެ.

comment ކޮމެންޓް