މާވެލްގެ ވާދަވެރި ޑީސީއިން މިދިޔަ އަހަރު ނެރުނު ދެ ފިލްމަށްވެސް އެންމެން ހީކުރިވަރާ ގާތަށް އާމްދަނީ ލިބިފައިނުވާއިރު ބެލުންތެރިންގެ ފާޑުކިޔުންތައް މިދެ ފިލްމަށްވެސް ވަނީ އަމާޒުވެފައެވެ. މިދިޔަ އަހަރު މާޗްމަހު ރިލީޒްވި "ބެޓްމޭން ވާސަސް ސުޕަމޭން: ޑޯން އޮފް ޖަސްޓިސް" އަދި އޮގަސްޓްމަހު ރިލީޒް ކުރި "ސުސައިޑް ސްކޮޑް" ވެސް އެންމެންގެ އުންމީދުތައް ފުނޑުފުނޑުކޮށްލީ ހީވެސް ނުކުރާކަހަލަ ގޮތަކަށެވެ.
މީގެ ތެރޭގައި އަޅުގަނޑުވެސް ހިމެނެއެވެ.
ނަމަވެސް ބޭރުދުނިޔޭގެ ހަބަރުތައް ފަތުރާ ނޫސްތަކުން "ވަންޑަރ ވުމަން" އަށް ތައުރީފްގެ ބަސްތައް އޮއްސަމުން ގެންދިޔައީ ވަކިވަރަކަށް ނޫނެވެ. ނަމަވެސް އަޅުގަނޑަކީ އެއްޗެއްގެ މޮޅުދެރަ އަމިއްލައަށް މިނެކިރަން ބޭނުންވާ މީހަކަށްވާތީ އަދި ސުޕަހީރޯ ފިލްމުތަކަށް ވަރަށް ކުޑައިރުއްސުރެ ލޯބި ޖެހިފައިވާ މީހަކަށްވާތީ މިފިލްމު ބަލާލަން ދިޔައީ އަޑުއިވުނު ވާހަކަ ތަކުގެ ހަގީގަތް އަމިއްލައަށް ދެނެގަތުމަށެވެ.
ޑީސީ އެކްސްޓެންޑެޑް ޔުނިވާސްގެ ދެވަނަ ސޯލޯ ސުޕަހީރޯ އޮރިޖިން-ސްޓޯރީ ފިލްމުކަމުގައިވާ "ވަންޑަރ ވުމަން" އަކީ އަންހެން ސުޕަހީރޯއެއް ފިލްމުގެ އިސްރޯލުން ފެނިގެންދާ މިފަދަ ފުރަތަމަ ފިލްމެވެ. މިއީ ޑަޔާނާ ޕްރިންސް (ޕްރިންސަސް ޑަޔާނާ) 'ވަންޑަރ ވުމަން' އަށް ވެގެން އަންނަ ގޮތުގެ ވާހަކައެވެ.
އިންސާނުންގެ ލޯތަކުން ފޮރުވިފައިވާ ރަށެއްކަމުގައިވާ ތެމިސްކީރާގައި އުޅޭ އެމެޒަންސް އަކީ ހުސް އަންހެނުންނެވެ. މިއީ އިންސާނީ ދަރިފަސްކޮޅު ހިމާޔަތް ކުރުމުގެ ޒިންމާ އެމީހުންގެ ބޮލުގައި އެޅިފައިވާ ބައެކެވެ. ތެމިސްކީރާގެ ރާނީ ހިޕޮލީޓާ އޭނާގެ ދަރިފުޅު ޑަޔާނާއަށް ނެވިކަމާއި ހަނގުރާމައިގެ ތަމްރީނުތައް ކުރުން މަނާކުރެއެވެ. ނަމަވެސް ޑަޔާނާގެ ބޮޑުދައިތަ އެމެޒަނުންގެ ޖެނެރަލް އެންޓައޯޕް ސިއްރިއްޔާތުގައި ޑަޔާނާއަށް ތަމްރީނުކޮށްދެއެވެ.
ކުޑަކުޑަ ޑަޔާނާ ބޮޑުވެ އިތުރަށް ތަމްރީނުތަކުގައި ބައިވެރިވެއެވެ. އަދި މިގޮތަށް ތަމްރީން ކުރަން އުޅުމުގެ ތެރޭގައި އެއްފަހަރު އޭނާގެ ބޮޑުދައިތައަށް ކޮންމެސްވަރެއްގެ އަނިޔާއެއް ވެސް ދެއެވެ.
ދެން ފެނިގެންދަނީ ތެމިސްކީރާގެ އައްސޭރިފަށުގެ ސަރަހައްދަށް ވެއްޓޭ މަތިންދާބޯޓެކެވެ. ބޯޓު ވެއްޓޭތަން ޑަޔާނާ ބަލަންހުރެއެވެ. އަދި އޭގެތެރޭގައި އިން ޕައިލެޓް އޭނާ ސަލަމާތްކުރެއެވެ. ޕައިލެޓް ސްޓީވް ޓްރެވާ އެމެޒަނުންގެ ހައްޔަރަށް ގެންދެވި އޭނާއާ ސުވާލުކުރުމުން ދުނިޔޭގައި ބޮޑު ހަނގުރާމައެއް ކުރެވޭކަމުގެ ވާހަކަ ބުނެއެވެ. އަދި އެތަކެއް ބައެއް މިހަނގުރާމައިގެ ސަބަބުން މަރުވެފައިވާ ކަމަށާއި އަދި ކުރިޔަށް އޮތްތަނުގައި މަރުވާނެކަމުގެ އިންޒާރުވެސް ޓްރެވާ ދެއެވެ.
މިސަބަބާހުރެ ޑަޔާނާ ނިންމަނީ ޓްރެވާއާއެކު ލަންޑަންއަށް ގޮސް މިހަނގުރާމައިގައި ބައިވެރިވުމަށެވެ.
މިއީ ފިލްމުގެ ކުރީކޮޅުގައި ހިނގާ ބައެއް ކަންތައްތަކުގެ ވާހަކައެވެ. މިވާހަކަތައް ގެނެސްފައިވާއިރު ބައެއްވާހަކަތައް އަޅުގަނޑު ގަސްތުގައި އުނިކުރީމުއެވެ. އެއީ ފިލްމުގައި ހިނގާ މުހިންމު ކަންތައްތައް މިފިލްމު އަދި ނުބަލާ ފަރާތްތަކަށް ކިޔައި ނުދިނުމަށެވެ. ބާކީބައި ފިލްމު ބަލާލުމުން ސާފު ވެގެންދާނެއެވެ.
މިފިލްމުން އަޅުގަނޑަށް އެހެން ޑީސީ އެކްސްޓެންޑެޑް ޔުނިވާސްގެ ފިލްމަތަކާއި އަޅާކިޔާއިރު ފާހަގަވި ބައިވަރު ތަފާތުތަކެއް އެބަހުއްޓެވެ. އެންމެ ފުރަތަމަ ފާހަގަ ކޮށްލެވޭ ކަމަކީ ފިލްމުގެ 'ޓޯން' އެވެ. ޑީސީއިން މިހާތަނަށް ނިކުތް ގިނަ ފިލްމުގަކުގެ ފިނިޝިންގް ގައި ބޭނުންކޮށްފައިވާ 'އަނދިރި' ކުލަ ޓޯންތަކުގެ ބަދަލުގައި އަލި ކުލަތައް ބޭނުންކޮށްފައިހުރުން، ނަމަވެސް ފިލްމުގައި ހިމެނޭ "ނޯ މޭންސް ލޭންޑް" ސީކުއެންސް އަދި ފައިނަލް ސީކުއެންސްގައި ކުރީގެ ފިލްމުތަކާއި އެއްގޮތަށް ޓޯން ބޭނުންކުރެވިފައިވެއެވެ. އެކަމަކު މުޅި ފިލްމުގައި އެއް ޓޯން-ސެޓިންގް އެއް ގެންގުޅެފައެއް ނެތެވެ.
ފިލްމުން ފާހަގަވި އަނެއްކަމަކީ ފިލްމުގައި "ކޮމިކަލް" ނުވަތަ ސަމާސާ ނުވަތަ މަޖާބައިތައް ފިލްމުގެ ސީރިއަސް ޓޯންގެ ތެރެއަށް ފައްތާފައިވާ ފުރިހަމަކަމެވެ. މިފަދަ "ކޮމިކަލް" ކަންތައްތައް މިފިލްމުގައި ގެނެސްފައިހުރީ މުޅިންވެސް ވަގުތާއި ހާލަތާ ގުޅުވައިގެން ކަމުން އެއްވެސް ޖޯކެއް ބޭކާރުވެގެންދާ ތަނެއް ނުފެނެއެވެ.
ފިލްމެއް ރީތިވާ އަނެއް ސަބަބަކީ ފިލްމުގެ ޓެކްނިކަލް ކަންތައްތައް ފުރިހަމަވެ އަދި ފިލްމުގައި ދައްކައިދޭ މަންޒަރުތަކާއި ގުޅޭ ގޮތަށް ބެކްގްރައުންޑް ސްކޯ ގެނެސްދެވިފައިވުމެވެ. ފިލްމުގެ ޕްރިންސިޕަލް ފޮޓޮގްރަފީއަދި ސިނެމެޓޮގްރަފީގެ މަސައްކަތް ކޮށްފައިވަނީ މެތިއު ޖެންސެންއެވެ. މީނާގެ ފާހަގަ ކޮށްލެވޭ ޕްރޮޖެކްޓްތަކުގެ ތެރޭގައި އެޗްބީއޯގެ ހިޓް ސީރީސްތައް ކަމަށްވާ ޓްރޫ ބްލަޑް އަދި އެންމެންގެ ތެރޭގައިވެސް މަގުބޫލު ގޭމް އޮފް ތްރޯންސް ހިމެނެއެވެ. ފިލްމުގެ ސިނެމެޓޮގްރަފީ ވަރަށްވެސް ފުރިހަމަވެފައި ފިލްމުގެ ތީމްއާވެސް ގުޅެއެވެ.
'ވަންޑަރ ވުމަން'ގެ ސްކްރީންޕްލޭއަކީ ފިލްމުގެ އެންމެ ފާހަގަކޮށްލެވޭ އަނެއް ކަންތަކެވެ. މިފިލްމުގެ ސްކްރީންޕްލޭ ތައްޔާރުކޮށްދީފައިވަނީ އެލަން ހައިންބާގްއެވެ. ފިލްމުގައި ބޭކާރުވެގެންދާ ޑައިލޮގެއް ނުވަތަ ފޫނުބެއްދޭ ޕްލޮޓް ޕްއިންޓެއް ނެތުމަކީ މީނާގެ މަސައްކަތުގެ ފުރިހަމަކަމެވެ.
މިފިލްމު އެހާ ރަނގަޅު ފިލްމަކަށް ވެގެންދިޔަ އެންމެ މުހިންމު ސަބަބަކީ ފިލްމުގެ ކާސްޓްއަދި ޑައިރެކްޓާކަމުގައި އެންމެންވެސް ގަބޫލުކުރާއިރު އަޅުގަނޑުވެސް އެކަމަށް އެއްބަސްވަމެވެ. އެކްޓްރެސް ގެލް ގެޑޮޓް 'ވަންޑަރ ވުމަން' އަށް އައު ދިރުމެއް ގެނެސްދީފައިވާއިރު އެކްޓާ ކްރިސް ޕައިންވެސް ސްޓީވް ޓްރެވާގެ ރޯލުގައި ވަރަށް ހިތްގައިމެވެ. މިފިލްމުން ދެން އެންމެ ފާހަގަކޮށްލެވުނީ ނެޓްފްލިކްސް ގެ މަޝްހޫރު ސޯވް 'ހައުސް އޮފް ކާޑްސް' ގައި ކްލެއާ އަންޑަވުޑްގެ ބައިން ފެނިގެންދާ ރޮބިން ރައިޓް، އޭނާ ކުޅެފައިވާ ޖެނެރަލް އެންޓައޯޕްގެ ބައި ގެނެސްދީފައިވާ ފުރިހަމަކަމެވެ.
ޑީސީއިން މިދިޔަ އަހަރު ކުރަންޖެހުނު ހިތި ތަޖުރިބާއަށް ގެނެސްދިން ފޮނި ނިމުމަކީ މިއަހަރު ރިލީޒް ކުރެވިގެންދިޔަ 'ވަންޑަރ ވުމަން' ކަމާއި މެދު އެއްވެސް ޝައްކެއްނެތެވެ. އަދި މިހާރު މިފިލްމުވަނީ މިދިޔަ އަހަރު ނުކުތް 'ސުސައިޑް ސްކޮޑް' އަށްވުރެ ބޮޑު އާމްދަނީއެއް ހޯދައި 'ބެޓްމޭން ވާސަސް ސުޕަމޭން: ޑޯން އޮފް ޖަސްޓިސް' އާއި ހަމަޔަށް ކައިރިކުރުމަށް މިސްރާބުޖަހައިފައެވެ.