ދަނގެއްޗަށް ހޮނު އަޅައި، ޓީވީތައް ހަލާކުވި އީދެއް!

އދ. ދަނގެތީގެ ބޮޑުމަގު -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

(އދ. ދަނގެތި): މިދިޔަ ހޯމަ ދުވަހު، ދަނގެތީގައިވެސް ފިތުރު އީދު ފާހަގަކުރުމުގެ ކަންކަން ކުރިޔަށް ގެންދިޔައެވެ. ރީތި ހިތްގައިމު ދުވަސް ނިމިގެން ދިޔައީ މާޔޫސީ، ބަނަ ގޮތަކަށެވެ.

ދަނގެތީގެ ޖަމިއްޔަތުލް އަންވާރުގެ ފަރާތުން ކޮންމެ އަހަރަކުވެސް ފިތުރު އީދަށް ބާއްވާ "އަންވާރު ފުޓްސަލް ކަޕް" ފެށީ އެދުވަހު ހަވީރުއެވެ. މިއީ އެރަށުގައި ކޮންމެ އަހަރަކުވެސް ބާއްވާ އެންމެ މުހިންމު، އެންމެ ހައިބަތުހުރި އެއް ހަރަކާތެވެ.

އަންވާރް ފުޓްސަލް މުބާރަތުގެ ތެރެއިން-- ސަން ފޮޓޯ/ އިބްރާހިމް މާހިލް

މުބާރާތުގެ ފުރަތަމަ މެޗު ހަވީރުގެ ވަގުތު ކުޅެ ނިންމައި، މެޗުގެ ނަތީޖާއާއި މޮޅު ކުޅުންތެރިޔާ އިއުލާން ކުރުމަށް ތައްޔާރުވަމުން ދިޔަ ވަގުތު، އިސާހިތަކު މާހައުލު ދިޔައީ ބަދަލުވެގެންނެވެ.

ކުއްލިއަކަށް މުޅި އުޑުމަތި ބަނަވެ، ވާރޭ އޮއްސާލިއެވެ. ވިދުވަރާއި، ބާރު ގުގުރިއެވެ.

ސްޓެލްކޯއިން ދަނގެތީގައި ހިންގާ އިންޖީނުގެއިން ކަރަންޓުގެ ޚިދުމަތް، 15 ވަރަކަށް މިނިޓަށް ކެނޑިގެން ދިޔައެވެ.

"ވިއްސާރައާ، ވިދުވަރާއި ބާރު ގުގުރިއާ އެކު ދިޔަގޮތަށް ހޮނު އަޅައި، ކަރަންޓު ކެނޑުނީ،" ދަނގެތިން ވާހަކަދެއްކި ރައްޔިތަކު ކިޔައިދިނެވެ.

ފުޓްސަލް މުބާރާތް ބަލަން ދަނޑަށް އެއްވެ ތިބި ހުރިހާ ރައްޔިތުން އެވަގުތު ތިބީ ދަނޑުގެ ރޮސްޓްރަމްގެ ހިޔަލުގައެވެ.

އދ. ދަނގެތީ ސިއްހީ މަރުކަޒް -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

ދަނގެތީގައި ދިރާގުގެ އެންޓަނާއެއް ހުންނަ އިރު، ރަށަށް އެޅި ހޮނާއި އެކު ދިރާގުގެ ޚިދުމަތަށް ކޮންމެވެސް ވަރެއްގެ ބުރޫއެއް އެރިކަމަށް ރަށުގެ ރައްޔިތުން ބުނެއެވެ.

ދަނގެއްޗަށް އީދު ދުވަހުގެ އިރު އޮއްސުނު ވަގުތު ދިމާކޮށްލި ކޮޅިގަނޑުގައި ހޮނު އެޅުމުގެ ސަބަބުން އެރަށުގެ ގިނަ ގޭގޭގައި ގެންގުޅޭ އިލެކްޓްރޯނިކް ސާމާނުތަކެއް ހަލާކުވެގެން ދިޔައެވެ. ރަށުން ވާހަކަދެއްކި ރައްޔިތަކު ބުނީ 16 ވަރަކަށް ޓީވީ ހަލާކުވި ކަމަށެވެ.

އެހެން ނަމަވެސް ރަށުގެ ކައުންސިލުން މައުލޫމާތުދޭ ގޮތުގައި، އެދުވަހު މަދުވެގެން 25 އަކަށް ޓީވީ ހަލާކުވެގެން ދިޔައެވެ. ޓީވީގެ އިތުރުން ބައެއް ކޮމްޕިއުޓަރުތަކާއި، ސީޕީޔޫތަކާއި ބައެއް ގޭގޭގެ ފަންކާތައް ވެސް ހަލާކުވެގެން ދިޔައެވެ.

ރައްޔިތަކު ބުނި ގޮތުން، އޭނާގެ ގޭގައި ހުރި ތިން ޓީވީ ހަލާކުވިއެވެ. ރަށު ސިއްހީ މަރުކަޒުގެ ޓީވީވެސް ވީ ހަލާކެވެ.

އދ. ދަނގެތީ ބަނދަރު -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

ރަށު ކައުންސިލުން ބުނި ގޮތުގައި، އެންމެ ބޮޑަށް އަސަރުކުރީ، ރަށުގެ އުތުރުގައިވާ ދިރާގުގެ އެންޓެނާއާ ގާތުގައި ހުރި ގެތަކަށެވެ.

މިދިޔަ ހަފްތާގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ދަނގެއްޗަށް އީދު ދުވަހު ބޮޑު ކޮޅިގަނޑެއް ލައްވާލި ނަމަވެސް، އެދުވަހުގެ ފަހުން ރަށުގެ މޫސުން ވަރަށް ޗާލެވެ.

ދަނގެތީގައި އީދު ދުވަހު ފެށި ފުޓްސަލް މުބާރާތުގެ ފުރަތަމަ މެޗު ނިންމާލަން ޖެހުނީ ރަސްމީކޮށް މެޗުގެ ނަތީޖާއާއި މޭން އޮފް ދަ މެޗު އިއުލާނު ނުކޮށް، އަދި އެ ކުޅުންތެރިޔާއަށް ތަށި ވެސް ނުދީއެވެ.

comment ކޮމެންޓް