އީދު ނަމާދަށް ފަހު ކަޝްމީރުގައި އަނެއްކާ ވެސް ކުރިމަތިލުންތައް ފެށިއްޖެ

ކަޝްމީރުގައި އިންޑިޢާގެ ސަލާމަތީ ބާރުތަކާ ދެމެދު ކުރިމަތިލުންތައް ހިނގަނީ

ފިތުރު އީދު ނަމާދަށް ފަހު، ކަޝްމީރުގައި މިނިވަންކަމަށް އެދި މުޒާހަރާކުރި މީހުން ކޮންޓްރޯލް ކުރުމަށް ޓަކައި އިންޑިއާގެ ސަލާމަތީ ސިފައިން ކަރުނަ ގޭހާއި ޕެލެޓްގަން ބޭނުންކުރުމުގެ ސަބަބުން އެ ދެފަރާތުގެ ދެމެދުގައި ވަރުގަދަ ކުރިމަތިލުންތަކެއް ފެށިއްޖެ އެވެ.

އެ ކުރިމަތިލުންތައް ފެށުނީ މުޒާހަރާ ކުރާމީހުން ކަޝްމީރުގެ ވެރިރަށް ސްރީނަގަރުގައި އީދު ނަމާދަށް ފަހު އިންޑިއާގެ ސަލާމަތީ ސިފައިންނާ ދިމާއަށް ގާއުކަން ފެށުމުން ކަމަށް ރިޕޯޓުތައް ބުނެ އެވެ. އަދި ގިނަ މީހުން ވަނީ މިމުޒާހަރާގައި ޕާކިސްތާނުގެ ދިދަ ބޭނުންކޮށްފަ އެވެ.

ކަޝްމީރުގެ މުޒާހަރާގައި ޕާކިސްތާނުގެ ދިދަ ނަގަނީ

ކަޝްމީރުގެ އެހެނިހެން ސިޓީތައް ކަމަށްވާ އަނަންތްނާންގް، ސޮފިއާން، ކުލްގަމް އަދި ޕުލްވަމާގައި ވެސް ކުރިމަތިލުންތައް ހިނގި އެވެ.

އިންޑިއާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި އެ ކުރިމަތިލުންތަކުގައި މިހާތަނަށް ސިފައިންގެ ފަސް މީހަކާއި އާންމުންގެ 20 މީހުންނަށް ވަނީ ތަފާތު އަނިޔާތައް ލިބިފަ އެވެ.

ކަޝްމީރުގައި މިދިޔަ ރޯދަމަހުގައި ވެސް ވަނީ މިފަދަ ތަފާތު ހަމަނުޖެހުމާ ކުރިމަތިލުންތަކުގައި 50 މީހުން މަރުވެފަ އެވެ.

ކަޝްމީރުގައި މިފަހަކަށް އައިސް ހަމަނުޖެހުންތައް ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. މުސްލިމުންގެ ބައިގިނަ މި ސްޓޭޓްގައި ދަނީ އިންޑިއާގެ ކިބައިން މިނިވަންކަން ހޯދުމަށް އެދި ގަވައިދުން މުޒާހަރާތްތައް ބާއްވަމުންނެވެ.

އިންޑިއާއިން ދަނީ ކަޝްމީރުގައި ހިންގާ ހަމަނުޖުހުންތައް ޕާކިސްތާނުގެބޮލުގައި އަޅުވަމުންނެވެ. ނަމަވެސް ޕާކިސްތާނުން އެ ތުހުމަތުތައް ދޮގުކުރެ އެވެ.

ކަޝްމީރަކީ އިންޑިއާ އާ ޕާކިސްތާނާދެ މެދު ދެބައިވެފައިވާ ސަރަހައްދެކެވެ. ނަމަވެސް ދެފަރާތުން ވެސް ދަނީ ކަޝްމީރުގެ މިލްކުވެރިކަމަށް ދައުވާކުރަމުންނެވެ. އަދި ކަޝްމީރުގެ މައްސަލައިގައި ދެފަރާރުން ވަނީ މީގެ ކުރިން ތިން ހަނގުރާމައެއްކޮށްފަ އެވެ.

comment ކޮމެންޓް