ވަންޑާ ވުމަން: އަންހެނަކު ޑައިރެކްޓްކުރި ދުނިޔޭގެ އެންމެ އާމްދަނީ ބޮޑު ފިލްމު

ދެހާސް ތޭރަ ވަނަ އަހަރު ނިކުތް "މޭން އޮފް ސްޓީލް" ފިލްމުން ވަނީ ޑީސީގެ އެކްސްޓެންޑެޑް ޔުނިވާސް ފެށިގެން ގޮސްފަ އެވެ. އޭގެ ފަހުން މިދިޔަ އަހަރު ނުކުތް "ބެޓްމޭން ވާސަސް ސުޕަމޭން: ޑޯން އޮފް ޖަސްޓިސް" އަކީ އެ ޔުނިވާސްގެ ދެވަނަ އެވެ. އަދި "ސުއިސައިޑް ސްކޮޑް" އަކީ ތިންވަނަ ފިލްމެވެ.

ނަމަވެސް ބެލުންތެރިންނާ ކްރިޓިކުންނަށް މިތިން ފިލްމު އެހާ ކަމުދާ ގޮތެއް ނުވި އެވެ. އޭގެ ތެރެއިން ކިރިޔާ ވެސް ބެލުންތެރިން އަދި ފާޑުކިޔުންތެރިން ރަނގަޅު ކަމަށް ފާހަގަ ކުރީ "މޭން އޮފް ސްޓީލް" އެވެ. އޭރު ޑީސީގެ އިދިކޮޅު މާވެލް އިން ދިޔައީ ކާމިޔާބީގެ ފޮނިކަން ފުރިހަމަ ގޮތުގައި ލިބިގަންނަމުންނެވެ.

މިސަބަބުތަކާ ހުރެ ޑީސީއަށް އެމީހުންގެ އެކްސްޓެންޑެޑް ޔުނިވާސް ދެން ނެރޭ ފިލްމަކީ މުހިންމު ފިލްމަކަށްވި އެވެ. ނާކާމިޔާބީއާ ތިން ފަހަރު ކުރިމަތި ލާން ޖެހި ޑީސީގެ އަގު އޮތީ އެންމެހާ ބެލުންތެރިން އަދި ފާޑުކިޔުންތެރީގެ ކުރިމަތީގައި ވަރަށް ބޮޑަށް ހީނަރުވެފަ އެވެ.

އެމީހުން ދެން އިއުލާނު ކުރީ، ޑީސީ "ދަ ޓްރިނިޓީ" އަށް ނިސްބަތްވާ ތިން ސުޕަހީރޯގެ ތެރެއިން ހަމައެކަނި އަންހެން ބައިވެރިޔާ އަދި މުޅި ދުނިޔޭގައި ވެސް އެންމެ މަޝްހޫރު އަންހެން ސުޕަހީރޯގެ ސޯލޯ ފިލްމު ނެރުމަށެވެ. އެހާ ހިސާބުން ހޮލީވުޑްގެ އެނެލިސްޓުންނާއި ކްރިޓިކުން ދިޔައީ އަންހެން ސުޕަހީރޯ ފިލްމެއް ހިނގާނެކަމާ ދޭތެރޭ ސުވާލު އުފައްދަމުންނެވެ. އެއްބަޔަކު ލަފާ ދެމުން ދިޔައީ ދުނިޔޭގެ އޯޑިއަންސް އަދި އަންހެން ސުޕަހީރޯއެއްގެ ސޯލޯ ފިލްމެއް އެހާ ބޮޑަށް ބަލައިނުގަންނާނެ ކަމަށެވެ.

ވަންޑާ ވުމަން ގެ ޕޯސްޓަރެއް --- ފޮޓޯ: ޑީސީ

ކަންވީ މިއާ ވަރަށް ބޮޑުތަން ހިލާފަށެވެ. ދެހާސް ތިން ވަނަ އަހަރު "ބެސްޓް ޑައިރެކްޓާ"ގެ ރަންވަނަ އޭނާ ޑައިރެކްޓް ކުރި "މަންސްޓާ" އިން ހޯދި ޕެޓީ ޖެންކިންސް ޑައިރެކްޓް ކޮށް އަދި އިސްރާއީލަށް އުފަން ކުރީގެ ސުޕަމޮޑަލް އަދި "ފާސްޓް އެންޑް ފިއުރިއަސް" ފްރެންޗައިސްގައި ޖިސޭލްގެ ރޯލުން އެންމެންގެ ލޮލުގައި އަޅައިގަތް ގެލް ގެޑޮޓް، ވަންޑާ ވުމަންގެ ރޯލުން ފެނިގެންދާ "ވަންޑާ ވުމަން"ވީ ކްރިޓިކުން އަދި ހޮލީވުޑް އެނެލިސްޓުންގެ އިތުރުން ބެލުންތެރިން ހީވެސް ނުކުރާހާ މޮޅު އަދި ކުޅަދާނަ ފިލްމަކަށެވެ.

އެވްރެޖް އެކްޓިންގް އެއް ހުންނަ ކަމަށް ގިނަބަޔަކު ގަބޫލުކުރާ ގެލް ގެޑޮޓް ދުނިޔޭގެ އެންމެން ސިއްސުވާލީ ޑަޔާނާ ޕްރިންސް ނުވަތަ ވަންޑާ ވުމަންގެ ގޮތުގައި ނުހަނު ފުރިހަމަ އެކްޓިންގް އެއް ދައްކާލައިގެންނެވެ.

ފިލްމު ރިލީޒް ކުރިތާ މާގިނަ ދުވަސްތަކެއް ނުވެ އެންމެންގެ ހިތްއަތުލައި ހޮލީވުޑްގެ ބޮކްސް އޮފީހުގައި "ވަންޑާ ވުމަން" އެތައް ދުވަހެއް ވަންދެން ރަސްކަންކޮށްފައިވެ އެވެ. މިވަގަތު މިފިލްމު އޮތީ ބޮކްސް އޮފީހުގެ ދެވަނައިގަ އެވެ. އެއްވަނާގައި މިހާރު އޮތީ ޑައިރެކްޓަރު މައިކަލް ބޭގެ "ޓްރާންސްފޯމާސް: ދަ ލާސްޓް ނައިޓް" އެވެ.

ޑީސީ އެކްސްޓެންޑެޑް ޔުނިވާސް ފުރަތަމަ ކާމިޔާގެ ފިލްމުގެ ލަގަބު ހޯދާފައިވާ "ވަންޑާ ވުމަން" އަށް ދުނިޔޭގެ ބޮކްސް އޮފީހުން ވަނީ މިހާތަނަށް 652.9 މިލިއަން ޑޮލަރު ލިބިފަ އެވެ. މިއަދަދާ އެކު "ވަންޑާ ވުމަން" ވަނީ އަންހެނަކު ޑައިރެކްޓް ކުރި ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ހޯދައިފައިވާ ފިލްމަށެވެ. ކުރިން މި ލަގަބު އޮތީ ޑައިރެކްޓަރު ފިލީޑާ ލޮއިޑްގެ މިއުޒިކަލް ޑްރާމާ "މާމާ މިއާ"ގެ އަތުގަ އެވެ.

ބޮކްސް އޮފީހުގެ ދެވަނައިގެ "ވަންޑާ ވުމަން" މިވަގުތު އޮތްކަމުގައިވިޔަސް އަންނަން އޮތް ދުވަސްތަކުގައި ވެސް މިފިލްމުން ރަނގަޅު އާމްދަނީ އެއް ހޯދޭނެ ކަމަށް ހޮލީވުޑް ރިޕޯޓާ އިން ހާމަކުރެ އެވެ.

ހޮލީވުޑްގެ ފިލްމު އިންޑަސްޓްރީގައި ދެޖިންސަށް ހަމަހަމަކަމަށް ގިނަބަޔަކު ވަކާލާތުކޮށް އަޑު އުފުލަމުންދާ ޒަމާނެއްގައި "ވަންޑާ ވުމަން" ފަދަ ފިލްމަކަށް މިފަދަ ބޮޑު ކާމިޔާބީއެއް ލިބިގެންދިޔުމަކީ ވަރަށް ބޮޑަށް ފާހަގަކުރަން ޖެހޭ ކަމެކެވެ. ހޮލީވުޑްގައި ޒަމާނުއްސުރެ ނަސްލީ ތަފާތުކުރުންތަކާއި ދެޖިންސްގެ ތަފާތުކުރުންތައް އޮންނަ ކަމަށް ޒަމާނުއްސުރެ ދެކެވޭ އިރު އެއިންޑަސްޓްރީގެ ބައެއް ނަންމަޝްހޫރު މީހުންނަކީ "ވައިޓް ވޮޝިންގް" އަށް ސަޕޯޓުކުރާބަޔަކަށް ވާތީ އެކަމާ ދެކޮޅަށް އެކްޓަރުން އަދި ޑައިރެކްޓަރުން މިފަހަކަށް އައިސް އަޑުއުފުލަމުން ގެންދިޔުން ވަނީ އިތުރުވެފަ އެވެ.

2016ގައި ނިކުތް ވަންޑާ ވުމަން އިޝޫގެ 48ގެ ކަވާ ޕޭޖް --- ފޮޓޯ: ޑީސީ

ފާހަގަ ކޮށްލެވޭ އަނެއްކަމަކީ އެކްޓްރެސް ގެލް ގެޑޮޓަށް "ވަންޑާ ވުމަން" އިން ލިބުނު ކަމަށް ރިޕޯޓުކުރާ ކުޑަ މުސާރައިގެ ވާހަކަ އެވެ. ހޮލީވުޑްގެ އެކި ނޫސްތަކުން އިއްތިފާގުވާ ގޮތުގައި ގެޑޮޓަށް މިފިލްމު ކުޅިގެން ލިބުނު މުސާރައަކީ 300،000 ޔޫއެސް ޑޮލަރެވެ. ގިނަ ބަޔަކު ދަނީ މިކަމާ ގުޅިގެން ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ނަމަވެސް އެކްޓާ ކްރިސް އެވާންސް އަށް "ކެޕްޓަން އެމެރިކާ: ދަ ފަސްޓް އެވެންޖާ" އިން ވެސް ލިބުނީ ހަމަ މިހާ ވަރެވެ. ފަހަރުގައި ޓްރިލޮޖީގެ ފުރަތަމަ ފިލްމުގައި އެކްޓަރުންނަށް އެހާ ބޮޑު މުސާރައެއް ކަނޑަނާޅަނީ އެފިލްމު ކާމިޔާބު ނުވަތަ ނާކާމިޔާބު ވޭތޯ ބަލައި ފިލްމު އުފެއްދުމުގައި ހަރަކާތްތެރިވި އެއްވެސް ބަޔަކަށް ގެއްލުން ނުލިބޭނެ ގޮތެއް ކަނޑައެޅުމުގެ ނިޔަތުގަ އެވެ.

comment ކޮމެންޓް