ގއ. ވިލިނގިލީގައި ފުރަތަމަ ފަހަރަށް ބޮޑު ޖަމާއަތުގައި އީދު ނަމާދުކޮށްފި

ގއ. ވިލިނގިލީގައި އީދު ނަމާދު ކުރުމަށް މިއަދު ހެދި ބޮޑު ޖަމާއަތް --- ފޮޓޯ/ ތަމްހީން ހަސަން

ގއ. ވިލިނގިލީގައި ފުރަތަމަ ފަހަރަށް ބޮޑު ޖަމާޢަތުގައި އީދު ނަމާދު ކޮށްފިއެވެ.

އެރަށު ކައުންސިލްގެ ރައީސް މުސްތަފާ މުހައްމަދު މިއަދު "ސަން"އަށް ވިދާޅުވި ގޮތުގައި، މިއަދު އެރަށުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރީ، އެރަށު ބަނދަރު ސަރަހައްދުގައެވެ.

މުސްތަފާ ވިދާޅުވީ ވިލިނގިލިން ގިނަ އަދަދެއްގެ ރައްޔިތުންނާއި، ވިލިނގިލި ކައިރީގައި ހުންނަ އިންޑަސްޓްރިއަލް ރަށްރަށާއި ޔޮޓުތަކުގައި މަސައްކަތްކުރާ ދިވެހީން ހިމެނޭ ގޮތަށް، 2،000 ވަރަކަށް މީހުން އީދު ނަމާދުގެ ޖަމާއަތުގައި ބައިވެރިވި ކަމަށެވެ.

އޭނާ ވިދާޅުވީ، ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިންވެސް ބޮޑު ޖަމާއަތުގައި ކުރި އީދު ނަމާދުގައި ބައިވެރިވި ކަމަށެވެ. އީދު ނަމާދުގެ ޖަމާއަތް ތައްޔާރުކުރީ ރަށު ކައުންސިލް އިސްވެ އޮވެ، އެރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއި، ރަށުގެ އަވަށްތަކާއި، މަދަނީ ޖަމިއްޔާތަކާއި ރައްޔިތުން އެކުގައި މަސައްކަތް ކޮށްގެންނެވެ.

އީދު ނަމާދަށްފަހު އެރަށުގައި ރައްޔިތުންނަށް ޚާއްސަ ސައެއްވެސް ހެނދުނު އޮތެވެ. ކައުންސިލްގެ ރައީސް ވިދާޅުވީ، އެ ސައި ތައްޔާރުކުރީ ރަށުގެ ޖަމްއިއްޔާތަކާއި ރައްޔިތުން ގުޅިގެން ކަމަށެވެ.

ފިތުރު އީދާ ގުޅިގެން އެހެން ރަށްރަށެކޭ އެއްފަދައިން ގއ. ވިލިނގިލީގައި މިއަދު ވަނީ ސަގާފީ ކުޅިވަރުތައް ފަށައިފައެވެ. ރަށު ކައުންސިލްގެ ރައީސް މުސްތަފާ ވިދާޅުވީ، މިއަދުން ފެށިގެން މި މަހުގެ 27 ގެ ނިޔަލަށް އެރަށުގައި އީދު ކުޅިވަރުވެސް ކުރިޔަށް ދާނެ ކަމަށެވެ.

comment ކޮމެންޓް