ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގެ ކެންޓީނުން މީދާ ފެނިގެން ވަގުތީ ގޮތުން، އިއްޔެ ބަންދުކޮށްފިއެވެ.
ސޯޝަލް މީޑިއާގައި ވަނީ، އެ ސުކޫލުގެ ކެންޓީނުގައި ހުރި ހެދިކާތަކުގެ މަތިން މީދަލެއް ދުވާ މަންޒަރު ފެންނަ ކުރު ވީޑިއޯއެއް އާންމުވެފައެވެ.
'ސަން'އިން ސުވާލުކުރުމުން ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ތަމްހީދު ވިދާޅުވީ، އެ ކަމެއް ހިނގީ އިއްޔެ ހެނދުނު ކެންޓީނަށް ހެދިކާ ނެރުނުތާ އިރުކޮޅެއް ފަހުން ކަމަށެވެ. އޭރު އެއްވެސް މީހަކު ހެދިކާ ކައިފައިނުވާ ކަމަށާއި މި ފަދަ ކަމެއް މި ދިމާވީ އަލަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ ކެންޓީނުގައި މީދަލެއް ---
"[މީދާ ފެނުނީ] އަޅުގަނޑުމެންގެ ސްޓާފަކަށް. ފެނިގެން އަޅުގަނޑަށް އެންގީމަ އެ ތަނަށް އެޓެންޑުވިން. އަޅުގަނޑު ދިޔައިރު، ކެންޓީނުގައި ހުރި ހެދިކާތައް ވެސް ނަގައިފި. މީދާ ވެސް ނެތް،" ތަމްހީދު ކިޔައިދެއްވިއެވެ.
މީގެއިތުރުން، ވިލިނގިލީ ޕަބްލިކް ހެލްތު ޔުނިޓުން އައިސް ބެލުމަށް ފަހު ޚިދުމަތް ނުލިބޭ ގޮތަށް ކެންޓީން ވަގުތީ ގޮތުން ބަންދުކުރި ކަމަށް އޭނާ ވިދާޅުވިއެވެ.
ތަމްހީދު ވަނީ، އެ ކަމުގެ މައުލޫމާތު އެޑިއުކޭޝަން މިނިސްޓްރީއާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އަށް އަންގާފައިވާ ކަމަށާއި އެ މައްސަލަ ބެލުމަށް ފަހު، އެޗްޕީއޭއިން ފިޔަވަޅު އަޅާނެކަން ފާހަގަކުރައްވާފައެވެ.
ސުކޫލެއްގެ ކެންޓީނުން މީދާ ފެނުނުއިރު، ހުޅުމާލޭގެ ރަސްމީ ލޯކަލް މާރުކޭޓުގައި ކަރައެއް ކާން މީދަލެއް އޮތް މައްސަލައެއް ވެސް ދާދި ފަހުން ފެންމަތިވެފައިވެއެވެ.
އޭރު، "ސަން" އިން ކުރި ސުވާލަކަށް ޖަވާބުދެމުން, މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނި ގޮތުގައި، އެ ވީޑިއޯ އާންމުވުމާއެކު އެ އޮތޯރިޓީގެ ޓީމަކުން ވަނީ ހުޅުމާލޭގެ ލޯކަލް މާރުކޭޓަށް ގޮސް އެ ތަން އިންސްޕެކްޓުކޮށްފައެވެ. އަދި އެ އިންސްޕެކްޝަނަށް ފަހު، މާރުކޭޓުގައި ރަނގަޅު ކުރަން ޖެހޭ ކަންކަން ފާހަގަކޮށް، އެ ކަންކަން މިހާރު ރަނގަޅު ކުރަމުންދާ ކަމަށް އެމްއެފްޑީއޭއިން ވަނީ ބުނެފައެވެ.
ކާބޯތަކެތި ވިއްކާ ތަންތަނުގައި މީދާ ފަދަ ތަކެތި އުޅުމަކީ އާންމު ސިއްހަތަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް ކަމަށް ސިއްހީ މާހިރުން އިންޒާރުދެއެވެ.