އީދު ދުވަސް އައި އިރު މާލޭގެ ފަޅު، ފަޅުވެއްޖެ

ނޯތު ޕޯޓު ހުސްވެފައި -- ސަން ފޮޓޯ

ބޯޓުފަހަރުތަކުން އަބަދުވެސް ފުރާލާފައި އޮންނަ ނޯތު ހާބަރު ސަރަހައްދަށް ގޮސް ނަޒަރު ހިންގާލުމުން ފެންނަނީ ކުރިން ފެންނަ މަންޒަރެއް ނޫނެވެ. އީދު ޗުއްޓީއާ ދިމާކޮށް މުޅި ބަނދަރު ވަނީ ފަޅުވެފައެވެ. ދެކުނުގެ ބައެއް އަތޮޅުތަކަށް ދަތުރު ކުރާ މުދާ އުފުލާ ބޯޓު "އާގަލާ" ފިޔަވައި އެންމެ ބޯޓެއްވެސް މިއަދު އެ ބަނދަރަކު ނެތެވެ. އުދުހިލާ ގޮސް ބިމަށް ތިރިކޮށްލާ ކޮތަރުތައް ފިޔަވައި އެހެން ދިރުމެއް އެތަނުން މިއަދު ނުފެނެ އެވެ. އެތަން ފަޅުވީކީ ނޫނެވެ. އަބަދު ފުރިފައި އޮންނަ މާލޭގެ ފަޅު އެއްކޮށް ހުސްވީ އެވެ. ބޯޓެއް ނެތީ އެވެ. މިއަދު އެ ބަނދަރު އޮތީ ބަންދުވެސް ކޮށްފައެވެ.

އީދާ ދިމާކޮށް އަބަދުވެސް ދިވެހިން އެކި ރަށް ރަށަށް ދަތުރު ކުރެއެވެ. އެއީ ފިތުރު އީދަށް ވިޔަސް އަޟްހާ އީދަށް ވިޔަސްމެއެވެ. މިއީ ދިވެހިންގެ ޒަމާންވީ އާދަކާދައެއް ކަމާމެދު ޝައްކެއް ނެތެވެ.

ނޯތު ޕޯޓު ހުސްވެފައި -- ސަން ފޮޓޯ

ރޯދަމަހުގެ ވަރުބަލިކަން ފިލުވާލަން ގިނަ ފަރާތްތަކުން އިޚްތިޔާރު ކުރަނީ އަތޮޅުތެރޭގެ ރަށަކަށް ގޮސް ރަށްފުށުގެ ދިރިއުޅުން ތަޖުރިބާކޮށްލައި "ރިލެކްސް"ވެލުމަށެވެ. މިގޮތަށް ކުރާ ދަތުރުގެ މައިގަނޑު މަގްސަދަކީ އީދު ކުޅިވަރު ބަލާލައި "މަޖާ" ކޮށް ހިތްހަމަޖައްސާލުމެވެ.

މުޅި އިސްލާމީ އުއްމަތަށް އަންނަ މި އީދުގެ އުފާ އެކި ގައުމުތަކުގައި އެކި ގޮތް ގޮތަށް ފާހަގަ ކުރާ އިރު ރާއްޖޭގައި މި އީދު ފާހަގަ ކުރަނީ މާއްޔާއި ބޮޑުމަހާއި އީދު ބަޑި އަދި ފެންކުޅި ކުޅުމާއި މިފަދަ އެކި ހަރަކާތްތަކާ އެކު އެވެ. މިއީ ދިވެހިންގެ ޒަމާންވީ ސަގާފަތެކެވެ.

ނޯތު ޕޯޓުގައި އާންމުކޮށް ބޯޓު ފަހަރު އަޅާފައި އޮންނަ މިންވަރު --- ސަން ފައިލް ފޮޓޯ

"މި ފުރަނީ ރަށަށް. އީދުގަ ވަރަށް ކަންތައްތައް އޮންނާނެ މިފަހަރު. ވަރަށް ތައްޔާރުވެގެން މިދަނީ. ބޮޑަށް އަސްލު އާއިލާ ކައިރިއަށާއި ކުޑައިރުގެ ރަށްޓެހިންނާ ދިމާވެ މަޖާކޮށްލަން ވަރަށް ބޭނުންވެފަ މިހިރީ. އީދަކީ އަބަދުވެސް އެންމެން އެއްބައި ކުރުވާ މުނާސަބާއެއް،" މީގެ ހަތަރު ދުވަސް ކުރިން ހއ. ގެ ރަށަކަށް ފުރަން އުޅުނު ޒުވާނަކު "ސަން" އަށް ބުންޏެވެ.

ބަނދަރު މަތިން ދެން ދިމާވި ޒުވާނުންގެ އިހުސާސްތައްވެސް ހުރީ ހަމަ މިފަދަ ގޮތަކަށެވެ. އެންމެންވެސް ތިބީ އީދު ނައިސްގެން ކެތް މަދުވެފައެވެ.

ނޯތް ޕޯޓުގައި އަބަދު ގިނަ ވެފައި ތިބޭ ބޯޓުތައް މި އީދާ ދިމާކޮށް ހުސްވެފައިވާއިރު އެމްއެމްއޭ ކުރިމައްޗަށްވާ ގޮތަށް އޮންނަ ބަނދަރަށް ކައިރިކުރާ ކަންނެލި ދޯނިތައްވެސް މިއަދު އެތަނުގައިނެތެވެ. އާންމުކޮށް އެފަދަ ދޯނިތަކުގައިވެސް އެކި ފަރާތްތަކުން ދަތުރު ކުރެއެވެ. ޚާއްސަކޮށް އީދަށް ރަށަށް ދިއުމަށެވެ.

ނޯތު ޕޯޓު ހުސްވެފައި -- ސަން ފޮޓޯ

މާލޭގެ ފަޅުން ބޯޓުތައް ހުސްވެ ރަށް ރަށަށް މީހުން ދަތުރުކޮށްފައިވާއިރު އެ ރަށްތަކުންވެސް މާލެއަށް ގިނަ ބަޔަކު ވަނީ އައިސްފައެވެ. ވައިގެން މަގުންނާއި ކަނޑު މަގުންނެވެ.

ކަނޑު މަގުން ކުދާ ދަތުރުތަކަށްވުރެ ވައިގެ މަގުން، ދިވެހި ގައުމީ އެއާލައިނުން ކުރާ އެތެރޭގެ ދަތުރުތައްވެސް ވަނީ މި އީދާ ދިމާކޮށް އިތުރުވެފައެވެ. އެ އެއާލައިނުން މިދިޔަ އަންގާރަ ދުވަހު ބުނި ގޮތުގައި އީދާ ދިމާކޮށް ޓިކެޓުތަކުގެ ޑިމާންޑު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ނަމަވެސް ސީޓު ނުލިބިގެން އުޅޭ ވަރަށް، ބާރު ބޮޑު ނޫން ކަމަށް އެ އެއާލައިނުން ބުންޏެވެ.

comment ކޮމެންޓް