އިންޑިއާއިން ސަވައިލެންސް ޑްރޯން ގަތުމުގެ ހުއްދައަށް އެދުމުން އެމެރިކާގެ ފެހި ސިގްނަލް!

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ --- ފޮޓޯ: އޭޕީ

އިންޑިއާއިން ސަވައިލެންސް ޑްރޯން ގަތުމަށް އެމެރިކާގެ ހުއްދައަށް އެދުމުން އެގައުމުގެ ސަރުކާރުން ފެހި ސިގްނަލް ދީފި ކަމަށް ޑްރޯން ވިއްކާ އެމެރިކާގެ ކުންފުނިން ބުނެފިއެވެ.

އެ ހުއްދައަށް ފެހި ސިގްނަލް އެމެރިކާގެ ސަރުކާރުން ދީފައިމިވަނީ އަންނަ ހޯމަ ދުވަހު އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ގައުމުގެ ވެރިރަށް ވޮޝިންގްޓަން ޑީސީގައި ބައްދަލުކުރަން ހަމަޖެހިފައި ވަނިކޮށެވެ.

ސަވައިލެންސް ޑްރޯން ގަތުމަށް އިންޑިއާއިން އެދިފައިވާ ހުއްދައަށް ފެހި ސިގްނަލް ދިނުމުން އެ ދެ ގައުމުގެ އަސްކަރީ އެކުވެރިކަން އިތުރަށް ވަރުގަދަވެގެންދާނެކަމަށް ދެ ގައުމުގެ އިސްވެރިންވެސް އެއްބަސްވެއެވެ.

މި އެއްބަސްވުމުގައިވާ ގޮތުން އިންޑިޔާ ސަރުކާރުން ވަނީ އެމެރިކާގައި އުފައްދާ ސަވައިލެންސް ޑްރޯންގެ 22 އެމްކިޔު-9ބީގެ ޑްރޯން ގަތުމުގެ ހުއްދައަށް އެދިފައެވެ. މި މުއާމަލާތަކީ ގާތްގަނޑަކަށް ދެ ބިލިއިން ޑޮލަރުގެ ޚަރަދެއްކަމުގައި ވިޔަފާރި ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

އެމެރިކާގެ ޖެނެރަލް އެޓޮމިކްސް އެރޮނޯޓިކަލް ސިސްޓަމްސް އިން އުފައްދާ އެމްކިޔު-9ބީ ގެ ސަވައިލެންސް ޑްރޯން --- ފޮޓޯ: ޖީއެސް އޭއެސްއައި

އިންޑިޔާއިން ހާމަކުރާ ގޮތުގައި އެގައުމުން އެ ސަވައިލެންސް ޑްރޯންތައް ގަންނަނީ އިންޑިއާ ކަނޑުގެ ސަރަހައްދު ރަނގަޅަށް ބަލައި މޮނިޓާކުރުމަށެވެ. ނަމަވެސް މިއީ ދިފާއީގޮތުން އިންޑިއާގެ ބާރު އިންޑިއާ ކަނޑުގެ ސަރަހައްދުގައި ވަރުގަދަ ކުރުމަށް އެމެރިކާ އަދި އިންޑިއާ އެއްބައިވެގެން ނިންމި ނިންމުމެއް ކަމުގައި ޗައިނާއިން ދެކޭއިރު، އިންޑިޔާގެ އަވަށްޓެރި ޕާކިިސްތާނުން ވަނީ އިންޑިޔާ އަދި އެމެރިކާގެ މިއެއްބަސްވުމުގެ ސަބަބުން ކަންބޮޑުވުން ފާޅުކޮށްފައެވެ.

އިންޑިއާ އަދި ޕާކިސްތާނަކީ ޒަމާނުއްސުރެ ވާދަވެރި އަދި ހަމަނުޖެހުން ގިނަ ދެ ގައުމު ކަމަށްވާއިރު އިންޑިއާ އަދި ޗައިނާ އަކީ އިގްތިޞާދީ ގޮތުން ދެކުނު އޭޝިޔާގެ ސަރަހައްދުގައި ވާދަވެރި ދެގައުމެވެ.

އިންޑިޔާއަށް އެ ހުއްދަ ދިނުމަށް އެމެރިކާ އިން އެއްބަސްވީ އަސްކަރީގޮތުން އިންޑިޔާ ވަރުގަދަކޮށް، ދެކުނު އޭޝިޔާގެ އެންމެ މުހިންމު ކަނޑުގެ ސަރަހައްދު އެމެރިކާއާ ބައިއަތު ހިފައިފައިވާ ގައުމަކަށް ދީގެން އޭގެ ފައިދާ ނެގުމަށް ކަމަށް ޗައިނާ އިން ވަނީ ބުނެފައެވެ.

comment ކޮމެންޓް