މެމްބަރު ޖައުފަރަށް ފައިސާގެ އެހީ ދިނީ ސްޕޮންސަރުދޭ އުސޫލުގެ ދަށުން: ފެނަކަ

ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިންގް ޑިރެކްޓަރު އަހްމަދު ޝަރީފް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކަނޑައެޅިފައިވާ ސްޕޮންސަރޝިޕް އުސޫލުގެެ ދަށުން ފެނަކަ ކޯޕަރޭޝަނުން ގިނަ ފަރާތްތަކަކުން ހަރަކާތްތައް ބޭއްވުމަށް ސްޕޮންސަރޝިޕް ދީ ހަދާ ކަމަށާއި، އެކުންފުނީގެ މެނެޖިންގ ޑިރެކްޓަރު އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާވޫދަށް، ރ. މާކުރަތުގައި ކޮންމެ އަހަރަކުވެސް ބާއްވާ ގުރުއާން މުބާރާތެއް ބޭއްވުމަށްޓަކައި ފެނަކަ ކޯޕަރޭޝަނުން 25،000 ރުފިޔާއެއް ދިން ކަމުގެ ސިޓީއެއް ދާދި ފަހުން ވަނީ ދައުރުވެފައެވެ.

އެ ސިޓީގައި ބުނެފައިވަނީ މި ދަނޑިވަޅަކީ ފެނަކައިގެ މާލީ ހާލަތު ރަނގަޅު ހާލަތެއް ނޫން ކަމުން ފައިސާގެ އެހީ ހަމަޖެއްސެން ނެތް ނަމަވެސް، 25،000 ރުފިޔާގެ ރަމްޒީ އެހީއެއް ދިނުމަށް ފެނަކައިން ނިންމާފައިވާނެ ކަމަށެވެ.

ނޫސްވެރިއެއްގެ ސުވާލަކަށް ޖަވާބު ދެއްވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރު ޝަރީފް މިއަދު ވިދާޅުވީ، އެ ސިޓީއަކީ ސައްހަ ސިޓީއެއް ކަމަށެވެ.

ޝަރީފް ވިދާޅުވީ ފެނަކަ ކޯޕަރޭޝަނުގެ އިޖްތިމާއީ ޒިންމާ ނުވަތަ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު)ގެ ދަށުން ސްޕޮންސަރޝިޕް ދޭ އުސޫލެއް ކަނޑައަޅާފައިވާނެ ކަމަށެވެ.

"މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައި އޮންނާނީ ވޮލަންޓްރީ ޖަމިއްޔާތަކާއި، އަމިއްލަ ފަރުދުން ހިންގާ ހަރަކާތްތަކާއި، ޚާއްސަކޮށް ސްކޫލްތަކުންނާއި، ދީނީ ކަންކަން ހޭލުންތެރިކުރަން ސްޕޮންސަރު ދިނުމަށް،" އޭނާ ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ފެނަކައިން ސްޕޮންސަރޝިޕް ދީފައިވަނީ، މެމްބަރު ޖައުފަރު ދާވޫދުގެ ގުރުއާން މުބާރާތަށް އެކަނި ނޫން ކަމަށާއި، ވަރަށް ގިނަ ސްކޫލްތަކާއި ޖަމިއްޔާތަކުގެ މުބާރާތްތައް ވެސް ސްޕޮންސަރުކޮށްފައި މީގެ ކުރިން ހުންނާނެ ކަމަށެވެ.

"އެއީ ހަމަ އުސޫލުގެ ތެރެއިން ސްޕޮންސަރު ދިނުމަށް ނިންމައި، އެ އުސޫލުގެ ދަށުން އަދަދު ކަނޑައަޅާފައި ދިން އެއްޗެއް،"

އޭނާ ވިދާޅުވީ، އެ ސިޓީއަކީ "ލީކު"ވެގެން މައްސަލައެއް ދިމާވާނެ އެއްޗެއް ނޫން ކަމަށާއި، ނަމަވެސް ބަޔަކު އެ ސިޓީ ދައުރުކުރުވާފައިވަނީ މައްސަލައެއް މީޑިއާގައި އުފެއްދުމަށް ކަމަށް ބެލެވޭ ކަމަށެވެ.

"މީޑިއާގައި ސިޓީ ލާފައި 'ލީކު' އެ ބަސް ބޭނުންކުރީމަ ވަރަށް ބޮޑު އިޝޫއަކާށް ވަނީ. ހީވަނީ އަޅުޔގަނޑުމެން ފޮރުވަން އުޅޭ ކަމެއް އާންމު ރައްޔިތުންގެ ސަމާލުކަމަށް ގެނެވޭހެން،" އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް