އުރީދޫގެ މިލްކުވެރިކަން މުޅި ރާއްޖެއަށް!

އުރީދޫގެ ޑިރެކްޓަރ ދީނާ ހުސައިނާއި، ސީއީއޯ ނަޖީބު ޚާން --- ފޮޓޯ/ އުރީދޫ

އުރީދޫ މޯލްޑިވްސްގެ ހިއްސާ ވިއްކައި، އެކުންފުނީގެ މިލްކުވެރިކަން ރާއްޖޭގެ އެކި ހިސާބުތަކަށް ބަހާލެވުމުން އުފާކުރައްވާ ކަމަށް އުރީދޫ މޯލްޑިވްސްގެ ބޯޑުގެ ހަމައެކަނި ދިވެހި ޑިރެކްޓަރު ދީނާ ހުސައިން ވިދާޅުވެއްޖެއެވެ.

އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ކުންފުންޏަކަށް ބަދަލުކޮށް، އެކުންފުނީގެ ހިއްސާ ވިއްކުމަށް މިއަހަރުގެ އޭޕްރިލް 30 އިން މެއި 29ގެ ނިޔަލަށް އައިޕީއޯއެއް ކުރިޔަށް ގެންދިޔައެވެ. އުރީދޫއިން ކަނޑައެޅީ އައިޕީއޯގެ ތެރެއިން އެކުންފުނިން ވަނީ 8،219 ހިއްސާދާރަކަށް، 14،044،870 ހިއްސާ ވިއްކާފައިވާ ކަމަށެވެ. އެއީ އެކުންފުނީގެ ޖުމްލަ ހިއްސާގެ 9.5 ޕަސަންޓެވެ.

ސާދަ މިލިޔަން ހިއްސާ ވިއްކައިގެން އުރީދޫއަށް 421،346،100 ރުފިޔާގެ ރައުސުލްމާލެއް ލިބިފައިވެއެވެ.

އުރީދޫގެ އައިޕީއޯ ނިންމާލުމާ ގުޅިގެން، އުރީދޫ މޯލްޑިވްސް އުފެދުނީއްސުރެ އެކުންފުނީގެ ބޯޑުގައި އިންނަވާ ހަމައެކަނި ދިވެހި ޑިރެކްޓަރު، ދީނާ ހުސައިން ވިދާޅުވީ އެކުންފުނީގެ އައިޕީއޯގެ މަގުސަދަކީ އެކުންފުނީގެ މިލްކުވެރިކަން ރާއްޖޭގެ އެކި ހިސާބުތަކަށް ބަހާލައި، އިންވެސްޓްމެންޓާއި ފަހަށް ރައްކާކުރުމަށް ރާއްޖޭގައި ހުރި ފުރުސަތުތަކާ މެދު ހޭލުންތެރިކުރުން ކަމަށެވެ.

ދީނާ ވިދާޅުވީ، ރާއްޖޭގެ އަތޮޅުތަކުގައި، އާބާދީ ބޮޑު ސަރަހައްދުތަކުގައި އެތައް ހަރަކާތެއް ބާއްވައި، އެކުންފުނީގެ އައިޕީއޯގެ މަގްސަދުތައް ހާސިލުވެއްޖެ ކަމަށެވެ.

އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބު ޚާން ވިދާޅުވީ، އުރީދޫގެ އައިޕީއޯއަށް ލިބުނު ތަރުހީބާއި ބައިވެރިވުމާ އެކު، ރާއްޖޭގެ ވަރަށް ބޮޑު އިންވެސްޓަރ ބޭސްއެއް ލިބިއްޖެ ކަމަށެވެ.

"މިވަރުގެ ބައިވެރިވުމެއް އާންމުންގެ ފަރާތުން ލިބުމުން ދައްކުވައިދެނީ، އުރީދޫ މޯލްޑިވްސްގެ ކުރިއެރުމާއި މެދު އިންވެސްޓަރުންނަށް އިތުބާރުއޮތްކަން،" އޭނާ ވިދާޅުވިއެވެ.

އުރީދޫއިން ބުނަމުން އައި ފަދައިން، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ސީއީއޯ ހަސަން މަނިކުވެސް ވިދާޅުވީ އުރީދޫގެ އައިޕީއޯއަކީ މިހާތަނަށް ރާއްޖޭގައި ކުރިޔަށް ގެންދިޔަ އެންމެ ބޮޑު އައިޕީއޯއެވެ. ހިއްސާގެ ބާޒާރުގެ ސީއީއޯ ވިދާޅުވީ އުރީދޫގެ އައިޕީއޯގައި ބައިވެރިވި 8،219 ހިއްސާދާރުންގެ ތެރެއިން 6،000 ހިއްސާދާރުންނަކީ ކެޕިޓެލް މާކެޓުގައި އަލަށް ބައިވެރިވި މީހުން ކަމަށެވެ. އަދި މިއީ ކާމިޔާބީއެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

"ރާއްޖޭގައި މިހާތަނަށް ކުރިއަށްގެންދެވުނު އެންމެ ބޮޑު އައިޕީއޯ ހިންގުމަށްޓަކައި އުރީދޫ އިން ކޮށްފައިވާ ބުރަ މަސައްކަތާއި މެދު އަޅުގަނޑުމެން ވަރަށް ހިތްހަމަޖެހޭ. އަދި މި އައިޕީއޯގެ ކާމިޔާބީ އަކީ ރާއްޖޭގެ ކެޕިޓަލް މާކެޓް އިތުރަށް ކުރިއެރުމުގައި މުހިންމު ދައުރެއް އަދާ ކުރާނެ ކަމެއްކަމަށް ޤަބޫލު ކުރަން،" ސްޓޮކް އެކްސްޗޭންޖުގެ ސީއީއޯ ހަސަން މަނިކު ވިދާޅުވިއެވެ.

އުރީދޫގައި 8،000 އަށް ވުރެ ގިނަ ރައްޔިތުންގެ ހިއްސާ އޮތް އިރު، އެކުންފުންޏަކީ ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ރެޖިސްޓަރކޮށްފައިވާ، އެންމެ ބޮޑު ޝެއާހޯލްޑަރ ބޭސް އޮތް ކުންފުންޏެވެ.

comment ކޮމެންޓް