ކުނި މެނޭޖްކުރަން ވޯލްޑް ބޭންކުން ރާއްޖެއަށް 17.5 މިލިޔަން ޑޮލަރުގެ އެހީ ދެނީ

ރާއްޖޭގެ ރަށެއްގައި ހުރި ކުނިކޮއްޓެއް --- ސަން ފައިލް ޮފޓޯ

ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ކުނި މެނޭޖްކުރުމުގެ މަސައްކަތަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، 17.5 މިލިޔަން ޑޮލަރުގެ އެހީ ދިނުމަށް ވޯލްޑް ބޭންކުން ނިންމައިފިއެވެ.

ވޯލްޑް ބޭންކުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، އެ ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން އިއްޔެ ވަނީ، ރާއްޖެއަށް 17.5 މިލިޔަން ޑޮލަރުގެ އެހީ ދިނުމަށް ފާސްކޮށްފައެވެ. މި ފައިސާގެ ދަށުން ހިންގާނީ ރާއްޖޭގައި ތިމާވެއްޓާ ރަހުމަތްތެރި ގޮތަކަށް ކުނި މެނޭޖްކުރުމުގެ މަސައްކަތް ކަމަށް ވޯލްޑް ބޭންކުން ބުންޏެވެ.

ސްރީލަންކާއާއި ރާއްޖެއަށް ވޯލްޑް ބޭންކުން ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު އައިޑާ ސްވަރައި ވިދާޅުވީ، ރަނގަޅުގޮތުގައި ކުނި މެނޭޖްކުރުމުގައި ރާއްޖެއިން ވަނީ ރަނގަޅު ސިޔާސަތުތަކެއް ކަނޑައަޅާފައި ކަމަށެވެ. އޭނާ ވަނީ، ކުނި މެނޭޖްކުރުމުގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް ތައުރީފުކުރައްވައިފައެވެ.

ވޯލްޑް ބޭންކުން ބުނި ގޮތުގައި، ރާއްޖެއިން ކޮންމެ އަހަރަކުވެސް 365،000 ޓަނުގެ ކުނި އުފައްދައެވެ. މާލޭގައި ކޮންމެ މީހަކު ދުވާލަކު 1.8 ކިލޯގެ ކުނި އުފައްދާ އިރު، އެހެނިހެން ރަށްރަށުގައި އެވަރޭޖްކޮށް ކޮންމެ މީހަކު ދުވާލަކު 0.8 ކިލޯގެ ކުނި އުފައްދައެވެ. އަދި ރިސޯޓްތަކުގައި ކޮންމެ މީހަކު ދުވާލަކު 3.5 ކިލޯގެ ކުނި އުފައްދައެވެ.

ވޯލްޑް ބޭންކުން ދޭ 17.5 މިލިޔަން ޑޮލަރުގެ މި އެހީގެ ދަށުން ހިންގާ މަޝްރޫއު ހިންގާނީ ހަ އަހަރު ދުވަހުގެ މުއްދަތެއްގެ ތެރޭގައި ކަމަށް އެ ބޭންކުން ބުނެއެވެ.

comment ކޮމެންޓް