ޗައިނާގެ ޔުނާން ޕްރޮވިންސުގައި ރާއްޖޭގެ އޮފީހެއް ހުޅުވަނީ

އިކޮނޮމިކް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ

ޗައިނާގެ ޔުނާން ޕްރޮވިންސުގައި ދިވެހި ދައުލަތުގެ އިކޮނޮމިކް މިނިސްޓްރީގެ އޮފީހެއް ހުޅުވުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް އެ މިނިސްޓްރީން މިއަދު ބުނެފި އެވެ.

އިކޮނޮމިކް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގު ވިދާޅުވީ މިމަހުގެ 12 އިން 18ގެ ނިޔަލަށް ޗައިނާގެ ޔުނާން ޕްރޮވިންސުގައި ބޭއްވި ޗައިނާ - ސައުތު އޭޝިޔާ އެކްސްޕޯގައި ދިވެހި ޕްރޮޑަކްޓުތަކަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށާއި ޚާއްސަކޮށް ދިވެހި މަހުގެ އުފެއްފުންތަކަށް ލިބުނު ތަރުހީބު ފާހަގަކޮށްލެވޭ ކަމަށެވެ.

އަދި މީގެ އިތުރުން އެގައުމުގެ އެކި ސިޓީތަކުން ރާއްޖެއަށް އެކި ކަހަލަ އުފެއްދުންތައް އެތެރެކުރާ ކަމަށާއި އެފަދަ ތަކެތި އެތެރެ ކުރުމުގައި އަގު ހެޔޮކޮށް އެތަކެތި ގެނެވޭނެ ގޮތްތަކާ މެދު ޗައިނާގެ ސަޕްލަޔަރުންނާ މަޝްވަރާކޮށްފައިވާ ކަމަށެވެ.

"މި ދަތުރުގަ އަޅުގަނޑުމެން ވަނީ ވިޔަފާރިތަކާ ބައްދަލުކޮށް ރާއްޖެ އަށް މިތަކެތި އެތެރެ ކުރުމުގައި ވީހާ ވެސް އަގުހެޔޮ ވާނެ ގޮތަކަށް ކުރުމަށް ޓަކައި އަޅުގަނޑުމެން ވާނީ ވިޔަފާރިތަކާ މަޝްވަރާ ކުރެވިގެން މިދިޔައީ،" ތައުފީގް ވިދާޅުވި އެވެ.

ޗައިނާގެ ކުންމިން އިން ރާއްޖެ އެތެރެކުރާ ތަކެތީގެ ތެރޭގައި ތަރުކާރީއާއި މޭވާ އަދި މަލުގެ ބާވަތްތައް ހިމެނެ އެވެ.

"މީގެ އިތުރުން އަޅުގަނޑުމެންގެ އޮފީހެއް ޗައިނާގެ ޔުނާންގައި ގާއިމް ކުރުމަށް އަޅުގަނޑުމެން ހަމަޖައްސާފައިވާ އޮފީހުގެ ކަންކަމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރީމު. މީގެ ބޮޑަށް ބޭނުމަކީ ދިވެހިރާއްޖޭގެ ވިޔަފާރިތަކާއި ބޭރު ގައުމުތަކުގެ ިޔަފާރިތަކާ ގުޅުވައިދިނުން،" އާދަމް ތައުފީގު ވިދާޅުވި އެވެ.

އެގައުމުގައި އިކޮނޮމޮމިކް މިނިސްޓްރީގެ އޮފީހެއް ގާއިމް ކުރުމާ މެދު މަޝްވަރާ ކުރަމުން އަންނަ އިރު، އެ އޮފީސް ގާއިމް ކުރާނީ ކޮން ހައިސިއްޔަތަކުން ކަމެއް އަދި ނުނިންމަ އެވެ. އެއީ އެ މަޝްވަރާތައް ކުރިއަށް ދަނީ ޖަމިއްޔާއެއް މެދުވެރިވެގެންނެވެ. އެހެން ކަމުން އަދި ވަކި ގޮތެއް ނުނިންމެ އެވެ.

މިމަހުގެ 12 އިން 18 އަށް ކުރިއަށް ގެންދިޔަ އެ ފެއާގައި ސައުތް އޭޝިއާގެ އަށް ގައުމަކުން ބައިވެރިވި އިރު ސައުތް އީސްޓު އޭޝިއާގެ 11 ގައުމަކުން ބައިވެރިވި އެވެ. އަދި އެކި ޕްރޮޑަކްޓުތައް ދައްކާލުމަށް 8000 ބޫތު ބަހައްޓާފައި ހުއްޓެވެ. އެ ފެއާއަކީ ޗައިނާގައި ބާއްވާ އެންމެ ބޮޑު އެއް ފެއާ އެވެ.

comment ކޮމެންޓް