އިސްރާއީލުން އައްޒާއަށް ކަރަންޓު ދޭ ވަގުތު ކުޑަކޮށްފި

ކަރަންޓު ނުލިބުމުގެ ސަބަބުން ގާޒާގެ ކުދިން އަނދިރީގައި -- ފޮޓޯ: އޭއެފްޕީ

ގުދުސް (ޖޫން 20): އިސްރާއީލުން ޣައްޒާއަށް ކަރަންޓު ދޭ ވަގުތު އިއްޔެއިން ފަށައިގެން ކުޑަކޮށްފި އެވެ.

ފަލަސްތީނުގެ އެނާޖީ އެންޑް ނެޗުރަލް ރިސޯސެސް އޮތޯރިޓީ (ޕެންރާ)އިން ނެރުނު ބަޔާނެއްގައިވާ ގޮތުން އިސްރާއީލުން މީގެ ކުރިން ޣައްޒާއަށް 120 މެގަވަޓްސްގެ ކަރަންޓު ފޯރުކޮށްދިން ނަމަވެސް ދެން އެ ގައުމުން ފޯރުކޮށްދޭނީ 112 މެގަވަޓުގެ ކަރަންޓެވެ.

ފަލަސްތީނުގެ އޮފިޝަލުން ވިދާޅުވި ގޮތުގައި އޭގެ ސަބަބުން ޣައްޒާއަށް ކަރަންޓު ލިބޭ ވަގުތު ދުވާލަކު ގާތްގަނޑަކަށް ތިން ގަޑި އިރަށް ކުޑަވާނެ އެވެ. މީގެ ކުރިން ޣައްޒާއަށް ކަރަންޓު ލިބެނީ ދުވާލަކު ހަތަރު ގަޑި އިރަށެވެ.

އިސްރާއީލް އިލެކްޓްރިކް ކޯޕަރޭޝަން (އައިއީސީ)އިން އެ އިއުލާން ކުރީ އެކުންފުނިން ޣައްޒާއަށް ފޯރުކޮށްދޭޭ ކަރަންޓުގެ އަގުގެ 30 ޕަސެންޓު ނުދައްކާނެ ކަމަށް ފަލަސްތީން ސަރުކާރުން އެންގި ފަހުންނެވެ. ފަލަސްތީން ސަރުކާރުން ބުނި ގޮތުގައި އެފަދައިން ނިންމީ ޣައްޒާ ކޮންޓްރޯލް ކުރާ ހަމާސްއިން ކަރަންޓުގެ އަގު އަނބުރާ ނުދެއްކުމުންނެވެ.

ނަމަވެސް ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި އެއީ 2007 ވަނަ އަހަރުން ފެށިގެން ޣައްޒާ ކޮންޓްރޯލް ކުރަމުން އަންނަ ހަމާސް ޖަމާއަތަށް ޕްރެޝަރު ކުރުމުގެ ގޮތުން ފަލަސްތީން ސަރުކާރުން އެޅި ފިޔަވަޅެކެވެ. (ޓެލެގްރާފް)

comment ކޮމެންޓް