މަރުގެ ކުރިން، އިއްސެއާ އެންމެ ފަހުން ދިމާވި ރަހުމަތްތެރިޔާ ވާހަކަ!

އިއްސޭއާ އެންމެ ފަހުން ވާހަކަ ދެއްކި އޭނާގެ ރަހުމަތްތެރިޔާ، އިބްރާހިމް ހާފިލް ސަން އަށް މައުލޫމާތު ދެނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ހއ. އިހަވަންދޫން: އަހުމަދު ސާއިލް އަލީ

ރަހުމުކުޑަ އަނިޔާތަކުގައި މަރުވި ޅ. ހިންނަވަރު، އަތިރީގޭ، އިސްމާއިލް އުމަރު (އިއްސެ)އާ މިރަށުން އެންމެ ގާތް ގުޅުމެއް އޮތީ އިހަވަންދޫ މެޒޯގޭ އިބްރާހިމް ހާލިފެވެ. އިއްސެއާ އެންމެ ފަހުން ބައްދަލުވި މީހަކީ ވެސް އިބްރާހިމެވެ.

"އިސްމާއިލް އަކީ މިރަށުގައި ހަތަރު ފަސް އަހަރު ވެފައި ހުރި މީހެއް، އެހެންވެ ރައްޓެހިވާނެ، ދެން އަޅުގަނޑަކީ ވެސް މަސްވެރިއަކަށްވުމާ އެކު އައިސް ހޯދަން ގުޅާގުޅާ ވަރަށް ރައްޓެހިވާނެ،" އިބްރާހިމް ބުންޏެވެ.

އިހަވަންދޫގައި ހުންނަ މިފްކޯގެ އައިސް ޕުލާންޓު: ރަހުމް ކުޑަ ގޮތަކަށް އިއްސެ މަރާލާފައި އޮތީ އެތަނުގެ ތެރޭގައި ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އިބްރާހިމް ބުނި ގޮތުގައި މި ރޯދަ މަހުގެ ކޮންމެ ރެއަކު ވެސް ތަރާވީހް ގަޑީގައި ސައި ބުއިމަށާއި ހާރު ކެއުމަށް އިއްސެ އާއި އޭނައާ ބައްދަލުވެ އެވެ. އެ ރަށު އައިސް ޕްލާންޓުގައި އިއްސެ ނިދާ އުޅޭ އިރު ރޯދަ ވިއްލުމަށް ކާ އެއްޗެތި ތައްޔާރުކޮށްދެނީ އޭނާ މަރާލި ކަމަށް ތުހުމަތު ކުރެވޭ ގާތިލް ޝުމޮންމިއާ ކަމަށް އިބްރާހިމް ބުންޏެވެ.

އިއްސެ މަރާލި ރޭ އޭނާ ހާރުކެއީ ވެސް އިބްރާހިމްގެ ގެއިންނެވެ. އިބްރާހިމްގެ ގެއިން އެ ހުރިހާ ކަމެއް އިއްސެއަށްކޮށްދިނީ ހިލޭ ސާބަހަށެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހާރުކައި ނިމިގެން، ނިދަންވެގެން އައިސް ޕްލާންޓަށް އިއްސެ ދިޔަ ކަމަށް ވަނީ އެ ރޭ މެންދަމު 2:45 އެހާކަންހާއިރު އެވެ.

"އިއްސެ ކައި ހުރިހާކަމެއް އޮންނާނީ އެތާގައި، ދެން އަޅުގަނޑު މާ ރައްޓެހިވީމަ އަޅުގަނޑު ބުނީ ކާންދޭނަމޭ އިއްސެ އަށް މިރޯދަ މަހު، ދެން ހާރާއި ތަރާހީވް ދޭން އަޅުގަނޑު، ދެން ކޮންމެ ރެއަކު 2:10ގައި އޭނަ އަންނާނެ، ދެން އަޅުގަނޑު އޮންނަން އޭނާ ކައިނިމެންދެން ބޭރުގައި، އޭނާ ދާނީ 2:45 ގައި 2:40 ގައި،" އިބްރާހިމް ބުންޏެވެ.

އެ ރޭއަކީ ވެސް ހަމަ އާދައިގެ ރެއެއް

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭވެ ސް ކަން ހިނގީ ހަމަ އެގޮތަށް ކަމަށް އިބްރާހިމް ބުންޏެވެ. އޭނާ 2:00 ޖަހާ އެހާކަންހާއިރު ގުޅުމުން އިއްސެ އައިސް އެގެއިން ކައިގެން ދިޔައީ އެވެ. ކާންއިންއިރު ވެސް އަދި ދެއްކި ވާހަކައަކުން ވެސް އެއްވެސް ތަފާތު ކަމެއް ފާހަގަ ނުކުރެވޭ ކަމަށް އިބްރާހިމް ބުންޏެވެ.

އިއްސެ މަރާލާފައި އޮއްވާ ފެނުނު އައިސް ޕްލާންޓު ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ---- ސަން ފޮޓޯ މުހައްމަދު އަފްރާހް

"އޭނާ ނެތް އިތުރު ވާހަކައެއް ދައްކާފައެއް، މީހަކު ގޯސް ވާހަކައެއް ވެސް ދައްކާފަ އެބައޮތެކޭ، މިކަހަލަ ވާހަކައެއް ވެސް ނެތް. ކާން އިނީ ވަރަށް ހަމަޖެހިގެން އެއްވެސް ތަފާތެއް ނުފެނޭ،" އިބްރާހިމް ބުންޏެވެ.

އިއްސެ އާއި ޝުމޮންމިއާއަކީ ގާތް ދެ އެކުވެރިން

އިބްރާހިމް ބުނި ގޮތުގައި އިއްސެއަކީ ވެސް އަދި ޝުމޮންމިއާ އަކީވެސް ވަރަށް މަޑުމައިތިރި އެހާ ވާހަކަ ދައްކާ އުޅޭ ދެ މީހުނެއް ނޫނެވެ. އެ ދެ މީހުން އުޅެނީ ވަރަށް އެކުގައި ކަމަށާއި މިދިޔަ ހޯމަ ދުވަހު ވެސް އެ ދެ މީހުން އެކުގައި އެގެއަށް އައި ކަމަށް އިބްރާހިމް ބުންޏެވެ.

"ރުކުން ކުރުނބާ އަޅައިގެން މިގެއަށް ގެނައި ބަންގާޅި މީހާ އާއި އޭނާ އާއި، ކުރުނބާ އިހަލެއް މިގެއަށް ގެނައިތާ ދެ ދުވަހެއް ފަހުން އެ ބިދޭސީމީހާ ފިލީ. ދެ މީހުން އައީ. ހަމަ އެކުވެރިކަމާ އެކު އައީ،" އިބްރާހިމް ބުންޏެވެ.

އިބްރާހިމް ބުނި ގޮތުގައި އޭނާ އާއި އިއްސެ އާ އެހާ ގާތްކޮށް އުޅޭއިރު ދުވަހަކު ވެސް އެ ބިދޭސީ މީހާ ގޯސް ވާހަކައެއް ނުދައްކަ އެވެ. އަދި އެ ދެމީހުންގެ ދެމެދުގައި އެއްވެސް މައްސަލައެއް އޮންނަކަން ވެސް ހިއްސާ ނުކުރެ އެވެ.

އިއްސޭއާ އެންމެ ފަހުން ވާހަކަ ދެއްކި އޭނާގެ ރަހުމަތްތެރިޔާ، އިބްރާހިމް ހާފިލް (ވ) ސަން އަށް މައުލޫމާތު ދެނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އައިސް ޕްލާންޓުގެ މަސައްކަތް ދޫކޮށް، ޝުމޮންމިއާ ފިލީ މިދިޔަ ބުދަ ދުވަހު އެވެ. އެކަން ފުލުހުންނަށާއި ކައުންސިލަށް ރިޕޯޓު ކުރީ މިފްކޯއިން ހިންގާ އައިސް ޕްލާންޓުގެ އިސް ބޭފުޅުންނެވެ.

ޝުމޮންމިއާ ފިލައިގެން އުޅޭތީ އެ ވާހަކަ އިއްސެ ކައިރީ އެހި ކަމަށް އިބްރާހިމް ބުންޏެވެ. އެ ސުވާލު އިއްސެއާ ކުރުމުން، އޭނާ ދިނީ އާދައިގެ ޖަވާބެއް ކަމަށް އިބްރާހިމް ބުންޏެވެ.

"އޭނާކައިރި އެހީމާ ބުނީ މުސާރަ ދަށްކަމުން ތޯއްޗެކޭ. އެ މީހުން އަބަދު ކިޔައޭ މުސާރަ ދަށޭ، އެހެންވެ ފިލީ ތޯއްޗެކޭ. އެކަހަލަ ވާހަކައެއް ބުނީ،" އިބްރާހިމް ބުންޏެވެ.

އިބްރާހިމް ބުނި ގޮތުގައި އޭނާއަކީ އެ ރަށުން އިއްސެ އާއި އެންމެ ފަހުން ވާހަކަ ދެއްކި މީހާއަށް ވާނެ ކަމަށް ބެލެވޭ ކަމަށާއި އިއްސެގެ މަރަކީ ހައިރާންކަން ލިބުނު މަރެއް ކަމަށެވެ. އެފަދަ ބޮޑު ކަމެއް އެއްވެސް އިޝާރަތެއް މިއަދާ ހަމައަށް ވެސް އެކަން ގަބޫލު ކުރަން ދަތި ކަމަށް އިބްރާހިމް ބުންޏެވެ.

"އަސަރު ނަމާދުން ފައިބަނިކޮށް މައުލޫމާތު ލިބުނީ، އަހަރެންނަށް ރޮވުނު، ހަމަހިތަށް އަރަނީ އަބަދުވެސް،" ދުވަސްވީ އެކުވެރިޔާ މަރާލި ޚަބަރު ލިބުނު ވަގުތު، ލިބުނު ސިހުން އަސަރާއެކު ކިޔައިދެމުން އިބްރާހިމް ބުންޏެވެ.

އިބްރާހިމް ކިޔައިދިން ގޮތުގައި އިއްސެއަކީ އެރަށު މީހަކާ ވެސް މައްސަލަ ޖެހުނު މީހެއް ނޫނެވެ. އާންމުކޮށް ފެކްޓްރީ ތެރޭގައި އިއްސެ އުޅޭއިރު ތަނަށް ދިޔަސް އޭނާ ދާނީ ބަނދަރުގައި ހުންނަ ހޮޅުއަށްޓަކަށް ޓީވީ ބަލާލަން އެކަނި ކަމަށާއިި ރަށު ތެރެއަށް ނުކުމެ ނޫޅޭ ކަމަށް ވެސް އިބްރާހިމް ބުންޏެވެ.

ރަހުމުކުޑަ އެ މަރުގެ މައްސަލާގައި ޝުމޮންމިއާގެ އިތުރުން އެ ރަށުގައި އުޅުނު ފަސް ބިދޭސީއަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އެ ފަސް ބިދޭސީންނަކީ އެ މަރުގައި ޝުމޮންމިއާއަށް އެހީތެރިވި މީހުން ކަމަށް ބެލެވެ އެވެ. ފާރައަށް ތިބި މީހުންނާއި ޝުމޮން ފިލުވުމަށް އެހީތެރިވި މީހުން ކަމަށް ބެލެވެ އެވެ.

އެކަމަށް ހެކި ދެނީ ޝުމޮންއާއެކު ހައްޔަރު ކުރި ބިދޭސީއަކު މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މެންދަމު ބޮޑު އަގުގައި ލޯންޗު ދަތުރެއްކޮށްދިނުމަށް އެދިފައިވުމުންނެވެ. އަދި ޝުމޮން މަސައްކަތަށް ފިލާ އޮތް، ފަޅުގެއަށް ބިދޭސީންތަކެއް ކާއެއްޗެހި ފޯރުކޮށްދިން މަންޒަރު ބައެއް މީހުންނަށް ފެނިފައިވާތީ އެވެ.

އިއްސެ މަރާލި ކަމަށް ޝުމޮންމިއާ ވަނީ ތަހުގީގުގައި އެއްބަސްވެފަ އެވެ. އަދި ތަހުގީގަށް ބޭނުންވާ މުހިންމު ހެކިތަކެއް ފުލުހުން ވަނީ ހޯދާފަ އެވެ.

comment ކޮމެންޓް