އެމެރިކާ ސޫރިޔާ ސިފައިންނަށް ހަމަލާތައް ދިނުމުގެ ނަތީޖާ ވަރަށް ގޯސްވާނެ: ރަޝިޔާ

މޮސްކޯ (ޖޫން 19) : ސޫރިޔާގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިން އެމީހުންގެ ހުދޫދުން ބޭރުވެ ސޫރިޔާ ސަރުކާރު ސިފައިންނަށް ގަސްދުގައި ހަމަލާތައް ދެމުން ގެންދިޔުމަކީ އެކަމުގެ ނަތީޖާ ވަރަށް ގޯސްވާނެ ކަމެއްކަމަށް ބުނެ ރަޝިޔާ އިން އެމެރިކާއަށް އިންޒާރެއް ދީފި އެވެ.

ރަޝިޔާގެ ޚާރިޖީ ވަޒީރުގެ ނައިބު ސަރްގީ ރިޔަބްކޯވް ވިދާޅުވީ އެމެރިކާ އިން ސޫރިޔާގެ ބިމަށް ގަވައިދާ ޚިލާފަށްވަދެ ސޫރިޔާ ސިފައިންނަށް ސީދާ ގޮތެއްގައި ހަމަލާތައް ދިނުމަކީ ވަރަށް ނުރައްކާތެރިކަމެއްކަމަށާ މިއީ އެއްގޮތަކަށް ވެސް ގަބޫލުކުރެވޭނެ ކަމެއްނޫންކަމުގަ އެވެ. ރިޔަބްކޯވް ވިދާޅުވީ މިގޮތަށް އެމެރިކާ ކަންތައް ކުރާނަމަ ސޫރިޔާގައި ހަރަކާތްތެރިވާ އެމެރިކާއަށް ތާއީދުކުރާ ފަރާތްތަކާ ދެކޮޅަށް ވެސް މިފަދަ ހަމަލާތައް ދެވިދާނެ ކަމުގަ އެވެ.

ރިޔަބްކޯވް މިމޭރުމުން ވާހަކަ ދެއްކެވީ ސޫރިޔާގެ އުތުރުގެ ރަށެއްކަމަށްވާ އައްރިއްޤާގެ މަތިން އުދުހުނު ސޫރިޔާގެ އަސްކަރީ މަތިންދާބޯޓެއް، އެމެރިކާ އިން ވައްޓާލުމާ ގުޅިގެންނެވެ. މިކަމާބެހޭ ގޮތުން އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން އިން ބުނީ ސޫރިޔާގެ އަސްކަރީ ބޯޓު ވައްޓާލަން ޖެހުނީ އައްރިއްޤާގައިވާ ކުރުދީ ބާރުތަކަށް ހަމަލާދޭން އުޅޭކަމަށް ބެލެވިގެން ކަމުގައެވެ. އައްރިއްޤާގައި އައިއެސްއާ ދެކޮޅަށް ހަނގުރާމަކުރާ ކުރުދީ ބާރުތައް ހަރަކާތްތެރިވާ ހިސާބަކަށް އެބޯޓުން ބޮމުގެ ހަމަލާތަކެއް ދީފައިވާ ކަމަށް ވެސް އެމެރިކާ ބުނެފައިވެ އެވެ.

ޓެރަރިޒަމާ ހަނގުރާމަ ކުރުމުގެ ނަމުގައި އެމެރިކާ ސޫރިޔާގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ވަދެގެންފައި ވަނީ ސޫރިޔާ ސަރުކާރުގެ ހުއްދައަކާނުލަ އެވެ. ސޫރިޔާގެ ދާޚިލީ ހަނގުރާމައިގާ އެމެރިކާ އެހީތެރިވަނީ ސޫރިޔާގެ އިރު އުތުރުގައި ހަރަކާތްތެރިވާ "ސީރިޔަން ޑިމޮކްރެޓިކް ފޯސަސް" ޖަމާއަތަށެވެ. އެޖަމާއަތަށް އެމެރިކާވަނީ ދާދިފަހުން ބަރުހަތިޔާރު ވެސް ފޯރުކޮށްދީފަ އެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު