އުރީދޫން 421 މިލިއަން ރުފިޔާގެ ހިއްސާ ވިއްކައިފި

އުރީދޫ މޯލްޑިވްސް، ޕަބްލިކް ލިމިޓެޑް ކުންފުންޏަކަށް ބަދަލުކޮށް، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ރަސްމީކޮށް ލިސްޓުކުރުމުށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---ސަން ފޮޓޯ/ މުހައްމަދު އަފްރާހު

އުރީދޫ މޯލްޑިވްސް އާންމުންނަށް ފުރަތަމަ ފަހަރަށް ހިއްސާ ވިއްކުމަށް ހުޅުވާލުމުން ޖުމްލަ 421 މިލިއަން ރުފިޔާގެ ހިއްސާ ގަނެފިއެވެ.

އުރީދޫން ބުނި ގޮތުގައި ހިއްސާ ގަތުމުގެ މުއްދަތު ނިމިފައިވާއިރު، ހުށަހަޅާފައިވާ އެޕްލިކޭޝަން ތަކުގެ ތެރެއިން ކުންފުނިން އެކަށައެޅުމަށް ނިންމާފައި ވަނީ 8219 ހިއްސާ ދާރުންނަށް ޖުމްލަ 421،346،100 ރުފިޔާގެ ހިއްސާއެވެ. އެއީ ޖުމްލަ 140،44،870 ހިއްސާއެވެ. އެ އަދަދަކީ ދޫކުރެވިފައިވާ ހިއްސާގެ 9.5 ޕަސެންޓެވެ.

އުރީދޫގެ ހިއްސާ ގަތުމަށް އެ ކުންފުނިން ހުޅުވާލީ މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ ކުންފުނިން ހުޅުވާލީ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ މުވައްސަސާތަކާއި އަމިއްލަ އިންވެސްޓަރުންނަށް އެ ކުންފުނީގެ ހިއްސާގެ 40 ޕަސެންޓާ ހަމައަށް ގަތުމަށެވެ.

އެ ކުންފުނިން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ ލިސްޓިންގ ރޫލް އިން ލާޒިމުކުރާ ގޮތުގެ މަތިން، ޙިއްޞާ އެކަށައަޅާފައިވާ ލިސްޓު މިހާރު މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީއަށް ވަނީ ފޮނުވާފައެވެ. އަދި ރަސްމީ ބަންދު ނޫން 14 ދުވަހުގެ ތެރޭގައި (13 ޖުލައި 2017 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް) ޑިޕޮސިޓް ރިކުއެސްޓެއް ފޮނުއްވުމަށް އެފަރާތުން އެދިފައިވާ ކަމަށްވެސް ބަޔާނުގައިވެ އެވެ.

"މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީއިން ޑިޕޮސިޓް ރިކުއެސްޓް އަޅުގަނޑުމެންނަށް ލިބޭތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި (20 ޖުލައި ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް) ހުއްދަ ދިނުމަށްފަހު، ހުއްދަ ދީފައިވާ ލިސްޓު މޯލްޑިވްސް ސެކިއުރިޓީޒް ޑީޕޮސިޓަރީއަށް އަނބުރާ ހުށަހެޅޭނެއެވެ. ޙިއްޞާދާރުންގެ ޑިޕޮސިޓަރީ އެކައުންޓުތަކަށް ޙިއްޞާ ޖަމަޢުވިކަން މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ އިން ރަސްމީ ބަންދު ނޫން ފަސް ދުވަހުގެ ތެރޭގައި (31 ޖުލައި 2017 ވާ ހޯމަ ދުވަހުގެ ނިޔަލަށް) އަޅުގަނޑުމެންނަށް އެންގެވުމާއެކު، އެކަން ރަސްމީ ބަންދު ނޫން 5 ދުވަސް ތެރޭގައި (7 އޮގަސްޓް 2017 ވާ ހޯމަ ދުވަހުގެ ނިޔަލަށް) އަޅުގަނޑުމެން ޢާންމުކޮށް އަންގާ އިޢުލާނުކުރާނަމެވެ." ބަޔާނުގައިވެ އެވެ.

މީގެ އިތުރުން އެ ކުންފުނިން ބުނެފައި ވަނީ މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ އެކައުންޓުތަކަށް ޙިއްޞާތައް ޖަމާ ކުރެވުނުކަން އާންމުކޮށް އަންގައި އިޢުލާނު ކުރާތާ ރަސްމީ ބަންދު ނޫން ތިން ދުވަސް ތެރޭގައި (10 އޮގަސްޓް 2017 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް) ޙިއްޞާތައް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ރަސްމީކޮށް ގަނެވިއްކަން ފެށުމަށް ހުޅުވާލެވޭނެ ކަމަށެވެ.

އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި އެ ކުންފުނިން ދަނީ މޯލްޑިވްސް ސެކިއުރިޓި ޑިޕޮސިޓަރީ އަދި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް އާއެކު ވަރަށް ގާތުން މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް