އިއްސެގެ މަރުގެ ހާއްސަ ކަވަރޭޖް: ރަށުން ފިލައިގެން ދިޔަ ކަމަށް ދައްކަންވެގެން ޝުމޮންމިއާ ވަދެ އޮތީ ފަޅުގެއެއްގައި

އިއްސެ ގާތިލު، ޝުމޮންމިއާ ފިލާ އޮތް ކަމަށް ބުނާ ފަޅުގެ: މިގޭގައި އޭނާ ފިލައި އޮތް އިރު ކާންދީ ހެދީ އެކުވެރި އެހެން ބިދޭސީން ކަމަށްވޭ --- ސަން ފޮޓޯ މުހައްމަދު އަފްރާހު

ހއ. އިހަވަންދޫން: އަހުމަދު ސާއިލް އަލީ

މިދިޔަ ބުދަ ދުވަހުގެ ހެނދުނެވެ. އިހަވަންދޫ މިފްކޯ އައިސް ޕްލާންޓުގައި މަސައްކަތް ކުރާ ބިދޭސީ މީހާ ހެނދުނުން ފެށިގެން ނުފެނެ އެވެ. އޭނާގެ ފޯނު އޮތީ ނިއްވާލާފަ އެވެ. ގެންގުޅޭ އަންނައުނު ފެންނާކަށް ނެތެވެ. އެހެންކަމުން ކުންފުނީގެ ދެން ތިބި މީހުން ނިންމީ އޭނާ ފިލީ ކަމަށެވެ.

"އޭނާ (ބަނގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ، ޝުމޮން މިއާ، 27) އާއި އިއްސެ (ޅ. ހިންނަވަރު އަތިރީގޭ އިސްމާއީލް އުމަރު، 54) ނިދަނީ ފެކްޓްރީގެ އޮފީސް ތެރޭގައި، ދެން ހޭލިއިރު ބިދޭސީ މީހާ ނެތް، އޭނާ ގެންގުޅޭނީ ވެސް ވަރަށް މަދު ހެދުމެއް. އެތަނުން ގިނަ ހެދުންތައް ފެންނާކަށް ވެސް ނެތް،" އިތުބާރު ހުރި މަސްދަރަކުން ސަންއަށް ކިޔައިދިނެވެ.

އިއްސެގެ މަރުގެ މައްސަލައާ ގުޅޭ ގޮތުން އިހަވަންދޫގެ ބައެއް މީހުން ސަން އަށް މައުލޫމާތު ދެނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެކަން ފެކްޓްރީގެ ވެރިން ފުލުހުންނަށް އެންގި އެވެ. ފެކްޓްރީ މީހުން ވެސް ގަބޫލުކޮށްގެން ތިބީ އެ ދުވަހުގެ ފެރީގައި އޭނާ ހއ. ދިއްދޫއަށް ދިޔައީ ކަމަށެވެ.

އޭނާ ހުރީ ފިލައި، ކާންދީ ހެދީ ބިދޭސީން

މައުލޫމާތު ލިބިފައިވާ ގޮތުގައި ޝުމޮން ފިލައި ހުރީ އެ ފެކްޓްރީއާ ވަރަށް ކައިރީގައި ހުންނަ ފަޅުގެއެއްގެ ތެރޭގަ އެވެ. އެއީ ކުރިން ތެޔޮ ވިއްކުމަށް ބޭނުންކުރި އޮފީހެކެވެ.

"އޭނާ އެތާ ތަޅު ހަލާކުކޮށްގެން ވަދެ އޮތީ، ދެން އޭނާގެ އެކުވެރި ބިދޭސީން އޭނާއަށް ކާންދީ ހަދަނީ، ގުޅީމަ ގެނެސްދޭނަތާ، އަހަރެންގެ ބައްޕައަށް ފެނިފައި އެބަހުރި ބިދޭސީންތަކެއް ކޮތަޅަކަށް ކާ އެއްޗެތި އަޅައިގެން އަންނަނިކޮށް،" އެ ސަރަހައްދުގައި ދިރިއުޅޭ ހަސަން ޝާހިދު ކިޔައިދިނެވެ.

އިހަވަންދޫގައި ހުންނަ މިފްކޯގެ އައިސް ޕުލާންޓު ސަރަހައްދުގައި ސަންގެ ނޫސްވެރިއަކު ހަރަކާތްތެރި ވަނީ: ރަހުމްކުޑަ ގޮތަކަށް އިއްސެ މަރާލާފައި އޮތީ މި އައިސްޕްލާންޓް ތެރޭގައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ފުލުހުން ވަނީ އިއްސެގެ މަރުގެ ތަހުގީގަށް ބޭނުންވާ ފޮރެންސިކް ހެކިތައް ފަޅުގެ ތެރެއިން ހޯދައިފަ އެވެ.

އައިސް ޕްލާންޓްގައި މަސައްކަތް ކުރާ މީހުން ގަބޫލުކޮށްގެން ތިބީ އިއްސެގެ މަރުގެ ކުރިން ޝުމޮންމިއާ މިރަށުން ފުރައިގެން ގޮސް، ފިލީ ކަމަށެވެ. އެއީ ހަގީގަތެއް ނޫނެވެ. ލޮލުގައި އެޅުވި އަނދުނެކެވެ. ހަގީގަތުގައި އިއްސެގެ މަރުގެ ކުރިން، ބަޔަކަށް އެގޮތަށް ވިސްނުވައި ދޭން، ޝުމޮންމިއާ ފިލިކަމަށް ދެއްކުމަކީ އޭނާ އެ މަރުގައި ބައިވެރި ނުވާ ކަން ދައްކަން ކުރި ކަމަކަށް ވެދާނެ އެވެ. ރަށުގައި ނެތް މީހަކު އިއްސެ މަރާލުމުގައި ބައިވެރިވާނީ ކިހިނެއް ހެއްޔެވެ؟ މި ސުވާލު ސިކުނޑިއަށް ސަވާރު ކުރުމަކީ ޝުމޮންމިއާ އާއި އޭނާގެ ބައިވެރިން ރޭވި ގޮތް ކަމަށް ގަބޫލު ކުރެވެ އެވެ.

އެ އަމަލުގެ ސަބަބުން ވެސް އިއްސެގެ މަރު ކުރިއާލާ ރޭވިފައިވާ މިންވަރު ސާފުވެ އެވެ. ނަމަވެސް އިއްސެ މަރާލި ރޭ ޝުމޮންމިއާ އާއި އިތުރު ބިދޭސީންތަކެއް ރަށުގެ ބަނދަރު ސަރަހައްދުން ފެނުނު މީހުން މި ރަށުގައި އެބަ ތިއްބެވެ.

"މިތަނުގައި (ބަނދަރުގައި) ހުރި ގާޑަކަށް ވެސް އެ ރޭ (ބުރާސްފަތި ދުވަހުގެ ރޭ) އެ ބަންގާޅީ އާއި އިތުރު ބަންގާޅީއެއް ފެކްޓްރީ ކައިރިން ފެނުނު. އަނެއް ބަންގާޅި ހުރި ކަމަށް ބެލެވެނީ ފާރައަށް، މިސްކިތަށް ދިޔަ މީހަކަށް އޭނާ ފާރައަށް ހުއްޓާ ފެނިފައި އެބަ ހުރި،" ސަން އާ ވާހަކަ ދެއްކި މީހާ ބުންޏެވެ.

އިއްސެގެ އެނދުގައި ވެސް ލޭ

އިއްސެ ހާރުކައި އުޅެނީ މި ރަށު މެޒޯގެއިންނެވެ. އެ ގެއިން އޭނާ ހާރު ކައި އުޅެނީ އެ ގޭގައި ދިރިއުޅޭ އިބްރާހިމް ހާފިލާ އޮންނަ ރަހުމަތްތެރިކަމުގެ ގުޅުމަކުންނެވެ. އިއްސެގެ އެކުވެރިޔާ އިބްރާހިމް "ސަން"އަށް ކިޔައި ދިން ގޮތުގައި އިއްސެ މަރާލި ރޭ ހާރު ކައިގެން އެ ގެއިން ނުކުތީ 2:45 ކަންހާއިރު އެވެ.

އިއްސެއަށް ހަމަލާދީފައިވާ ކަމަށް ބެލެވެނީ އިއްސެ ނިދާ ކޮޓަރިތެރެއިންނެވެ. އެއީ އިއްސެ ނިދާ އެނދުގައި ގިނަ އަދަދަކަށް ލޭ ހުރުމުންނާއި އެ ކޮޓަރީގެ އެތައް މިތަނަށް ލޭ ބުރާފައި ހުރުމުންނެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެ ކޮޓަރިއަށް ވަނުމަށް ހައްދާފައި ވަނީ ދެ ތަޅުދަނޑި އެވެ. އޭގެ ތެރެއިން އެއް ތަޅުދަނޑި އޮންނަނީ އިއްސެ އަތުގަ އެވެ. އަނެއް ތަޅުދަނޑި އޮތީ އޮފީސް ތެރޭގަ އެވެ. އެ ބިދޭސީ މީހާ އިއްސެއަށް ހަމަލާދިނުމަށް އެ ކޮޓަރިއަށް ވަތް ކަމަށް ބެލެވެނީ އިއްސެ ހުޅުވައިދީގެން ނުވަތަ ފާހާނާގައި ހުންނަ ފެން ލައިޓެއްގެ ތެރެއިންނެވެ.

ފުލުހުން މައުލޫމާތުދޭ ގޮތުގައި ޝުމަންމިއާ ވަނީ އިއްސެ މަރާލި ކަމަށް އެއްބަސްވެފަ އެވެ. ސަން އަށް އެނގިފައިވާ ގޮތުގައި ފުލުހުން ވަނީ އޭނާ ލައްވައި އެ މަންޒަރު ކުޅުވައިފަ އެވެ. އަދި ވަޅިއެއް ވެސް ވަނީ އެ ފެކްޓްރީ ތެރެއިން ހޯދައިފަ އެވެ.

އިއްސެ މަރާލުމަށް ފަހު، ބަރަހަނާ ހާލުގައި އޭނާ ބާއްވާފައި އޮތީ އައިސް ޕްލާންޓުގެ ހަނި ދޭތެރެއަކަށް ލާފަ އެވެ. ގައިގެ އެތަން މިތަނުގައި ފުން ޒަހަމްތަކެއް ހުއްޓެވެ. ހަށިގަނޑާއި ބޯ ވަކިނުވެ އޮތީ ކިރިޔާ އެވެ.

ޝުމޮންމިއާއަށް އިހަވަންދޫ ސިއްހީމަރުކަޒުން ފަރުވާދީފައިވާ އިރު އޭނާގެ އިނގިލިތަކާއި އަތުގެ އެކި ހިސާބުތަކުގައި ޒަހަމްތައް ހުރިކަން ސަންއަށް ވަނީ އެނގިފަ އެވެ.

ފިލަން އަގުބޮޑުކޮށް ލޯންޗެއް ހިފަން ދިޔަ

އިހަވަންދޫގައި ލޯންޗު ދުއްވާ ފުއާދު ގާސިމް ބުނި ގޮތުގައި އިއްސެ މަރާލި ރޭ ދެ ބިދޭސީއަކު އޭނާ ހޯދަން އެ ގެއަށް އައިސް ހދ. ކުޅުދުއްފުއްޓަށް ދަތުރެއް ކޮށްދިނުމަށް އެދުނެވެ. އަދި އެ މީހުން ތިބީ ކިތަންމެ ބޮޑު އަގެއްގައި ވިޔަސް ދަތުރު ކުރަން ކަމަށް އޭނާ ބުންޏެވެ.

ލޯޗު ދަތުރުކޮށްދޭ ފުއާދު ގާސިމް، (ކ) ސަންގެ ހާއްސަ ކަވަރޭޖުގައި އިހަވަންދުއަށް ދިޔަ ނޫސްވެރިޔާއާ (ވ) ވާހަކަ ދައްކަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

"ދެ ބިދޭސީން އައީ، އެ މީހުން ބުނީ ކިހާވަރަކަށްހޭ ކުޅުދުއްފުއްޓަށް ދެވޭނީ، ހަމަ ވައްޓާލާފައި އަންނަންވިއްޔޭ، ދެން މަބުނެފިން މަޖަލަކަށް 10،000 ރުފިޔާއަށޭ،[ އަސްލުދަތުރު ކުރާ އަގަކީ 2000 ރުފިޔާ] އެކަމަކު އެމީހުން ތިބީ އެ އަގަށް ވެސް ހަމަ ކުރާ ގޮތަށް،" ފުއާދު ބުންޏެވެ.

ފުއާދު ބުނީ އެހާ ބޮޑު އަގެއްގައި ބިދޭސީންތަކެއް ކުއްލި ގޮތަކަށް ލޯންޗެއް ކުއްޔަށް ހިފައިގެން މެންދަމު ކުޅުދުއްފުއްޓަށް ދާން އުޅުމަކީ ގޯހެއް ކަމަށް އޭނާގެ އަންހެނުން ވެސް ބުންޏެވެ. އަދި އެ ދަތުރު ނުކޮށްދިނުމަށް އަންހެނުން އެދުމުން، އެ ދަތުރު ނުކުރަން ނިންމީ ކަމަށް ފުއާދު ބުންޏެވެ.

ފުއާދު ކައިރިއަށް ލޯންޗް ދަތުރު ހަމަޖެއްސުމަށް އައި ދެ ބިދޭސީން ވެސް މިވަގުތު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. އިއްސެ މަރާލުމަށް ފަހު، ޝުމޮން ފިލުވުމަށް މަސައްކަތް ކުރި ކަމަށް ބެލެވޭ އެ ބިދޭސީންނާ އެކު ޖުމްލަ ހަ ބިދޭސީން ފުލުހުން މިރަށުން މިހާތަނަށް ހައްޔަރުކޮށްފައިވެ އެވެ.

ސަންއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޝޮމުންމިއާ މިރަށުން ދިޔައީ މިރަށު މީހަކާ އިނދެގެން އުޅޭ ހޯރަފުށީ މީހަކު ބަލައި އައި ލޯންޗަކަށް އަރައިގެން އޭގެ އަނެއް ދުވަހު ހެނދުނު ހޯރަފުއްޓަށެވެ. އަދި އެ ރަށަށް ގޮސް އެ ރަށު ލޯންޗެއްގައި ކުޅުދުއްފުއްޓަށެވެ. ފުލުހުން އޭނާ ހައްޔަރު ކުރީ ކުޅުދުއްފުށީގައި ހުއްޓަ އެވެ.

comment ކޮމެންޓް