އެމެރިކާގެ ކޯސްޓްގާޑުން އެ ގައުމުގެ އެކި ސިޓީތަކުގައި ހިމެނޭ ކަނޑުގެ ސަރަހައްދުތަކުގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 18 ޓަނުގެ ކޮކެއިން އަތުލައިގެންފި އެވެ.
ކޮކެއިންއަކީ މަސްތުވާތަކެތީގެ ބާވަތެކެވެ. އެ އޮޕަރޭޝަނުގައި އަތުލައިގެންފައިވާ ކޮކެއިންގެ މަގުމަތީ އަގު 440 މިލިއަން ޑޮލަރަށް އަރައެވެ.

އެމެރިކާ ކަނޑުގެ ސިފައިން އަތުލައިގެންފައިވާ މަސްތުވާތަކެތި --- ފޮޓޯ/ ޑެއިލީމެއިލް
އެމެރިކާ ސިފައިން ބުނެފައި ވަނީ އެ ކޮކެއިންތައް އަތުލައިގެންފައި ވަނީ 17 އުޅަނދެއްގައި އެކި ދުވަސްމަތިން އުފުލަމުން ދަނިކޮށް ކަމަށެވެ. އެމެރިކާ ސިފައިން ބުނި ގޮތުގައި އެ ޑްރަގްތައް އަތުލައިގެންފައި ވަނީ ކެލިފޯނިއާ ސަރަހައްދުގައި އެންމެ ގިނައިން ޑްރަގް އުފުލާ ކަނޑުގެ ރޫޓުންނެވެ.
ގިނަ އަދަދެއްގެ ޑްރަގް އަތުލައިގެންފައިވާ އިރު އެމެރިކާ ކަނޑުގެ ސިފައިން ވަނީ މިދިޔަ ޑިސެމްބަރު މަހު 26 ޓަނުގެ ޑްރަގް އަތުލައިގެންފަ އެވެ.