ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ މެމްބަރު ކަމަށް މާލޭ ދަފްތަރު 1548 މުހައްމަދު ޒާހިދު އައްޔަން ކުރައްވައިފިއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކޮމިޝަންގެ މެމްބަރު ކަމަށް އައްޔަންކުރުމުގެ ކުރިން ޒާހިދު ވަނީ މަގާމުގެ ހުވާ ކުރައްވާފައެވެ. އޭނާ އަށް ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފެވެ.
ހުވާކުރެއްވުމާއެކު ރައީސް ޔާމީން ވަނީ މަގާމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން ޒާހިދުއާ ހަވާލުކުރައްވާފައެވެ.
ޒާހިދު އަކީ އެޗްއާރްސީއެމްގެ ފުރަތަމަ ދައުރުގެ ނައިބު ރައީސްކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
ޒާހިދު މިހާތަނަށް ހުންނެވީ ޖެންޑާ މިނިސްޓަރުގެ ނައިބުގެ މަގާމުގައެވެ. މިދިޔަ އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޒާހިދު އެ މަގާމަށް އައްޔަންކުރަން ފެންނަ ކަމަށް 57 މެމްބަރުން ވޯޓު ދެއްވި އެވެ. އޭނާއާ އެ މަގާމަށް އައްޔަން ކުރުމާ ދެކޮޅަށް ފަސް މެމްބަރަކު ވޯޓު ދެއްވިއިރު، ވަކިކޮޅަށް ވޯޓު ނުދެއްވައި ފަސް މެމްބަރަކު ތަޅުމުގައި އިންނެވި އެވެ.
އެޗްއާރްސީއެމްގެ މެމްބަރުކަމަށް ޒާހިދު އައްޔަން ކުރެއްވީ އެ ކޮމިޝަންގެ ކުރީގެ ނައިބު ރައީސް ޝިފާގު މުފީދު މެމްބަރު ކަމުން އިސްތިއުފާދެއްވުމުންނެވެ.