އެޗްއާރްސީއެމުގެ މެމްބަރު ކަމަށް ޒާހިދު އައްޔަން ކުރަން ކޮމެޓީން ފާސްކޮށްފި

އެޗްއާރްސީއެމުން ހުސްވެފައިވާ ގޮނޑިއަށް ޒާހިދު އައްޔަން ކުރަން ކޮމެޓީން ވަނީ ރުހުން ދީފައި-- ފޮޓޯ/ ރައީސް އޮފީސް

ހިއުމަން ރައިޓްސް ކޮމިޝަނަލް އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން ހުސްވެފައިވާ މެމްބަރު ކަމުގެ ގޮނޑިއަށް އެ ކޮމިޝަންގެ ކުރީގެ މެމްބަރު މުހައްމަދު ޒާހިދު އައްޔަން ކުރަން މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ރުހުން ދީފި އެވެ.

އެޗްއާރްސީއެމްގެ ނައިބު ރައީސްކަމުގެ މަގާމުގައި ހުންނެވި ޝިފާގު މުފީދު އެ ކޮމިޝަނުން އިސްތިއުފާ ދެއްވުމާ ގުޅިގެން، އެޗްއާރްސީއެމުން ހުސްވެފައިވާ ގޮނޑިއަށް ޒާހިދު އައްޔަން ކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީން މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ.

ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމުގައި ހުންނެވި ޒާހިދުގެ ނަން ދިރާސާ ކުރެއްވުމަށް ފަހު މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ފޮނުވުމުން، އެ ކޮމެޓީން ވަނީ ޒާހިދާ އިންޓަވިއު ކުރެއްވުމަށް ފަހު ފާސްވާ މިންވަރަށް މާކްސް ލިބިވަޑައިގަތުމުން، އެޗްއާރްސީއެމްގެ މެމްބަރު ކަމަށް އޭނާ އައްޔަން ކުރެއްވުމަށް ކޮމެޓީން ރުހުން ދީފަ އެވެ.

އެޗްއާރްސީއެމްގެ ދެ ވަނަ ދައުރުގައި އެ ކޮމިޝަންގެ ނައިބު ރައީސްކަން ވެސް ކުރެއްވި ޒާހިދަށް ކޮމެޓީން ދެއްވާފައި ވަނީ 88.8 ޕަސެންޓް މާކުހެވެ. އޭނާއަށް މާކްްސް ދިނުމުގައި ބަލާފައި ވަނީ ނަޒާހަތްތެރިކަމާއި މަސައްކަތުގެ ތަޖުރިބާ އާއި ތައުމީލާއި ތަމްރީނުގެ އިތުރަށް ގާބިލުކަމާއި ހުނަރަށެވެ.

މިނިވަން މުއައްސަސާތަކަށް އައްޔަން ކުރާ މެމްބަރުންނަކީ 75 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބިވަޑައިގަންނަވަން ޖެހޭ ފަރާތްތަކެވެ. ނަމަވެސް ބައެއް ފަހަރު އެ މިންވަރަށް ވުރެ ދަށުން މާކްސް ލިބިވަޑައިގެންނެވި މީހުން ވެސް މިނިވަން މުއައްސަސާތަކަށް އައްޔަން ކުރެއްވުމަށް މަޖިލީހުގެ ތަޅުމުން ފާސްކޮށްފައިވެ އެވެ.

އެޗްއާރްސީއެމްގެ މެމްބަރު ކަމަށް ޒާހިދު އައްޔަން ކުރާނީ މަޖިލީހުގެ ތަޅުމުން އޭނާގެ ނަމަށް ރުހުން ދިނުމުންނެވެ.

އޭނާގެ ނަން މިއަދުގެ ޖަލްސާއަށް ކޮމެޓީން ވަނީ ހުށަހަޅައިފަ އެވެ. މިއަދުގެ ޖަލްސާގެ ވޯޓަށް އެހުމުގެ މަރުހަލާގައި އޭނާ އެޗްއާރްސީއެމްގެ މެމްބަރު ކަމަށް އައްޔަން ކުރުމާ މެދު ގޮތެެއް ނިންމާނެ އެވެ.

comment ކޮމެންޓް