ޖީ7ގެ އެންވާރަންމެންޓް މިނިސްޓަރުގެ ބައްދަލުވުމަށް ޠާރިޤު އިޓަލީއަށް

އެންވާރަންމެންޓް މިނިސްޓަރު ޠާރިޤު އިބްރާހިމް ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ގްރޫޕު އޮފް ސެވަން (ޖީ7)ގެ ގައުމުތަކުގެ އެންވާރަންމެންޓް މިނިސްޓަރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް، އެންވާރަންމެންޓް މިނިސްޓަރު ޠާރިޤު އިބްރާހިމް އިޓަލީއަށް ފުރާވަޑައިގެންފިއެވެ.

އެންވާރަންމެންޓް މިނިސްޓްރީން ބުނި ގޮތުގައި، ޖީ7ގެ ރިޔާސަތު ބަލަހައްޓަމުންދާ އިޓަލީއިން އިންތިޒާމުކޮށްގެން ބާއްވާ ބައްދަލުވުމަށް މިނިސްޓަރު ޠާރިޤު ވަޑައިގަންނަވަނީ ޖީ7އިން ރާއްޖެއަށް ދިން ޚާއްސަ ދައުވަތަކާ ގުޅިގެން ކަމަށެވެ.

މި ބައްދަލުވުމުގައި ޖީ7ގެ މެމްބަރު ގައުމުތައް ކަމުގައިވާ އެމެރިކާ، އިނގިރޭސިވިލާތް، ކެނެޑާ، ޖަޕާނު، ޖަރުމަނު ވިލާތް، ފަރަންސޭސިވިލާތް އަދި އިޓަލީވިލާތުގެ މިނިސްޓަރުންނާއި، ޔޫރަޕިއަން ޔޫނިއަންގެ އެންވާރަމެންޓް އަދި ކްލައިމެންޓް ޗޭންޖްގެ ކޮމިޝަނަރުން ބައިވެރިވާނެއެވެ.

މި ބައްދަލުވުން އޮންނާނީ ޖޫން 11 އިން 12 އަށް، އިޓަލީގެ ބޮލޮންޏާގައެވެ. ބައްދަލުވުމުގައި، މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން ތަސްދީގުކޮށްފައިވާ ޕެރިސް ކްލައިމެޓް ޗޭންޖް އެގްރިމެންޓް ތަންފީޒުކުރުމާ ބެހޭގޮތުންނާއި، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމާ ބެހޭގޮތުންނާއި، ތިމާވެއްޓާ ގުޅުންހުރި މުހިންމު ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރާނެއެވެ. އަދި ރާއްޖޭގެ ފަރާތުން ވަނީ، ކުދި ގައުމުތަކުގެ މަސްލަހަތާ ގުޅޭގޮތުން ވާހަކަ ދައްކާގޮތަށް ހަމަޖެހިފައެވެ.

މި ބައްދަލުވުމުގެ ހަވާސާގައި ރާއްޖެއިން އިޓަލީގެ އެންވާރަންމެންޓް މިނިސްޓަރާ ބައްދަލުކޮށް، ރާއްޖޭގައި ތިމާވެށީގެ ދާއިރާގައި އިތުރަށް އެހީ ހޯދުމާ ބެހޭގޮތުން މަޝްވަރާ ކުރެވޭނެއެވެ. އަދި އިންޓަނޭޝަނަލް ރިނިއުބަލް އެނާޖީ އޭޖެންސީގެ އިސްވެރިންނާ ވެސް ރާއްޖެއިން ބައްދަލުކުރާނެއެވެ.

comment ކޮމެންޓް