އިދިކޮޅު ފަރާތްތަކުން މިތިބީ އާޒިމާއެކު: އަސްލަމްް

އެމްޔޫއޯ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ: މުހައްމަދު އަފްރާހް

އިދިކޮޅު ހަރަކާތްތަކުގައި އިސް ދައުރެއް އަދާކުރަމުން ގެންދާ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ހައްޔަރުކުރިޔަސް އިދިކޮޅު ފަރާތްތަކުން ތިބީ އޭނައާ އެކު ސާބިތުކަމާ އެކީގައި ކަމަށް ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެވެ.

މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަސްލަމް ވިދާޅުވީ އާޒިމަކީ ސާބިތުކަމާއެކު އިސްލާހީ ހަރަކާތުގައި ދެމި ހުންނެވި ބޭފުޅެއް ކަމަށެވެ.

އަސްލަމް ވިދާޅުވީ ފަހަރަކު މީހަކު ޖަލަށްލިޔަސް އިސްލާހީ ހަރަކާތް ހުއްޓިދާނެ ކަމަށް ހީކޮށްގެންނުވާނެ ކަމަށާއި އިދިކޮޅު ހަރަކާތްތައް ދާނީ ކުރިއަށް ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތަކީ ރާއްޖެއަށް "އަނބުރާ ޑިމޮކްރަސީ ގެނައުމަށް ކުރާ މަސައްކަތެއް" ކަމަށާއި އެ މަސައްކަތަށް ހުއްޓުމެއް ނާންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނޫސްވެެރިންނަށް މައުލޫމާތު ދެއްވަމުން ޖެންޑާ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވީ މިއަދު ފެންނަމުން ދަނީ ސަރުކާރާދެކޮޅަށް ބަހެއް ބުނެލާ މީހަކު ހައްޔަރުކުރާ މަންޒަރު ކަމަށެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމްގެ ކޮއްކޮ އާޒިމް ހައްޔަރުކުރީ މިއަދު ހެނދުނުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

އާޒިމް ހައްޔަރުކުރަން ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގައި ވާގޮތުން އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަކީ ޝަރުއީ ނިޒާމާ މެދު ދޮގު މައުލޫމާތު ފެތުރުމާއި ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން މަސައްކަތް ކުރުމުގެ ތުހުމަތެވެ.

ހައްޔަރުކުރަން ބޭނުންވާ ސަބަބެއްގެ ގޮތުގައި އެ އަމުރުގައި ބުނެފައި ވަނީ ގާނޫނީގޮތުން ރާއްޖޭގައި އުފެދިފައިވާ ސަރުކާރު ގާނޫނާ ޚިލާފަށް ބަދަލުކުރަން ހިތްވަރުލިބޭފަދަގޮތަށް އޭނާ ވާހަކަދައްކާފައިވާ ކަމަށެވެ. އަދި ޝަރުއީ ނިޒާމާ މެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފައްދައި އިތުބާރު ގެއްލުވާލަން މަސައްކަތްކޮށް، ދޮގު މައުލޫމާތު ފަތުރައި ތަފާތު އެކި ގޮތްގޮތަށް ވާހަކަ ދައްކާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ވެސް އެ އަމުރުގައިވެއެވެ.

އެ މައްސަލައިގެ ހެއްކަށް ނުފޫޒު ފޯރުވައި ހެކި ފޮރުވަން މަސައްކަތްކޮށްފާނެ ކަމަށް ފެންނަ ކަމަށް ވެސް އެ އަމުރުގައިވެއެވެ.

އާޒިމް މުޖުތަމައުގެ ތެރެއަށް ދޫކޮށްލާފައި ބެހެއްޓުމަކީ އޭނާގެ ފަރާތުން މުޖުތަމައުއަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމެއް ކަމަށް ވެސް އެ އަމުރުގައިވެއެވެ.

އެ އަމުރުގައިވާގޮތުން އާޒިމާ ދެކޮޅަށް ލިބިފައިވާ ހެއްކަކީ އިންޓެލިޖެންސް ރިޕޯޓެކެވެ.

comment ކޮމެންޓް