ޑރ. ނިޔާޝާގެ އިރުޝާދު: ދަރިފުޅު ރުޅިގަދަވެ ބޮޑާހާކާނަމަ ހަދަންވީ ގޮތް

އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑރ ނިޔާޝާ އިބްރާހިމް -- ސަންފޮޓޯ/ މުހައްމަދު އަފްރާހް

ކުޑަކުދިން ވަކި އުމުރުފުރާއަކަށް އެޅުމުން ރުޅިގަދަވެގެން، ގެންގުޅޭ ބައެއް އެއްޗިހި އުކާލުމާއި މީހުން ގައިގައި ޖެހުންފަދަ ނޭދެވޭ އަމަލުތަކެއް ކުރެ އެވެ. އެކި ކުދިން ހިންގަނީ އެކި އަމަލުތަކެވެ. ބައެއް ކުދިން ބިންމަތީ 'ފެތުރި' ގަނެ އެވެ. ކުއްޖާ ބޭނުންވާ ކަމެއް ނުވެއްޖެ ނަމަ ހަޅޭ ލަވައި އަޑުގަދަކޮށްވެސް ހަދައެވެ.

ބައެއް ބެލެނިވެރިންނާ ވާހަކަ ދައްކާލުމުން އެނގުނީ ކުދިން ރުޅިގަދަވެގެން ހިންގާ އެ އަމަލުތަކުން ކަންބޮޑުވާ ކަމެވެ. ހަދާނެ ގޮތް ނޭނގިގެން ވެސް ބައެއް ބެލެނިވެރިން އުޅޭ ކަމެވެ.

އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ނިޔާޝާ އިބްރާހިމް "ސަން"އަށް ވިދާޅުވި ގޮތުން އެއީ ކުއްޖާގެ ވަކި އުމުރުފުރާއެއްގައި ބެލެނިވެރިން ބަލަންޖެހޭ ޑްރާމާ އެކެވެ. އެއަށް ކިޔަނީ "ޓެމްޕާ ޓެންޓްރަމް" ކަމަށް ޑރ. ނިޔާޝާ ފާހަގަ ކުރެއްވި އެވެ. އެކަހަލަ ކަންކަމަކީ އެއްވެސް ގޮތަކަށް ބެލެނިވެރިޔާ ކަންބޮޑުވުމެއް ނެތި ފަސޭހަ ކަމާއެކު ހައްލު ކުރެވޭނެ ކަންކަން ކަމަށް ވެސް ޑރ. ނިޔާޝާ ވިދާޅުވި އެވެ.

ޑރ ނިޔާޝާ ފާހަގަ ކުރެއްވި ގޮތުން ނޯމަލްކޮށް ބޮޑުވަމުން އަންނަ ކުއްޖަކު އެގޮތަށް އުޅުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ވާހަކަ ދެއްކުން ލަސްވާ ކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ ކުދިން އެފަދަ އަމަލުތަކެއް ހިންގާނަމަ ވިސްނަން ޖެހެ އެވެ.

ކުއްޖަކު ރުޅިގަދަވެ ބިންމަތީގައި އޮށޯވެގެން --

"އެއީ އެއްގޮތަކަށް ވެސް ބައްޔެއް ނޫން. އެއީ ހަމަ ކޮންމެ ބެލެނިވެރިއަކު ވެސް ކުރިމަތިލާން ޖެހޭ ދުވަސްވަރެއް. ކުއްޖާ ބޭނުންވަނީ ބެލެނިވެރިން ނޫނީ ދެން އުޅޭ މީހުންގެ ސަމާލުކަން ހޯދަން،" ޑރ. ނިޔާޝާ ވިދާޅުވި އެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުން ޓެމްޕަ ޓެންޓްރަމް ނުވަތަ މި އަމަލުތައް އެންމެ ގިނައިން ފެންނަނީ ދެ އަހަރާއި ތިން އަހަރާ ދެމެދުގެ އުމުރުފުރާގެ ކުދިންގެ ކިބައިންނެވެ. ނަމަވެސް މަދުން ނަމަވެސް އެއް އަހަރު ހަތަރު އަހަރު އަދި ފަސް އަހަރުގެ ކުދިންގެ ކިބައިން ވެސް މި އަމަލުތައް ފެންނަ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ދިރާސާ ތަކުން ދައްކާ ގޮތުން ކުދިން މި ރުޅި އަންނަން ނުވަތަ ނޭދެވޭ އަމަލެއް ކުރަން ވަކި ވަގުތެއް ވަކިތަނެއް ނޯވެ އެވެ. ނަމަވެސް ހަދާފައިވާ ދިރާސާތަކަށް ބަލާއިރު ކުއްޖާ ނިދާގަޑީގައި ރުޅިގަދަވުމާއި ފިހާރަ އަދި ރެސްޓޯރެންޓްފަދަ ތަންތަނުގައި ރުޅިގަދަވުން ގިނަކަން ފާހަގަވެ އެވެ. އޭގެ އިތުރުން "ނޫނެކޭ، ނުކުރާށޭ" ބުނުމުން އެކަމެއް ކުރަން ކުއްޖާގެ ޝައުގުވެރިކަން ހުރުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ.

ބެލެނިވެރިއަކު 'ސަން' އާ ވާހަކަދައްކަމުން ބުނީ އޭނާގެ ދަރިފުޅު ބައެއް ފަހަރު ރުޅިގަދަވެ ބިންމަތީ އިށީނދެ، ގަދައަށް ރޯން ފަށާ ކަމަށެވެ. އަދި ބައެއް ފަހަރު އެއްޗެހި އުކައި ހަދާ ކަމަށް އެ ބެލެނެވެރިޔާ ބުންޏެވެ. ދަރިފުޅު އެހެން އުޅެން ފެށުމުން، މަޑުމަޑުން ނަސޭހަތުގެ ބަހެއް ބުނެލުމަށްފަހު، ދަރިފުޅު ނުބަލައި އެހެން ކަމެއްގައި ޝާމިލުވާ ކަމަށް ހެދިގެން އުޅުމުން ރުއިން ހުއްޓާލާ ކަމަށް އެ ބެލެނެވެރިޔާ ބުންޏެވެ.

ކުރަން ބޭނުންވާ ކަމެއް ނުވުމުން ކުދިން ރުޅިގދަވޭ ---

އެހެން ބެލެނިވެރިއަކު ބުނިގޮތުގައި ރުޅިގަދަވުމުން މީހުން ގައިގައި ޖެހުމަކީ އާންމުކޮށް ދަރިފުޅު ކުރާ ކަމެކެވެ. އެކަމާ ކަންބޮޑުވާ ކަމަށް ބެލެނިވެރިޔާ ފާހަގަކުރި އެވެ.

"އެއްޗެއް ބޭނުންވެގެން ނުވަތަ ކަމެއް ކުރަން ބޭނުންވީމަވެސް ނުވެޖެނަމަ ރުޅި ގަދަވެގެން ޖަހާނެ. ހަދާނެ ގޮތް ހުސްވެފައި ބައެއް ފަހަރު ހުންނަނީ،" ބެލެނިވެރި އަކު ބުންޏެވެ.

ރުޅި ގަދަވިޔަސް ކުދިންނަށް އަޑުލާ ނުހަދާ

ޑރ. ނިޔާޝާ ވިދާޅުވަނީ ކުއްޖާ އެގޮތަށް ރުޅިގަދަވެގެން އުޅުނު ނަމަވެސް ރުޅިއައިސް ބާރަށް ބުނުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އޭގެ ސަބަބުން ކުއްޖާގެ އެ އަމަލުތަކަށް ހައްލެއް ނުލިބޭނެ ކަމަށް ޑރ ނިޔާޝާ ވިދާޅުވި އެވެ.

ކުއްޖާ އެއްޗިހިތައް، ވަކި ކަމެއް ކުރަން ބާރަށް ރޮއި ހަދާނަމަ ބެލެނިވެރިޔާ އެކަމަށް ސަމާލުކަން ނުދިނުމަށް ޑރ ނިޔާޝާ ނަސޭހަތްތެރިވި އެވެ. އަދި އެ ރުޅިގަނޑު މަޑުވެ ކުއްޖާ ހަމައަކަށް އެޅުމުން މަޑު މަޑުން ކުއްޖާއަށް ނަސޭހަތްތެރިވުމަކީ ރަނގަޅު ގޮތް ކަމަށް ޑރ. ނިޔާޝާ ވިދާޅުވި އެވެ.

އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑރ ނިޔާޝާ އިބްރާހިމް -- ސަންފޮޓޯ/ މުހައްމަދު އަފްރާހް

"ފަހުން ހަމައަކަށް އެޅުނީމަ ކުއްޖާއަށް ބުނެދޭންވީ މަންމަ ވަރަށް ދެރަވިޔޭ ދަރިފުޅު އެގޮތަށް އުޅުނީމަ. އެއީ ހަޑިގޮތެކޭ. ކުރުން ރަނގަޅު ކަމެއް ނޫން. ދެ އަހަރު ތިން އަހަރު ކުދިންނަށް ވިސްނޭނެ އެގޮތަށް ވާހަކަދެއްކީމަ،" ޑރ. ނިޔާޝާ ވިދާޅުވި އެވެ.

މީހެއް ގައިގައި ނުވަތަ ކައިރީ އުޅޭ ކުޑަކުއްޖެއް ގައިގައި ޖަހާ ނަމަ ވަގުތުން އެކަން ހުއްޓުވުމަށް ޑރ ނިޔާޝާ ވިދާޅުވި އެވެ. އަތް ދުރުކޮށް ނުޖެހުމަށް ބުނުމުން ރަނގަޅުވާނެ ކަމަށް ވިދާޅުވި އެވެ.

އަދި އޭގެ އިރުކޮޅެއް ފަހުން އަދަބެއްގެ ގޮތުން ގޮނޑިއަކަށް ނުވަތަ މޭޒެއްގެ މައްޗަށް ދެ މިނެޓެއް ހާއިރަށް ބައިންދާލުން ރަނގަޅުވާނެ ކަމަށް ޑރ. ނިޔާޝާ ވިދާޅުވި އެވެ. އޭރުން އެއީ އަދަބެއްގެ ގޮތުން މަންމަ ކުރި ކަމެއްކަން ކުއްޖާއަށް ވިސްނޭނެ ކަމަށް ވިދާޅުވި އެވެ.

ވާހަކަ ދެއްކުން ލަސްކުއްޖެއް ނަމަ ޑޮކްޓަރެއްގެ ލަފާ ހޯދާ

ވާހަކަދެއްކުން ލަސް ކުއްޖަކު ރުޅިގަދަވެގެން އުޅޭ ނަމަ އެންމެ ރަނގަޅު ގޮތަކީ ސްޕީޗް ތެރަޕިސްޓެއްގެ ލަފާ ހޯދުން ކަމަށް ޑރ ނިޔާޝާ ވިދާޅުވި އެވެ. އެއީ ކުއްޖާ ވާހަކަ ދެއްކުން ލަސްވާނަމަ އޭނާ ބުނަން ބޭނުންވާ އެއްޗިހި ނުބުނެވުމުގެ ސަބަބުން ރުޅި ގަދަވަނީ ކަމަށް ވިދާޅުވި އެވެ.

"އެ ކުދިން ބޭނުން ވެދާނެ މިވެނި ކަމެއް ބޭނުންވަނީ އޭ ބުނަން އެކަމަކު ވާހަކަ ނުދެއްކޭތީ ނުބުނެވޭ. އެހެންވެ އެ ރުޅިގަދަ ވެވެނީ. އެ ކުދިންނަށް އެއްވެސް އަދަބެއް ދިނުން ރަނގަޅެއް ނޫން،" ޑރ ނިޔާޝާ ވިދާޅުވި އެވެ.

ކުދިންނަށް ދިމާވާ މިފަދަ މައްސަލަތަކުގައި ބެލެނިވެރިން ވިސްނުންތެރިކަމާއެކު އަމަލު ކުރުމަކީ އެންމެ ރަނގަޅު ގޮތެވެ.

comment ކޮމެންޓް