ތިމާވެށީގެ ދުވަހާ ގުޅުވައިގެން ހާއްސަ މައުރުޒެއް ބާއްވަން އެމްޑަބްލިޔުއެސްސީ އިން ނިންމައިފި

"އެމްޑަބްލިއުއެސްސީ ރީސައިކަލްސް"ގެ ސަރުކާރުގެ ފެން ކުންފުނިން މިއަދު އިފްތިތާހްކުރި މައުރަޒަށް ހާއްސަ ކޮށްގެން ފަރުމާކުރި ވެބްސައިޓް، އެ ކުންފުނީގެ އެމްޑީ ފަޒުލް ލޯންޗު ކޮށްދެއްވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދުނިޔޭގެ ތިމާވެށި ދުވަސް ފާހަގަކުރުމުގެ ގޮތުން އެކިކަހަލަ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަ ކެޓަގަރީއަކާ އެކު މުޅި ރާއްޖެއަށް ހުޅުވާލެވިގެން ހާއްސަ މައުރަޒެއް ބާއްވަން އެމްޑަބްލިޔުއެސްސީ އިން ނިންމައިފި އެވެ.

ކޮންމެ އަހަރެއްގެ ޖޫން ފަސް ވަނަ ދުވަހު ފާހަގަކުރަމުން އަންނަ ދުނިޔޭގެ ތިމާވެށި ދުވަހާ ގުޅުވައިގެން، "އެމްޑަބްލިއުއެސްސީ ރީސައިކަލްސް"ގެ ނަމުގައި މިއަދު ފެށި މައުރަޒަކީ ބޭނުންކުރެވިފައިވާ ޕްލާސްޓިކް (ޕްލާސްޓިކް ފުޅި، ޕައިޕް، ޕީވީސީ، ޔޫޕީވީސީ، ޕްލާސްޓިކް ރެޕާ، ކޮތަޅު، ޝްރިންކް ފިލްމު، ރެފަރ، ޕޮލިމާ) ބޭނުން ކޮށްގެން އުފެއްދުންތަކެއް ތައްޔާރުކޮށް އެތަކެތި ދައްކާލުމުގެ މައުރަޒެކެވެ.

އެމްޑަބްލިއުއެސްސީގެ އިޖްތިމާއީ ޒިންމާގެ ދަށުން ބާއްވާ އެ މައުރަޒުގައި ބައިވެރިވުމަށް ވަނީ ދެ ކެޓަގަރީއެއް ކަނޑައަޅާފަ އެވެ. އެއީ ވަކިވަކި ފަރުދުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތާއި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަ ކުރެވިފައިވާ ކެޓަގަރީ އެވެ.

ވަކިވަކި ފަރުދުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ:

  • 17 އަހަރުން ދަށް
  • 18 އަހަދުން މަތި
  • ސްކޫލްތައް
  • ކުންފުނިތައް
    • (ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުނި، އަމިއްލަ ކުންފުނި، އެންޖީއޯ އަދި ރިސޯޓްސް)

ހާއްސަ އެހީއަށް ބޭނުންވާ ކެޓަގަރީ ވެސް ވަނީ ހަތް ބަޔަކަށް ބަހާލާފަ އެވެ. އެއީ:

  • ފެނުމުގެ ނުކުޅެދުންތެރިކަން
  • އަޑުއިވުމުގެ ނުކުޅެދުންތެރިކަން
  • ދަސްކުރުމުގެ ނުކުޅެދުންތެރިކަން
  • ޑައުން ސިންޑްރަމް
  • އޯޓިސްޓިކް
  • ޖިސްމާނީ ނުކުޅެދުންތެރިކަން (އަތް ނެތް މީހުން)
  • ޖިސްމާނީ ނުކުޅެދުންތެރިކަން (ފައި ނެތް މީހުން)

އެމްޑަބްލިއުއެސްސީ އިން ބުނީ، މައުރަޒުގެ ކޮންމެ ކެޓަގަރީއަކުން އެންމެ މޮޅު ތިން ފަރާތަކަށް ފައިސާގެ އިނާމެއް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ. ސަތާރަ އަހަރުން ދަށް އަދި 18 އަހަދުން މަތިން އެއްވަނަ ހޯދާ ފަރާތަކަށް 30،000 ރުފިޔާ ހުށަހަޅާފައިވާ އިރު، ދެވަނަ އަށް 20،000 ރުފިޔާ އަދި ތިން ވަނަ އަށް 10،000 ރުފިޔާގެ އިނާމެއް ވަނީ ހުށަހަޅާފަ އެވެ.

ސްކޫލް އަދި ކުންފުނިތަކުގެ ކެޓަގަރީ އިން އެއްވަނަ އަށް ހުށަހަޅާފައި ވަނީ 70،000 ރުފިޔާއެވެ. ދެވަނަ އަށް 50،000 ރުފިޔާ އަދި ތިން ވަނަ އަށް ހުށަހަޅާފައި ވަނީ 20،000 ރުފިޔާ އެވެ.

ހާއްސަ އެހީއަށް ބޭނުންވާ ކޮންމެ ބަޔަކުން ވެސް އެއްވަނަ ހޯދާ ފަރާތަކަށް 30،000 ރުފިޔާ ހުށަހަޅާފައިވާ އިރު، ދެވަނަ އަށް ދޭން ކަނޑައަޅާފައި ވަނީ 20،000 ރުފިޔާއެވެ. ތިން އަށް ދޭން ނިންމާފައި ވަނީ 10،000 ރުފިޔާ އެވެ.

ރައްޔިތުން ތިމާވެއްޓާ މެދު އަހްލުވެރިކުރުވުމާ ލޯބި އިތުރުކުރުމުގެ މަގްސަދުގައި ބާއްވާ އެ މައުރަޒަށް ހާއްސަ ކޮށްގެން އެމްޑަބްލިއުއެސްސީ އިން ވަނީ ހާއްސަ ވެބްސައިޓެއް ވެސް ފަރުމާކޮށް މިއަދު އިފްތިތާހް ކޮށްފަ އެވެ. ފެން ބިލްޑިންގްގައި މިއަދު ބޭއްވި ހަފްލާއެއްގައި ވެބްސައިޓް ލޯންޗު ކޮށްދެއްވީ އެމްޑަބްލިއެސްސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދެވެ.

(www.recycles.mwsc.com.mv)ގެ ނަމުގައި ލޯންޗު ކޮށްފައިވާ އެ ވެބްސައިޓުން މައުރަޒުގައި ބައިވެރިވުމަށް ބޭނުންވާ ޝަރުތުތަކާއި ޕޮއިންޓް ދެވޭނެ އުސޫލުގެ އިތުރުން ބައިވެރިވުމަށް އެދޭ ފޯމާއި އިތުރު މައުލޫމާތު ލިބެން ހުންނާނެ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެ އެވެ.

އެ ކުންފުނިން ބުނީ، މައުރަޒުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ ނިޔަލަށް ކަމަށެވެ. އަދި ތަކެތި ހުށަހެޅުމުގެ ފުރުސަތު އޮގަސްޓް މަހުގެ 16 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ އިރު، މައުރަޒު ބޭއްވުމަށް ހަމަޖެހިފައި ވަނީ އޮގަސްޓް މަހުގެ 20 އިން 24 އަށެވެ.

comment ކޮމެންޓް