ލޯންޗު އެކްސިޑެންޓުގައި އަނިޔާވި މުވައްޒަފުންނަށް ދަނީ އެހިތެރިކަން ފޯރުކޮށްދެމުން: ސަމާ އައިލެންޑް

އެކްސިޑެންޓުގައި ޒަހަމްވި މީހަކު އޭޑީކޭއަށް ވައްދަނީ -- ސަން ފޮޓޯ: މުހައްމަދު ސަމާހް

ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ސަމާ އައިލެންޑް ރިސޯޓުގެ މުވައްޒަފުންނަށް އެހީތެރިކަން ފޯރުކޮށްދެމުން ދާކަމަށް އެ ރިސޯޓުން ބުނެފި އެވެ.

ސަމާ އައިލެންޑުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، އެ އެކްސިޑެންޓުގައި ޒަހަމްވެ އަނިޔާ ލިބުނު މުވައްޒަފުންގެ ހުރިހާ ކަމެއް އެ ކުންފުނިން ބަލަމުންދާ ކަމަށެވެ. އަދި އޭޑީކޭ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ލަފާގެމަތިން ކުރަން ޖެހޭ ހުރިހާކަމެއް ވެސް ފުރިހަމަ ކުރަމުންދާ ކަމަށް އެ ރިސޯޓުން ބުނެ އެވެ.

ލޯންޗު އެކްސިޑެންޓުގައި އަނިޔާވެ އެޑްމިޓް ކުރި 14 މީހުންގެ ތެރެއިން ފަސް މީހަކު ދޫކޮށްލާފައިވާ ކަމަށާއި ހަ މީހަކު ޕްރައިވެޓް ރޫމް ތަކަށް ބަދަލުކޮށްފައިވާ ކަމަށް ސަމާ އައިލެންޑުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ. އަދި ތިން މީހަކަށް ފަރުވާދެމުން ދަނީ އައިސީޔޫގައި ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ސަމާ އައިލެންޑުން ނެރުނު ބަޔާނުގައި އަނިޔާ ލިބުނު މުވައްޒަފުންގެ ތެރެއިން ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ޑޮކްޓަރުންގެ ލަފާ ދެއްވާފައިވާ މުވައްޒަފުންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ބުނެފައިވެ އެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް އެހީތެރިކަން ފޯރުކޮށްދެމުންދާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ސަމާ އައިލެންޑް ރިސޯޓުން ފުރައިގެން، އެ ރިސޯޓްގެ 15 ސްޓާފުންނާ އެކު ދަތުރުކުރި އެ ލޯންޗް އެކްސިޑެންޓްވީ ރީތިރަށް ރިސޯޓް ކައިރީ އަޅާފައި އޮތް ދޯންޏަކާ އެވެ.

އެކްސިޑެންޓް ހިނގަން މެދުވެރިވީ އެ ދޯނި އަޅާފައި އޮތް އިރު އޭގައި އެއްވެސް އަލިކަމެއް ނެތުމުން ލޯންޗުގެ ކައްޕިއަށް ދޯނި ނުފެނިގެންނެވެ. އެމްއެންޑީއެފުން ބުނެފައި ވަނީ އެކްސިޑެންޓުގައި ދެފަރާތުގެ ވެސް އިހުމާލުވާ ކަމަށެވެ.

ފުލުހުން މިހާރު ވަނީ އެ ދޯނީގެ ކައްޕިއާ އެކު ހަތަރު ފަޅުވެރިން ވެސް ހައްޔަރުކޮށްފަ އެވެ. ދޯނީގައި ތިބި ހަތަރު ބިދޭސީންގެ ވިސާގެ މައްސަލަ އުޅޭތީ އެ މީހުން އިމިގްރޭޝަނާ ހަވާލުކޮށްފައިވާ އިރު، އެމީހުން ޑީޕޯޓްކޮށްލަން ވަނީ ނިންމާފަ އެވެ.

comment ކޮމެންޓް