މޫސުން ގޯސްވެގެން، ޑޮމިނިކަން ރިޕަބްލިކްގެ ޓަގެއް އުލިގަމުގައި ބަނދަރުކޮށްފި

މޫސުން ގޯސްވުމުގެ ސަބަބުން އުލިގަމުގައި ބަނދަރުކުރި ޓަގު --- ފޮޓޯ/ އެމްއެންޑީއެފް

ބައިނަލް އަގްވާމީ ކަނޑުގެ ސަރަހައްދުގައި ދަތުުރު ކުރަމުންދިޔަ ޓަގެއް މޫސުން ގޯސްވުމުގެ ސަބަބުން ހއ. އުލިގަމު އިރުމަތި ފަރާތުގައި ބަނދަރުކޮށްފި އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިޝަރު އިބްރާހީމް އާޒިމް މިއަދު ވިދާޅުވީ، އެ އުޅަނދަކީ "ގޯލްޑެން ޕްރައިޑް" ނަމަކަށް ކިޔާ ޓަގެއް ކަމަށާއި އެ އުޅަނދު އުލިގަމުގައި ބަނދަރުކޮށްފައި ވަނީ އިއްޔެ މެންދުރު ފަހު 3:00ގައި ކަމަށެވެ.

އާޒިމް ވިދާޅުވީ، އެ އުޅަނދަކީ ޑޮމިނިކަން ރިޕަބްލިކްގެ އުޅަނދެއް ކަމަށެވެ. އަދި އެ އުޅަނދުގައި 25 މީހުން ތިބި ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

އިންޑިއާގެ ކުންފުންޏަކުން އޮޕަރޭޓް ކުރާ އެ އުޅަނދު އުލިގަމުގައި ބަނދަރުކޮށްފައި ވަނީ މޫސުން ގޯސްވެ، ކަނޑުގަދަވުމުގެ ސަބަބުން ދަތުރު ނުކުރެވިގެން ކުއްލި ހާލަތުގައި އެހީތެރިކަމަށް އެދުމުން ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން ހުއްދަ ލިބުމުން ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

މޫސުން ގޯސްވި އިރު އެ އުޅަނދު ދަތުރު ކުރަމުން ދިޔައީ، "އޭ" ޑީގްރީ ޗެނަލް ބޭރުގައި ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އެމްއެންޑީއެފުން ބުނީ، ދަތުރުކުރެވޭ ވަރަށް މޫސުން ރަނގަޅުވުމުން އެ އުޅަނދު ފުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

comment ކޮމެންޓް