ސްރީ ލަންކާގައި ހުންނަ މޯލްޑިވިއަން އެޑިއުކޭޝަން އެންޑް ކަލްޗަރަލް ސެންޓަރު (އެމްއީސީސީ) ނުވަތަ ސޯސަންވިލާ އިން އިންތިޒާމްކޮށްގެން އެ ގައުމުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހީންނާއެކު ބޮޑު ޖަމާއަތެއްގައި ހުކުރު ނަމާދު ކޮށްފިއެވެ.

ލަންކާގައި ކުރި ތާރީހީ ހުކުރު ނަމާދުގެ ތެރެއިން --- ފޮޓޯ/ އެމްއީސީސީ
ސޯސަންވިލާ އިމާރާތުގައި މިއަދު ކުރި ހުކުރު ނަމާދަކީ ދިވެހި ހުތުބާއަކާއެކު އެ ސެންޓަރުގައި ކުރި ފުރަތަމަ ހުކުރު ނަމާދެވެ. ސޯސަންވިލާގައި މީގެ ކުރިން ދިވެހި ހުތުބާއަކާ ބޮޑު ޖަމާއަތުގައި ނަމާދެއް ކޮށްފައި ވަނީ މިދިޔަ އަހަރުގެ ފިތުރު އީދު (ކުޑަ އީދު)ގަ އެވެ.
ސްރީ ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ތާޑް ސެކްރެޓަރީ އަދި ސޯސަންވިލާ ހިންގެވުމާ ހަވާލު ހުންނެވި އަބްދުއްރަޝީދު ވިދާޅުވީ، ގިނަ ދިވެހިން އެއްތަނަކަށް އެއްވެ، ދިވެހި ހުތުބާއެއް ކުރި ހުކުރު ނަމާދުގައި 200 އަށް ވުރެ ގިނަ ދިވެހިން ބައިވެރިވި ކަމަށެވެ.

ލަންކާގައި ކުރި ތާރީހީ ހުކުރު ނަމާދުގެ ތެރެއިން --- ފޮޓޯ/ އެމްއީސީސީ
ސޯސަންވިލާގައި ކުރި ހުކުރު ނަމާދުގައި އިއްވާފައި ވަނީ ރާއްޖޭގެ މިސްކިތްތަކުގައި ވެސް މިއަދު އިއްވި ހުކުރު ހުތުބާއެވެ. އެ ހުކުރު ނަމާދު އިމާމުވެކޮށްދެއްވީ އެމްއެންޑީއެފްގައި މީގެ ކުރިން ވެސް އިމާމުވެ ހުކުރު ކުރައްވާފައިވާ މުހައްމަދު ޝައްފާފުއެވެ.
އަދުރޭ ވިދާޅުވީ، ރޯދަ މަސް ނިމެންދެން ހުރިހާ ހުކުރު ނަމާދެއް ވެސް ކުރާނީ ސޯސަންވިލާގައި ކަމަށެވެ. މި ރޯދަ މަހުގައި ވީހާވެސް ގިނައިން ދީނީ ކަންތައްތައް ރާވައި ހިންގުމުގެ ބޭނުމުގައި ސޯސަންވިލާގައި ކޮންމެ ރެއަކު ވެސް ތަރާވީސް ނަމާދު ވެސް ކުރަމުން އަންނަ ކަމަށާއި އެ ޖަމާއަތުގައި ވެސް ގިނަ ބަޔަކު ބައިވެރިވާ ކަމަށެވެ.

ލަންކާގައި ކުރި ތާރީހީ ހުކުރު ނަމާދުގެ ތެރެއިން --- ފޮޓޯ/ އެމްއީސީސީ