ލަންކާގައި ފުރަތަމަ ފަހަރަށް ދިވެހި ހުތުބާއަކާއެކު ހުކުރު ކުރަނީ

އެމްއީސީސީގެ ކޮންމެ ކުއްޖަކީ ނަމާދު ކުރަން ދަންނަ ކުއްޖަކަށް ހެދުމަށް އެ ސެންޓަރުން ފެށި ޕްރޮގްރާމް އިފްތިތާހް ކުރުމުގެ ތެރެއިން: ސޯސަންވިލާގައި ފުރަތަމަ ފަހަރަށް ދިވެހި ހުތުބާއަކާއެކު މާދަމާ ހުކުރު ކުރަން ވަނީ ހަމަޖެހިފައި --- ފޮޓޯ/ އެމްއީސީސީ

ސްރީ ލަންކާގައި ހުންނަ މޯލްޑިވިއަން އެޑިއުކޭޝަން އެންޑް ކަލްޗަރަލް ސެންޓަރު (އެމްއީސީސީ) ނުވަތަ ސޯސަންވިލާގައި ފުރަތަމަ ފަހަރަށް ދިވެހި ހުތުބާއަކާއެކު ހުކުރު ނަމާދު ކުރުމަށް ތައްޔާރުވެއްޖެއެވެ.

ސޯސަންވިލާގައި މީގެ ކުރިން ދިވެހި ހުތުބާއަކާ އެކު ނަމާދު ކުރުން ބާއްވާފައިވަނީ ބޮޑެތި ދުވަސްތަކާ ދިމާކޮށެވެ. އެގޮތުން މިދިޔަ އަހަރުގެ ފިތުރު އީދު (ކުޑަ އީދު) ގައިވެސް ސޯސަންވިލާގައި ފުރަތަމަ ފަހަރަށް ދިވެހި ހުތުބާއަކާއެކު ފިތުރު އީދު ނަމާދު ވަނީ ކޮށްފައެވެ.

ސްރީ ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ތާޑް ސެކްރެޓަރީ އަދި ސޯސަންވިލާ ހިންގެވުމާ ހަވާލު ހުންނެވި އަބްދުއްރަޝީދު މިރޭ ސަން އަށް ވިދާޅުވީ، ބަރަކާތްތެރި ރަމަޟާން މަހެއް ފެށިގެންދާއިރު ލަންކާގައި ދިވެހި ހުތުބާއަކާއެކު ހުކުރު ކުރާނެ ތަނެއް ނެތުމަކީ ލަންކާގައި ދިރިއުޅޭ ދިވެހިންގެ ކަންބޮޑުވުމެއް ކަމަށެވެ.

އެގޮތުން، ގިނަ ދިވެހިން އެއްތަނަކަށް ގެނެސް، ދިވެހި ހުތުބާއެއް އަޑުއަހާލުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ރޯދަމަހުގެ ފުރަތަމަ ހުކުރު ނަމާދުން ފެށިގެން ރޯދަ މަސް ނިމެންދެން އަންނަ ހުރިހާ ހުކުރެއްގެ ވެސް ހުކުރު ނަމާދު ކުރާނީ ސޯސަންވިލާގައި ކަމަށް އަބްދުއްރަޝީދު ވިދާޅުވިއެވެ.

ސޯސަންވިލާގައި އިއްވާނީ އިސްލާމިކް މިނިސްޓްރީން ނެރޭ ހުކުރު ހުތުބާއެވެ. ފުރަތަމަ ފަހަރަށް ހުކުރު ހުތުބާ ވިދާޅުވެ ހުކުރު ކުރައްވާނީ އެމްއެންޑީއެފްގައި މީގެ ކުރިން އިމާމުވެ ހުކުރު ކުރައްވާފައިވާ މުހައްމަދު ޝައްފާފުއެވެ.

އަބްދުއްރަޝީދު ވިދާޅުވީ، މި ރޯދަ މަހު ވީހާވެސް ގިނައިން ދީނީ ކަންތައްތައް ހިންގުމަށް އިސްކަން ދެމުންދާ ކަމަށެވެ. އެގޮތުން ރޯދަ މަސް ފެށުނީއްސުރެ އެ ސެންޓަރުގައި ތަރާވީސް ނަމާދުވެސް ކުރަމުން ގެންދާ ކަމަށާއި އެކަމަށް ދިވެހިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން ސޯސަންވިލާގެ ޤުރުއާން އަދި މަދަހަ މުބާރާތް މާދަމާ ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް