އައިޔޫއެމްއިން ރާއްޖެއަށް މުޅިން އާ 3 މާސްޓާސް ކޯހަކާއެކު ޖުލައި މަހުގެ ކޯސްތަކަށް ހުޅުވާލައިފި

ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އައިޔޫއެމް

ރާއްޖެއަށް މުޅިން އާ ތިން މާސްޓާސް ކޯހެއް ތައާރަފްކޮށް، ޖުލައި މަހު ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް) އިން މިއަދު ހުޅުވާލައިފިއެވެ.

އައިޔޫއެމް އިން ރާއްޖެއަށް މުޅިން އަލަށް ތައާރަފް ކޮށްފައިވާ ކޯސްތަކަކީ މާސްޓާސް އޮފް އާޓްސް އިން ޤުރުއާނިކް ސައިންސް، މާސްޓާސް އޮފް އާޓްސް އިން ސައިންސް އޮފް ހަދީޘް އަދި މާސްޓާސް އޮފް ފިޤްހު އެންޑް އުސޫލުލް ފިޤްހެވެ.

އެއް އަހަރުގެ މުއްދަތައް ހިންގާ އެ ކޯސްތަކުގެ ތެރެއިން އާޓްސް އިން ސައިންސް އޮފް ހަދީޘް އަދި ފިޤްހު އެންޑް އުސޫލް އަލް ފިޤްހަކީ އަރަބި ބަހުން ކިޔަވައިދޭ ދެ ކޯހެވެ. އަދި ޤުރުއާނިކް ސައިންސް އަކީ ދިވެހި ބަހުން ކިޔަވައިދޭ ކޯހެކެވެ.

އޭގެ އިތުރުން އަންނަ ޖުލައި މަހު އައިޔޫއެމްގައި އަލަށް މާސްޓާސް ފެންވަރުގެ ކޯހަކާއި ބެޗްލާސް އަދި ޑިޕްލޮމާ ފެންވަރު ކޯހެއްގެ އިތުރުން އެޑްވާންސް ސެޓްފިކެޓްގެ ދެ ކޯހެއް އަލަށް ފެށުމަށް ވަނީ ނިންމާފައެވެ.

އެ ކޯސްތަކަކީ މާސްޓާސް އޮފް އެޑިއުކޭޝަން އިން ލީޑާޝިޕް އެންޑް އެޑްމިނިސްޓްރޭޝަން، ބެޗްލާސް އަދި ޑިޕްލޮމާ އޮފް އިމާމްޝިޕް އެންޑް ލޯކަލް ގަވާނަންސާއި އެޑްވާންސްޑް ސެޓްފިކެޓް އިން ޓީޗިންގް އަދި އެޑްވާންސްޑް ސެޓްފިކެޓް އިން ޤުރުއާނިކް ސްޓަޑީޒް އެވެ.

އިސްލާމީ ޔުނިވާސިޓީން ވަނީ ޖުލައި މަހު ފަށާ ޖުމްލަ 36 ކޯހަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައެވެ.

އެގޮތުން މާސްޓާސް އަދި ބެޗްލާސް ޑިގްރީ ފެންވަރުގެ އަށް ކޯހަކާއި ޑިޕްލޮމާ ފެންވަރުގެ ހަތް ކޯހަކާއި ސެޓްފިކެޓް ފެންވަރުގެ ނުވަ ކޯހެއްގެ އިތުރުން ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ އަދި އެޑްވާންސް ސެޓްފިކެޓްގެ ކޯހެއް ފަށާނެއެވެ. އަދި ވާހަކަ ދެއްކުންތެރިކަމުގެ ހުނަރުވެރިކަން ދަސްކޮށްދޭ ކޯހެއް ވެސް ޖޫން މަހު ފަށަން ވަނީ ހަމަޖެހިފައެވެ.

ޖުލައި މަހުގެ ދެވަނަ ދުވަހު ކިޔެވުން ފެށުމަށް ހަމަޖެހިފައިވާ އެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށެވެ.

comment ކޮމެންޓް