ވޯލްޑްޝެފްސްގެ ޖަޖިން ސެމިނާރެއް ފުރަތަމަ ފަހަރަށް ދިވެހި ތިން ޝެފަކު ފުރިހަމަ ކޮށްފި

ވޯލްޑްޝެފްސްގެ ޖަޖިން ސެމިނާއެއް ފުރިހަމަ ކުރި ދިވެހި ތިން ޖަޖުން --- ފޮޓޯ/ ސީޖީއެމް

ދުނިޔޭގެ ޝެފުންގެ މައި ޖަމިއްޔާ، ވޯލްޑް އެސޯސިއޭޝަން އޮފް ޝެފްސް ސޮސައިޓީ (ވޯލްޑްޝެފްސް)ގެ ޖަޖިން ސެމިނާއެއް ފުރަތަމަ ފަހަރަށް ދިވެހި ތިން ކައްކާއަކު ފުރިހަމަ ކޮށްފިއެވެ.

ތައިލެންޑުގެ ވެރިރަށް ބެންކޮކްގައި މިދިޔަ އަންގާރަ ދުވަހު ބޭއްވި ޖަޖިން ސެމިނާރގައި ރާއްޖޭގެ ފަރާތުން ބައިވެރިވެފައިވަނީ ރާއްޖޭގެ ޝެފްސް ގިލްޑް އޮފް މޯލްޑިވްސް (ސީޖީއެމް)ގެ ތިން ކައްކާއިންނެވެ.

އެއީ ރާއްޖޭގެ އަނަންތަރާ ކިހަވަށް ވިލާސްގެ އެގްޒެކެޓިވް ޝެފް، އިސްހާގާއި ސޮނެވާ ފުށީގެ ކައްކާ އަބްދުﷲ ސޮބާ ސަބާހް އަދި ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓޭލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގެ ލީޑިން ޓްރެއިނަރު އައިމިނަތު ޝާނީއެވެ.

ވޯލްޑްޝެފްސްގެ ކަލިނަރީ ކޮމްޕެޓިޝަން ކޮމެޓީއިން އުފައްދާ ޖަޖިން ސެމިނާ ޕްރޮގްރާމްތަކަކީ ކޮންމެ ބައްރެއްގައި ވެސް ގަވާއިދުން ބާއްވަމުން އަންނަ ޕްރޮގްރާމްތަކެކެވެ.

ވޯލްޑްޝެފްސްގެ ސެމިނާރެއްގައި ބައިވެރިވެ އެ ސެމިނާރ ކާމިޔާބު ކަމާއެކު ނިންމުމަކީ ވޯލްޑްޝެފްސް ގަބޫލުކުރާ ޖަޖަކަށްވުމަށް ކޮންމެހެން ފުރިހަމަ ކުރަންޖެހޭ ކަމެކެވެ.

ވޯލްޑްޝެފްސް އިން ގަބޫލުކުރާ ޖަޖެއްގެ މަގާމް ލިބުމުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ މަޝްހޫރު ކަލިނަރީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބުމުގެ އިތުރުން ކަލިނަރީ ހުނަރު އިތުރަށް ތަރައްގީ ކުރުމުގެ ފުރުސަތު ލިބޭނެއެވެ.

ފްރާންސްގެ ވެރިރަށް ޕެރިހުގައި 1928 ވަނަ އަހަރު އުފެދުނު ވޯލްޑްޝެފްސް ޖަމިއްޔާގެ ދަށުން 96 އޮފިޝަލް ޝެފްސް އެސޯސިއޭޝަން ހަރަކާތްތެރިވާއިރު މެމްބަރުންގެ ގޮތުގައި 10 މިލިއަނަށްވުރެ ގިނަ ޕްރޮފެޝަނަލް ޝެފުން ހިމެނެއެވެ.

ރާއްޖޭގެ ޝެފުން އަންނަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބާއްވަމުން އަންނަ ކެއްކުމުގެ މުބާރާތްތަކުގައި ވާދަކޮށް ގައުމަށް ރީތި ނަން ގެނެސްދެމުންނެވެ.

އެގޮތުން ދާދި ފަހުން އޭޝިއާގެ ލީޑިން ފުޑް އެންޑް ހޮސްޕިޓޭލިޓީ ޓްރޭޑް ޝޯއެއް ކަމަށްވާ ހޮފެކްގައި ވާދަކޮށް ދިވެހި ކައްކާއިން ތަކެއް ރިހި މެޑަލް ގެނެސްފައިވާއިރު، ޗައިނާގައި ބޭއްވި މަޝްހޫރު ކަލިނަރީ މުބާރާތަކުން ދިވެހި ކައްކާއިން ވަނީ ރަން މެޑަލް ހޯދާފައެވެ.

comment ކޮމެންޓް