ހއ. އަތޮޅާއި ޅ. އަތޮޅާ ދެމެދަށް ޔެލޯ އެލާޓް ނެރެފި

ރާއްޖޭގެ މަތިން ނަގާފައިވާ ސެޓަލައިޓް ފޮޓޯއެއް --- ފޮޓޯ/ މެޓް އޮފީސް

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގާ އުތުރުގެ އަތޮޅުތަކަށް މޯލްޑިވްސް މީޓްރިއޮލޮޖިކަލް ސެންޓަރުން ޔެލޯ އެލާޓް ނެރެފި އެވެ.

މެޓް އޮފީހުން ޔެލޯ އެލާޓް ނެރެނީ އެ އެލާޓް ނެރޭ ސަރަހައްދުތަކުގެ ދިރިއުޅޭ ރައްޔިތުންނާއި ކަމާ ގުޅުން ހުރި އިދާރާތަކުން ސަމާލުވެ، ފިޔަވަޅު އެޅުމަށް ތައްޔާރުވުމަށް އެންގުމަށެވެ. އަދި ޔެލޯޓް އެލާޓް ނެރޭ ސަރަހައްދުތަކުގައި ކަނޑުދަތުރުފަތުރު ކުރުމަކީ ރައްކާތެރި ކަމެއް ނޫނެވެ.

މެޓް އޮފީހުން ބުނީ، މިއަދު މެންދުރު ފަހު 3:00 އިން ފެށިގެން އިރުއޮއްސި 6:00 އާ ދެމެދު ހއ. އަތޮޅާއި ޅ. އަތޮޅާ ދެމެދަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި އަދި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށެވެ.

މެޓް އޮފީހުން މިއަދަށް ލަފާކޮށް އާންމުކޮށްފައިވާ މޫސުމަށް ބަލާއިރު ރާއްޖޭގެ އެކި ހިސާބަށް މިއަދު ވިއްސާރަ ކުރާނެ އެވެ. އަދި ބައެއް ރަށްތަކަށް ގުގުރުމާ އެކު ބޯކޮށްވާރޭވެހުން އެކަށީގެންވާ ކަމަށް ވެސް މެޓުން ބުންޏެވެ.

މިއަދުގެ މޫސުން

  • ބައެއް ރަށްތަކަށް ގުގުރުމާ އެކު ބޯކޮށްވާރޭވެހުން އެކަށީގެންވޭ
  • ދެކުނުގެ ބައެއް ރަށްތަކަށް ގުގުރުމާ އެކު ކެރީގެ އަސަރުފޯރާނެ
  • މެދުތެރޭ އަތޮޅުތަކަށް ހުޅަގުދެކުނާއި ހުޅަގުންް ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ
  • އެހެންހިސާބުތަކަށް ގަޑިއަކު 7 މޭލާއި 17 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ.
  • ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވޭ

މެޓް އޮފީހުން ބުނީ މެދުތެރޭ އަތޮޅުތަކުގެ ކަނޑުތައް އާއްމުގޮތެއްގައި ގަދަވާނެ ކަމަށެވެ. މިވިއްސާރާގައި ޚާއްސަކޮށް މެދުތެރޭ އަތޮޅުތަކުގައި ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމަސްކޮށްފަ އެވެ.

comment ކޮމެންޓް