ލަންކާގައި ފެންބޮޑުވި ސަރަހައްދަށް ރައީސް ސިރިސޭނާ ޒިޔާރަތް ކުރައްވައިފި

ސްރީލަންކާގެ ސަރަހައްދެއްގައި ފެންބޮޑުވެފައި ---

ބޯކޮށް ވާރޭ ވެހި، ފެންބޮޑުވުމުގެ ހާދިސާތަކެއް ހިނގާފައިވާ ސްރީލަންކާގެ ބައެއް ސަރަހައްދުތަކަށް ސްރީލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނާ ޒިޔާރަތް ކުރައްވައިފި އެވެ.

މީގެ ހަފްތާއެއްހާ ދުވަސް ކުރިން ސްރީލަންކާއަށް ބޯކޮށް ވާރޭ ވެހެން ފެށި އިރު، ފެންބޮޑުވުމާއި ކިސަޑު ފޭބުމުގެ ގިނަ ހާދިސާތަކެއް ވަނީ ހިނގައިފަ އެވެ. އެގޮތުން، އެންމެ ބޮޑަށް އަސަރު ކޮށްފައި ވަނީ ވެރިރަށް ކޮލޮމްބޯގެ އުތުރުން ކެލަނި ކޯރިގެ އައްސޭރީގައި ހުރި އަވަށްތަކާއި، ކޮލޮމްބޯގެ ދެކުނުން އޮންނަ ކަލުތަރައާއި ރަތުނަޕޫރައާއި، ދެކުނުގައި އޮންނަ ގޯލްއާއި ހަމްބަންތޮޓަ އަދި މާތަރަ ޑިސްޓްރިކްޓަށެވެ.

ފެންބޮޑުވުމުގެ ހާދިސާތައް ހިނގަމުން ދަނީ، އެ ސަރަހައްދުތަކުގައި ހުންނަ ކޯރުތައް ބަންޑުން ވުމުގެ ސަބަބުންނެވެ. އެގޮތުން، ރަތުނަޕޫރަގައި ހުންނަ އެޑަމްސް ޕީކް ފަރުބަދައިން ފެށިގެން ކަލުތަރަ ޑިސްޓްރިކްޓު ތެރެއިން ލާފައި ކަނޑަށް ނިމޭ "ކަލު" ކޯރު، ވިއްސާރައާ ގުޅިގެން ބަންޑުންވީ އެވެ.

ލަންކާގެ ރައީސް އިއްޔެ ވަނީ ރަތުނަޕޫރައަށް ޒިޔާރަތް ކުރައްވައި، އެ ޑިސްޓްރިކްޓުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވެދިނުމަށް ކުރަމުން އަންނަ މަސައްކަތްތައް ބައްލަވާލައްވައިފަ އެވެ.

ވިއްސާރައާ ގުޅިގެން ހިނގައި ދިޔަ ކަންތައްތަކުގައި 188 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ އިރު، އޭގެ ތެރެއިން 79 މީހުންނަކީ ރަތުނަޕޫރައިން މަރުވި މީހުންނެވެ. އެ ހާދިސާތަކުގައި 120 އަށް ވުރެ ގިނަ މީހުންނަށް އަނިޔާ ވެފައިވާ އިރު، 50،000 އަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލި، ހާލުގައި ޖެހިފައިވެ އެވެ.

ކޮލޮމްބޯ ޑިސްޓްރިކްޓުގެ އިތުރުން ކަލުތަރަ، ގަމްޕަހަ، ރަތުނަޕޫރަ، ކެގޯލް، ގޯލް، މާތަރަ އަދި ހަމްބަންތޮޓަ ޑިސްޓްރިކްޓުން ޖުމްލަ ބައި މިލިޔަނަށް ވުރެ ގިނަ މީހުންނަށް ވަނީ ވިއްސާރަ އާއި، ކިސަޑު ފޭބުމާއި ފެންބޮޑުވުމުގެ ހާދިސާތަކުގެ އަސަރު ކޮށްފަ އެވެ. އެގޮތުން ބައެއް ޑިސްޓްރިކްޓުތަކުގައި އުމްރާނީ ގޮތުން ތަރައްގީވެފައި ނުވާ ވިލެޖުތަކުގެ ގިނަ ގެތައް ހުރީ ފެނު އަޑީގަ އެވެ. ބައެއް ވިލެޖުތަކުގައި 25 ފޫޓާ ހަމައަށް ފެންބޮޑުވި އިރު، މަގުތަކުގައި ދަތުރުކުރަން ޖެހުނީ ބޯޓާއި ޑިންގީގައި ފަލި ޖަހައިގެންނެވެ.

އެ ހާދިސާތަކާ ގުޅިގެން ސްރީލަންކާގެ އަށް ޑިސްޓްރިކްޓެއްގެ ހުރިހާ ސްކޫލެއް، ޖޫން މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ވަނީ ބަންދު ވެސް ކޮށްފަ އެވެ.

comment ކޮމެންޓް