ރާއްޖޭގެ އެންމެ މަގުބޫލު އެއް ބޮޑު ބެރު ގުރޫޕު ކަމަށް ވާ ހަބޭސް ބޮޑު ބެރު ގުރޫޕާއި ސަން ޕްލޭއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށް އެ ގުރޫޕުގެ ވިޑީއޯ އުފެއްދުންތައް ސަން ޕްލޭ މެދުވެރިކޮށް ބަލައިލެވޭނެ ގޮތް ހަމަޖައްސައިފި އެވެ.
ސަން ޕްލޭގައި މިހާރު ވަނީ ހަބޭސް ގެ ޚާއްސަ ޗެނަލެއް އުފައްދައިވަ އެވެ. އެ ޗެނަލުގައި ހަބޭސްގެ ލަވަތައް ހިމަނައިފައިވާ އިރު އޭގެ ތެރޭގައި އެ ގުރޫޕުގެ ލަވަތަކުގެ ތެރެއިން އެންމެ މަޝްހޫރުވެގެން ދިޔަ "ކަސަބު ލިބާސް"، "ހޫރުކަނބާފުޅު" އަދި "އަސުރުމާ" ފަދަ ހުރިހާ ލަވަތަކެއްހެން ވަނީ ހިމަނައިފަ އެވެ.
ހަބޭސް ބޮޑުބެރު ގުރޫޕުގެ ފަރާތުން އަލީ ޝިފާއު (އައްޔަ) ވިދާޅުވީ ސަން ޕްލޭ އަކީ ސަން މީޑިއާ އިން ނެގި ވަރަށް ރަނގަޅު އިސްނެގުމެއް ކަމަށާއި ޑިޖިޓަލް މީޑިއާގެ މިފަދަ ޒަމާނެއްގައި ދިވެހި ވީޑިއޯތައް އޮންލައިންކޮށް ބަލައިލެވޭނެ ފުރިހަމަ ޕްލެޓްފޯމެއްގެ ބޭނުންތެރިކަން ބޮޑު ކަމަށެވެ.
"އަސްލު ސަން ޕްލޭއަކީ ވަރަށް ސަޅި ކޮންސެޕްޓެއް. އޮންލައިންކޮށް އެކިކަހަލަ ވީޑިއޯތައް ބެލޭނެ ނިޒާމެއްގެ ބޭނުންތެރިކަން ބޮޑުވެފަ އޮތް ވަގުތެއްގަ ސަން އިން އެކަން ކުރީމަ ވަރަށް އުފާވި. މީ އެންޓަޓެއިންމެންޓް އިންޑަސްޓްރީގެ އުފެއްދުންތައް ޕްރޮމޯޓުކުރުމަށް ވެސް ލިބުނު ރަނގަޅު ފުރުސަތެއް،" އައްޔަ ބުންޏެވެ.
ސަން ޕްލޭ އާއި ހަބޭސްއާ ދެމެދު ހެދުނު އެއްބަސްވުމުގެ ދަށުން ސަން މީޑިއާ ގެ އޮންލައިން ޕްލެޓްފޯމު ތަކާއި ސޯޝަލް މީޑިއާ ޕްލެޓްފޯމުތައް މެދުވެރިކޮށް ހަބޭސް ޕްރޮމޯޓުކޮށްދެވޭނެ އެވެ.
ސަން ޕްލޭ އަކީ އޮންލައިންކޮށް ވީޑިއޯތައް ބަލައިލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ރާއްޖޭގެ މިފަދަ އެންމެ ބޮޑު ޕްލެޓްފޯމެވެ. ސަން މީޑިއާގެ ކުޑައިގެ ދަށުން ހިންގާ މި ޕްލެޓްފޯމުގައި އެކި ދާއިރާތަކުން 3000 އަށް ވުރެ ގިނަ ވީޑިއޯ މިހާރު ވެސް ވަނީ ހިމަނައިފަ އެވެ. އޭގެ ތެރޭގައި އަމިއްލަ ފަރާތްތަކުން އުފައްދާފައިވާ އެ ފަރާތްތަކުގެ ޗެނަލްތައް ވެސް ހިމެނެ އެވެ.
ސަން ޕްލޭ ގައި އަމިއްލަ ޗެނަލެއް އުފައްދަން ބޭނުން ހުރިހާ ފަރާތްތަކަށް އެ ފުރުސަތު ވަނީ ހުޅުވައިލައިފަ އެވެ. އެކަމަށް އެއްވެސް އަގެއް ދައްކާކަށް ނުޖެހޭނެ އެވެ.
ސަން ޕްލޭ ތައާރަފު ކޮށްފައި ވަނީ ސަން މީޑިއާ ގުރޫޕާއި އުރީދޫ ގުޅިގެންނެވެ. މި ވަގުތު ސަން ޕްލޭ ގައި ހުންނަ ވީޑިއޯތައް ބެލޭނީ އުރީދޫ ނެޓްވޯކު މެދުވެރިކޮށެވެ.