ފިތުރު ޒަކާތް ބަލައިގަނެވޭކަށް ނެތް: އައްޑޫ ސީޓީ ކައުންސިލް

އައްޑޫ ސިޓީ ކައުންސިލް -- ސަން ފައިލް ފޮޓޯ

މިދިޔަ އަހަރުގެ ފިތުރު ޒަކާތް ދޫކުރި އިރު ދިމާވި މައްސަލަތަކާއި ކުރިމަތިވި ކަންތައްތަކުގެ ސަބަބަށްވީ އިސްލާމިކް މިނިސްޓްރީން އަމަލު ކުރި ގޮތް ކަމަށް ބުނެ މިއަހަރުގެ ފިތުރު ޒަކާތުގެ ފައިސާ ބަލައިގަނެވެން ނެތް ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.

މިދިޔަ އަހަރުގެ ފިތުރު ޒަކާތް ބެހުމަށް އެކުލަވާލި ލިސްޓަށް މިނިސްޓްރީން ކަނޑައެޅި ގޮތަށް ކައުންސިލްގެ އިދާރާއިން ޒަކާތް ބަހަން ފެށުމުން ޒަކާތުން ބައިލިބުމަށް އެދިގެން އައި ފަރާތްތަކުގެ މެދުގައި މަސްލަހަތު ގެއްލި ޒަކާތް ބެހުން ކުރިއަށް ނުގެންދެވި ހަމަނުޖެހުން ވަނީ ހިނގާފަ އެވެ.

"މިދިޔަ އަހަރުގެ ފިޠުރު ޒަކާތަށް އައްޑޫ ސިޓީ ހިތަދޫ ރައްޔިތުން ނެރުނު ފައިސާގެ ތެރެއިން 48،977 ރުފިޔާ ނުބެހި އަދިވެސް ކައުންސިލް އިދާރާގައި އެބަހުއްޓެވެ. މި ފައިސާއާ މެދު އަމަލު ކުރާނެ ގޮތެއް މިހާތަނަށް ވެސް މިނިސްޓްރީން ކައުންސިލަށް އަންގަވާފައި ނުވެއެވެ. މިދެންނެވި ހާދިސާގައި ކައުންސިލްގެ އިދާރާގެ އިމާރާތަށް ގެއްލުން ލިބުމުގެ އިތުރަށް މުވައްޒަފުންނަށް ވެސް އެކިވަރުގެ ބިރުވެރިކަމާ ކުރިމަތިލާން ޖެހުންނެވެ،" އެ ކައުންސިލްގެ ބަޔާނުގައި ވެއެވެ.

މިދިޔަ އަހަރުގެ ރޯދަ މަހު ފިޠުރު ޒަކާތް ބަލައި ގަނެ ޒަކާތް ބެހުމަށް ކައުންސިލުން ކުރި މަސައްކަތް ކުރިއަށް ގެންދެވިފައި ނުވާއިރު މިއަދާ ހަމައަށް ވެސް ކައުންސިލާ މިނިސްޓްރީއާ ދެމެދު ގުޅިގެން މަސައްކަތް ކުރުމުގައި އަމަލު ކުރާނެ ގޮތުގެ އިންތިޒާމްތައް މިނިސްޓްރީން ހަމަޖައްސަވާފައި ނުވާ ކަން ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ފިތުރު ޒަކާތް އައްޑޫގައި ބަލައިގަތުމުގެ އިންތިޒާމް އައްޑޫ ސިޓީ ކައުންސިލުން ހަމަޖައްސާނެ ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް އެކަމަކީ ކައުންސިލަށް ކުރިއަށް ގެންދެވިދާނެ ކަމެއް ކަމަށް ނުދެކޭ ކަމަށް އެކައުންސިލުން ބުންޏެވެ.

އިސްލާމިކް މިނިސްޓްރީގެ މަސައްކަތްތައް އައްޑޫ ސިޓީގައި ހިންގުމުގައި އެ މިނިސްޓްރީއަށް އައްޑޫސިޓީ ކައުންސިލްގެ އެހީތެރިކަން ބޭނުންވާ ދާއިރާތަކުން ޤާނޫނީ ހަމަތަކުން ކޮށްދެވެން ހުރި ކަންކަން ކޮށްދެވެން އޮތް އެންމެ ރަނގަޅަށް އައްޑޫސިޓީގެ ރައްޔިތުންގެ ހައްޤުގައި ކޮށްދޭނެ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

"މިހެން މިކަން އޮތުމުން އައްޑޫސިޓީގެ ރައްޔިތުންނަށް ފިޠުރު ޒަކާތް ނެރުމާއި ޒަކާތުން ބައި ލިބިގަތުމުގައި ދަތިތަކާ ކުރިމަތިވާނެތީ އައްޑޫސިޓީ ކައުންސިލުން ނުހަނު ކަންބޮޑުވެ އެވެ،" އެ ކައުންސިލުން ނެރުނު ބަޔާނުގައި ބުންޏެވެ.

އައްޑޫ ސިޓީ ކައުންސިލްގެ އެ ނިންމުމާ ގުޅިގެން، އިސްލާމިކް މިނިސްޓްރީގެ ބަހެއް ނުލިބުނެވެ. ފޯނަށް ޖަވާބު ނުދެއްވާތީ އެ މިނިސްޓްރީގެ ބަހެއް ނުލިބުނެވެ.

comment ކޮމެންޓް