މާރުކޭޓުގައި ޓޮމާޓޯ ކިލޯއެއްގެ އަގު 80 ރުފިޔާއަށް އުފުލިއްޖެ

ދަތުރުވެރިންގެ މާރުކޭޓު: ޓޮމާޓޯގެ އަގު އުފުލިފައިވާއިރު ކާށީގެ އަގު އަދިވެސް އުޅޭނީ 10 ރުފިޔާއާއި 25 ރުފިޔާގެ ދެމެދުގެ އަގެއްގައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ޓޮމާޓޯ ލިބުން ދަތިވެ، ލޯކަލް މާރުކޭޓާއި ވިޔަފާރިވެރިންގެ މާރުކޭޓުގައި ޓޮމާޓޯގެ އަގު އުފުލިއްޖެ އެވެ.

ރޯދަ މަހުގެ ދެވަނަ ދުވަހާ ހަމައަށް ޓޮމާޓޯ ކިލޯއެއް 40 ރުފިޔާއާއި 45 ރުފިޔާއަށް ލިބުން އިރު މިއަދު އެ އަގު ވަނީ 60 ރުފިޔާ އާއި 80 ރުފިޔާއާ ދެމެދުގެ މިންވަރަކަށް އުފުލިފަ އެވެ. އެންމެ ބޮޑު އަގެއްގައި މިއަދު ޓޮމާޓޯ ވިއްކަމުން ދަނީ އަމީނީ މަގުގައި ހުންނަ ވިޔަފާރިވެރިންގެ މާރުކޭޓުގައެވެ.

އެތަނުގައި ގޮޅި ހިންގާ ވިޔަފާރިވެރިއަކު "ސަން"އަށް ބުނި ގޮތުގައި ޓޮމާޓޯގެ އަގު ބޮޑުވެފައިވަނީ ލިބުން ދަތިވެފައިވާތީ އެވެ.

"ޓޮމާޓޯ މިހާރު ވަރަށް ނުލިބޭ. އެހެންވެ އަގު ބޮޑުވެފަ މިހިރީ. މިތަނުން މި ވިއްކަނީ ތާޒާ ޓޯމާޓޯ ކިލޯއެއް 80 ރުފިޔާއަށް،" އެ ވިޔަފާރިވެރިޔާ ކިޔައިދިނެވެ.

ޓޯމާޓޯގެ އަގު ބޮޑުވި އިރު މާރުކޭޓުގައި ކާށީގެ އަގު އަދިވެސް އުޅެނީ މަތީގައެވެ. ކާށީގެ ސައިޒުތަކަށް ބަލާއިރު އެންމެ ކުޑަ ކާއްޓޭއްގެ އަގު 10 ރުފިޔާއާއި 15 ރުފިޔާއަށް އުޅޭ އިރު މެދު ސައިޒުގެ ކާށި އުޅެނީ 20 ރުފިޔާއަށެވެ. ބޮޑު ކާއްޓެއްގެ އަގު މިއަދުވެސް ހުރީ 25 ރުފިޔާގައެވެ.

ކާށީގެ އަގު ކޮންޓްރޯލް ކުރަން ސަރުކާރުން މަސައްކަތްތަކެއް ފަށާފައިވާއިރު ފިޝަރީޒް މިނިސްޓްރީގެ ދަށުގައި ހުރި ފަޅުރަށްތަކުން ކާއްޓާއި ކުރުނބާ ގެނައުމަށް މިހާރު ވަނީ ހުޅުވާލާފައިފައެވެ. ރަށްރަށުން ގެންނަ ކާށި އެންމެ ބޮޑުވެގެން ވިއްކޭނީ ހަތް ރުފިޔާއަށް ކަމަށްވެސް ސަރުކާރުން ވަނީ ކަނޑައަޅައިފައެވެ.

އަދި މި ރަމަޟާން މަހު ތަކެތި ބޮޑު އަގުގައި ވިއްކާނަމަ ބޮޑު އަގުގައި ވިޔަފާރި ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ އިންޒާރު ދީފައެވެ.

comment ކޮމެންޓް