ފަސް ރަށަކަށް ކުނި މެނޭޖު ކުރާ ސާމާނު ފޮނުވުމަށް ބަޔަކާ ހަވާލުކޮށްފި

ފަސް ރަށަކަށް ކުނި މެނޭޖް ކުރާނެ ތަކެތި ފޮނުވުމުގެ އެއްބަސްވުމެއްގައި ސޮއި ކޮއްފި--- ފޮޓޯ/އެންވަރަމެންޓް މިނސްޓްރީ

ސަރަހައްދީ ކުނި މެނޭޖް ކުރުމުގެ މަޝްރޫއުގެ ދަށުން ހދ. އަތޮޅުގެ ރަށަކާއި ށ. އަތޮޅުގެ ހަތަރު ރަށަކަށް ކުނި މެނޭޖް ކުރުމަށް ބޭނުންވާ ތަކެތި ފޮނުވުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މިއަދު އެންވަރަމެންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ހދ. ނޮޅިވަރަންފަރާއި ށ. ގޮއިދު އާއި ށ. މާއުނގޫދޫ އާއި ށ. މިލަންދޫ އަދި ށ. ކޮމަންޑު އަށް ކުނި މެނޭޖުކުރާ ސާމާނު ފޮނުވުމަށް ހަވާލުކޮށްފައި ވަނީ ނިއޯމެޑް މޯލްޑިވްސް ޕްރިވެޓް ލިމިޓެޑް އާ އެވެ. އެ ކުންފުންޏަށް އެ މަސައްކަތް ހަވާލުކޮށްފައި ވަނީ 3.49 މިލިއަން ރުފިޔާ އަށެވެ.

އެ އެއްބަސްވުމުގައި އެންވަރަމެންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވާފައި ވަނީ މިނިސްޓަރު ތޯރިގް އިބްރާހިމް އެވެ. އަދި ނިއޯމެޑް މޯލްޑިވްސް ޕްރިވެޓް ލިމިޓެޑްގެ ފަރާތުން އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ހުސެއިން ރަޝީދު އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެންވަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހީމް ވިދާޅުވީ ރޯދަމަސް ކަމުގައި ވާތީ ހުރިހާ ބޭފުޅުން ވެސް ސާފުތާހިރު ކަމަށް ސަމާލުވުމަށާއި މާލޭގެ މަގުތަކުގެ ސާފުތާހިރު ކަން ދެމެހެއްޓުމަށް ޓަކައި ހުރިހާ ބޭފުޅުން ވެސް ސަމާލުކަން ދިނުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

"ސަރުކާރުން ދަނީ ޕޮލިސީ ލެވެލްގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ކުނި މެނޭޖް ކުރުމުގެ މަސައްކަތްތައް ކުރެވޭނޭ ގޮތްތަށް މަގުފަހި ކުރަމުން. އެގޮތުން މިހާރު ވެސް ކުނި މެނޭޖް ކުރާ މަރުކަޒުތައް ބައެއް ރަށްރަށުގައި ގާއިމް ކުރެވިފައި ވާނެ އަދި ދެން ހުރި ރަށްރަށުގައި ވެސް ވަރަށް އަވަސް މުއްދަތެއްގައި އެ މަސައްކަތް ފެށިގެން ދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް