އިރާގަށް ދިން ވައިގެ ޙަމަލާތަކެއްގައި އާންމުންގެ 105 މީހުން މަރުވި ކަމަށް އެމެރިކާ އެއްބަސްވެއްޖެ

އެމެރިކާގެ ހަމަލާތަކެއްގައި މަރުވެފައިވާ އިރާގުގެ އާންމުންގެ ބައެއް

ވޮޝިންޓަން (މޭ 26): އިރާގަށް ދިން ވައިގެ ޙަމަލާތަކެއްގައި އާންމުންގެ 105 މީހުން މަރުވެ 36 މީހުން ޒަޚަމްވިކަމަށް އެމެރިކާ އެއްބަސްވެއްޖެއެވެ.

އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަންގަން އިން މިކަމަށް އެއްބަސްވީ އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ކުރި ތަހްގީގްތަކެއްގައި މިކަން ހާމަވުމުންނެވެ. އައިއެސް ޖަމާއަތާ ހަނގުރާމަކުރުމުގެ ނަމުގައި އެމެރިކާ ސިފައިން އިރާގުގައި ހިންގާ އަސްކަރީ އޮޕަރޭޝަންތަކާބެހޭގޮތުން ކުރި ތަހްގީގަކުން ހާމަވިގޮތުގައި މިދިޔަ މާޗްމަހުގެ 17 ވަނަ ދުވަހު މޫސަލްއަށް އެމެރިކާ ދިން ވައިގެ ހަމަލާތަކެއްގައި އިރާގުގެ އާންމުންގެ 105 މީހުން މަރުވެ 36 މީހުން ވަނީ ޒަޚަމްވެފައެވެ. މިއީ ގަސްދުގައި ދިން ޙަމަލާއެއްކަމަށާ ނަމަވެސް މިހަމަލާދިނީ އައިއެސްގެ ހަނގުރާމަވެރިން ތިބިތަނެއްކަމަށް ޖާސޫސީ މައުލޫމާތުތަކުން ހާމަވެގެންކަމަށް ސެންޓްރަލް ކޮމާންޑުންކުރި ތަހްގީގަށްފަހު ނެރުނު ރިޕޯޓްގައި ބުނެފައިވެއެވެ.

އައިއެސްގެ ހަނގުރާމަވެރިން ތިބިތަނަށް ގަސްދުގައި ބޮންއެޅީ އެތަނުގައި އިރާގުގެ އާންމުން ތިބިކަން ނުވަތަ ނޫންކަން ބެލުމަށްފަހުގައި ނޫންކަންވެސް މިރިޕޯޓުން ހާމަވެއެވެ. ޓެރަރިޒަމާ ހަނގުރާމަ ކުރުމުމުގެ ނަމުގައި އެމެރިކާއިން އަރަބި އިސްލާމީ އެތަށް ގައުމަކަށް ވައިގެ ހަމަލާތައްދީ އެގައުމުތަކުގެ އާންމުން މެރުމަކީ ކޮންމެ ދުވަހަކު އެމެރިކާ ހިންގަމުން ގެންދާ ޖަރީމާތަކެކެވެ. އެމެރިކާގެ މި ޖަރީމާތަކުގައި އިރާގާއި ސޫރިޔާއާއި ޔަމަނާއި އަފްޣާނިސްތާނާއި ސޮމާލިޔާފަދަ ގައުމުތަކުގެ އާއިލާތައް ހުރިހުރިގޮތަށް މަރުވަމަކީ ވަރަށް އާންމު ކަމެކެވެ. ނަމަވެސް އެމެރިކާ ހިންގާ މިފަދަ ހަނގުރާމައިގެ ޖަރީމާތަކަށް އެމެރިކާ އަމިއްލައަށް އިއުތިރާފް ވުމަކީ ވަރަށް މަދުންނޫނީ ނުވާކަމެކެވެ.

އަރަބި އިސްލާމީ ގައުމުތަކުގައި ދީނީ ގޮތުން ހައްދުފަހަނަޅާފައިވާ ޓެރަރިސްޓް ޖަމާއަތްތައް އުފެއްދުމާއި އެ ޖަމާއަތްތަކަށް ސިއްރިޔާތުގައި ވާގިވެރިވުމާ އަދި ޓެރަރިޒަމާ ހަނގުރާމަ ކުރުމުގެ ނަމުގައި އެޖަމާއަތްތަކާ ދެކޮޅަށް ހަނގުރާމަކުރާކަމުގެ ތުހުމަތުވެސް ކުރެވެނީ އެމެރިކާގެ މައްޗަށެވެ. މިފަދަ ފުށުއަރާ ކަންކަން އެމެރިކާ ކުރަނީ ކަމުގެ ހަގީގަތް އޮޅުވާލުމުގެ ބޭނުމުގައިކަމަށާ އެމެރިކާގެ އަސްލު މަގްސަދަކީ އަރަބި އިސްލާމީ ގައުމުތައް އެކިނަންނަމުގައި ހަލާކުކޮށް ސުންނާފަތިކޮށް އެމެރިކާގެ ހަތިޔާރުތައް ތަޖްރިބާކުރާ ތަންތަނުގެ ގޮތުގައި ހެދުންކަމަށްވަނީ ބެލެވިފައެވެ.

އިރާގާއި އަފްޣާނިސްތާނާ ދެކޮޅަށް އެމެރިކާ ކުރި ހަނގުރާމަތަކުގައިވެސް އެދެގައުމުގެ މިލިޔަނެއްހާ ރައްޔިތުން މެރިކަމުގެ ތުހުމަތު އެމެރިކާގެ މައްޗަށް ވަނީ ކުރެވިފައިވެއެވެ. ނަމަވެސް މިފުރްސަތު އެމެރިކާއަށް ލިބެނީ އެގައުމުތަކުގައި ހިނގާ ވެރިކަމުގެ ކޯޅުންތަކާ ގުޅިގެން އުފެދޭ ސިޔާސީ ކޯޅުންތަކާއި އަމިއްލަ އެދުމާއި ވެރިކަމުގެ ދަހިވެތިކަމަށް މަސައްކަތްކުރާ އެކިއެކި ޖަމާއަތްތަކުގެ ސަބަބުންނެވެ.

މީގެ އިތުރުން އެގައުމުތަކުގެ ސަރުކާރުތަކުން އެކި މަޒްހަބްތަކާއި އެކި ނަސްލުތަކުގެ މީހުންނާ ދެކޮޅަށް ކުރާ ތަފާތުކުރުންތަކާއެކު އުފެދޭ ބަދަލު ހިފުމުގެ ރޫޙު މީގައި ބޮޑު ދައުރެއް އަދާކުރެއެވެ.

އިރާގުގެ ކުރީގެ ބޮޑުވަޒީރު ނޫރީ އަލްމާލިކީ ބުރާސްފަތު ދުވަހު ދެއްވި ބަޔާނެއްގައިވަނީ އިރާގުގައި އައިއެސް ޖަމާއަތް އުފެއްދީ އެމެރިކާ ކަމަށް ސީދާގޮތެއްގައި ތުހުމަތު ކުރައްވާފައެވެ. އަދި 2013 ވަނަ އަހަރު އިރާގުގެ މޫސަލް ސިޓީ އައިއެސްގެ އަތްދަށަށް ދިޔައީވެސް އެމެރިކާ އަޑީގައި އޮވެގެން ރޭވި ރޭވުމެއްގެ ދަށުންކަމަށް މާލިކީ ވިދާޅުވެފައިވެއެވެ.

އަނެއްކޮޅުން އަފްޣާނިސްތާނުގެ ކުރީގެ ރައީސް ހާމިދު ކަރުޒާއި ވެސް ވަނީ އައިއެސް ޖަމާއަތަކީ އެމެރިކާގެ އުފެއްދުމެއްކަމަށް ތަކުރާރުކޮށް ވިދާޅުވެ ވާހަކަ ދައްކަވައި ބަޔާންތައް ދެއްވާފައެވެ.

އައިއެސް ޖަމާއަތުގެ ޝިކާރައަކަށްވަނީ މުޅިންކަހަލަ ގޮތަކަށް މުސްލިމުންނެވެ. ޚާއްސަކޮށް އިރާގާއި ސޫރިޔާއާއި ލީބިޔާއާއި އަފްޣާނިސްތާނުގެ ނިކަމެތި ރައްޔިތުންނެވެ. ނަންހާމަކުރަން ނޭދޭ އިސްރާއީލުގެ ޖެނެރަލަކު މިދިޔަ ބުދަދުވަހުވަނީ ސޫރިޔާގައި އައިއެސް ޖަމާއަތް ބަލިކޮށްނުލުމަށް އެމެރިކާއަށް އިލްތިމާސްކުރައްވާފައެވެ.

ސޫރިޔާގައި އައިއެސް ޖަމާއަތް ބަލިކޮށްލައިފިނަމަ އެކަމުގެ ގެއްލުން ލިބޭނީ އިސްރާއީލަށް ކަމަށް އިސްރާއީލުގެ ޓެލްއަވީވުގައި ހުންނަ ބޭގިން ސާދާތު ރީސާޗް ސެންޓަރުން ބުނެފައިވެއެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް