އިންޑިޔަން އޯޝަން ރިމް އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯޕަރޭޝަން (އަޔޯރާ)ގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްޣައްޔޫމް ނިންމަވައިފި އެވެ.
ރައީސް ޔާމީން އެގޮތަށް ނިންމަވާފައި ވަނީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިން ހުށަހެޅުއްވި ކަރުދާހާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް ފަހު އެވެ.
އަޔޯރާގެ މައިގަނޑު މަޤްޞަދަކީ އިންޑިއާ ކަނޑުގެ ޤައުމުތަކުގެ އެކި މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ޤައުމުތަކުގެ ސިޔާސަތު އެއްގޮތްކޮށް އެކުގައި މަސައްކަތް ކުރުމެވެ.
އަޔޯރާ އިން މަސައްކަތް ކުރައްވާނެ މައިގަނޑު ދާއިރާތަކަކީ އިޤްތިސާދީ ދާއިރާ އާއި، ސައިންސް އާއި ޓެކްނޮލޮޖިކަލް ދާއިރާ އާއި މަސްވެރިކަމުގެ ދާއިރާ އާއި ޓޫރިޒަމްގެ ދާއިރާ އަދި އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމުގެ ދާއިރާއެވެ.
ރައީސް އޮފީހުން ބުނީ އަޔޯރާގައި ބައިވެރިވުމުން އިންޑިއާ ކަނޑުގައި ދިމާވާ ކަނޑުފޭރުމުގެ މައްސަލަ އާއި ޓެރަރިޒަމް ފަދަ އިންޑިއާ ކަނޑުގެ ސަލާމަތާގުޅުންހުރި މައްސަލަތަކަށް ފައިދާހުރި ހައްލެއް ހޯދުމަށް މަގުފަހިވެގެންދާނެކަން ވަޒީރުން ފާހަގަކުރައްވާފައިވާ ކަމަށެވެ.