ރޯދަ މަހު ދުވާލު ޣައިރު މުސްލިމުންނަށް ކާން ދިނުމުގެ ހުއްދަ 36 ތަނަކަށް ދީފި

އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަހަރު ރޯދަމަހުގެ ދުވާލު ގަޑީގައި ޓޫރިސްޓުންނަށާއި ރާއްޖޭގައި ވަޒީފާ އަދާ ކުރާ ބީދޭސީންނަށް ކައްކައި ކާން ދިނުމުގެ ހުއްދަ 36 ތަނަކަށް ސަރުކާރުން ދީފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގު ވިދާޅުވީ މާލެ އާއި ހުޅުމާލޭގައި ގިނަ އަދަދެއްގެ މުސްލިމު ނޫން ބިދޭސީން މަސައްކަތް ކުރާތީ އެތަންތަނުގެ ކެފޭތަކާއި ރެސްޓޯރެންޓުތަކަށް ދުވާލު އެފަދަ ފަރާތްތަކަށް ކާންދިނުމުގެ ހުއްދަ ދޭން ނިންމާފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް 36 ތަނަކަށް ހުއްދަ ދޫކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހުއްދަ ދީފައި ވަނީ ހުޅުމާލޭގައި ހިންގާ 34 ކެފޭއަކަށާއި ދެ ގެސްޓްހައުސްއަކަށެވެ. އެތަންތަނުގައި ކެއިން ބުއިމުގެ ކަންކަން ކުރިއަށް ގެންދިޔަ ނަމަވެސް، އެ ކަންތައްތައް ހިނގާކަން އާއްމުންނަށް ފެނިގެން ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ތަންތަނަށް ކެއުންބުއިމުގެ ހުއްދަ ދިނީ ވަކި އެއްބަސްވުމެއްގެ ދަށުން ކަމަށެވެ. އަދި އެ ހުއްދަ ނެތި އެ ޚިދުމަތް ދޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް ތައުފީގު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ހުއްދަ ދިނީ މިނިސްޓްރީން ކުރި އިއުލާނަކާ ގުޅިގެން ހުއްދައަށް އެދުނު ފަރާތްތަކަށް ވަކި ޝަރުތުތަކަކާއެކު،" ތައުފީގު ވިދާޅުވިއެވެ.

ބިދޭސީ މަސައްކަތްތެރިންނަށް ކާން ދިނުމުގެ ހުއްދަ ބައެއް ކެފޭ ތަކަށް ދީފައިވާއިރު ތައުފީގު ވިދާޅުވި ގޮތުގައި ގެސްޓް ހައުސްތަކަށް އެ ހުއްދަ ދީފައިވަނީ އެ ތަންތަނުގައި ޗުއްޓީ ހޭދަކުރާ ގެސްޓުންނަށް ހިދުމަތް ދިނުމަށެވެ.

މިއަހަރުގެ ރޯދަ މަހު ފިހާރަތައް ރޭގަނޑު 11:00 އާ ހަމައަށް ހުޅުވާފައި ބެެހެއްޓުމުގެ ހުއްދަ ދީފައިވާއިރު، ކެފޭ ރެސްޓޯރެންޓު ފަދަ ތަންތައް މެންދަމު 03:00އަށް ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ އެ މިނިސްޓްރީން ވަނީ ދީފައެވެ.

comment ކޮމެންޓް