މޮޅު ކުޅުންތެރިޔަކު ކުއްލިއަކަށްވި އެނދުމަތި!

ރިޝްވާނަށް ފަރުވާދެނީ، އޭނާއަށް ޖެހިފައިވަނީ ވަރަށް މަދުން މީހުންނަށް ޖެހޭ ބައްޔެއް: ސަން ފޮޓޯ: އާއިލާ

އެންމެ 18 އަހަރުގެ އެޒުވާނާއަކީ ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިއެކެވެ. ހަލުވި ދުވުންތެރިއެކެވެ. ބުންވަރު ހުރި ޒުވާނެވެ. މީގެ ކުރިން ދުވަހަކުން ވެސް ބޮޑުބައްޔަކާ ކުރިމަތިލާންޖެހިފައިނުވެ އެވެ. ނަމަވެސް މިއަދި އޭނާ ވަނީ އެނދުމަތިވެފައެވެ. ހަމަ ކުއްލިއަކަށެވެ.

ކުއްލިއަކަށް ޖެހުނީ ބޮޑު ބައްޔެއް!

ޏ.ފުވައްމުލަކަށް ނިސްބަތްވާ އަލީ ރިޝްވާން، ދިޔައީ އަވައްޓެރި ސްރީލަންކާގައި އެކައުންޓިން ދާއިރާއިން ޑިޕްލޮމާއަށް ތައުލީމް ހާސިލް ކުރަމުންނެވެ. އޭނާ މިދިޔަ ހުކުރު ދުވަހު ވަނީ ރޯގާޖެހިގެން އުޅޭކަން އާއިލާއަށް އަންގާފައެވެ. އަދި ހުން މަޑުނުވުމުން ނިގަމްބޯ ހޮސްޕިޓަލަށްގޮސް ޑޮކްޓަރަށް ދެއްކިއެވެ.

ރިޝްވާން އަޝްފާގާއެކު: އޭނާ އަކީ މޮޅު ކުޅުންތެރިއެއް، ބޮޑު ބައްޔަކާއި ކުރިމަތިވީ ކުއްލިއަކަށް-- ފޮޓޯ: އާއިލާ

"ހޮނިހިރު ދުވަހު ޑޮކްޓަރަށް ދެއްކުމުން އެޑްމިޓްކުރި، ދެން އާދިއްތަ ދުވަހު ހުއްޓުން އައީ، ވާހަކަވެސް ނުދެއްކެނީ، ކައިރި ހުންނަ މީހުން ވެސް ނޭނގޭ ވަރަށް ކަންކަން ދިޔައީ،" ރިޝްވާންގެ ދައްދަގެ ފިރިމީހާ އަހުމަދު ނިޝްރީން "ސަން"އަށް ބުންޏެވެ.

ނިގަމްބޯ ހޮސްޕިޓަލުން އޭނާއަށް ފަރުވާ ނުލިބި ހާލަތު ދައްވަމުން އަންނާތީ އާއިލާއިން ވަނީ ކޮލޮމްބޯގައި ހުން ލަންކާ ހޮސްޕިޓަލަށް ރިޝްފާން ބަދަލުކޮށްފައެވެ. އެއަށްފަހު ސީޓީ ސުކޭންތަކެއް ހަދައި ޓެސްޓްތައް ވަނީ ހަދާފައެވެ.

ރިޝްވާނަށް ޖެހުނީ އާންމު ނޫން ބައްޔެއް!

ޑޮކްޓަރުން ބުނެފައި ވަނީ ރިޝްވާނަށް ޖެހިފައިވާ ބައްޔަކީ "އެކިއުޓް ޑިސެމިނޭޓެޑް އެންސެފަލޮމަލައިޓިސް (އޭޑީއީއެމް) ކަމަށެވެ. އެ ބައްޔަކީ ހަށިގަނޑުގެ ދިފާއީ ނިޒާމުގެ ނުކުޅެދުންތެރިކަމެއްގެ ސަބަބުން ސިކުނޑީގެ "ވައިޓް މެޓާ"އަށާއި މައިބަނދަޔަށް ގެއްލުންވާ ބައްޔެކެވެ. އެ ބަލީގެ ސަބަބުން ސިކުނޑި އާއި މައިބަނދަ ދުޅަވެއެވެ. އެއީ ވަރަށް މަދުން ފެންނަ ބައްޔެކެވެ. ދުނިޔޭގެ ނިސްބަތުން އެބަލިޖެހެނީ 125000 މީހުންގެ ތެރެއިން އެކަކަށެވެ. އޭގެ ތެރެއިން ފަސް ޕަސެންޓް މީހުންނަށް ބަލީގެ އަސަރު ކުރަނީ ކޮންމެ ވެސް ވެކްސިނެއްގެ ސަބަބުންނެވެ.

ރިޝްވާންއަށް ޖޯޒީ ހަވާލުކުރަނީ: އޭނާ އަކީ މޮޅު ކުޅުންތެރިއެއް، ބޮޑު ބައްޔަކާއި ކުރިމަތިވީ ކުއްލިއަކަށް-- ފޮޓޯ: އާއިލާ

ދުވާލަކަށް އެއް މިލިއަން ރުޕީސް!

ލަންކާ ހޮސްޕިޓަލުން މިހާރު އަންނަނީ ރިޝްވާނަށް ފަރުވާދެމުންނެވެ. އޭނާއަށް ޓްރީޓްމަންޓް ދޭންޖެހެނީ އައިސީޔޫގައެވެ. އެކަމަށް ދުވާލަކު އެއްލައްކަ ރުޕީސް(10085 ރުފިޔާ) ހަރަދުވެއެވެ.

ނިޝްރީން ބުނީ އާސަންދަ އަދި ހަމަޖެހިފައިވަނީ މިއަދުގެ ނިޔަލަށް ކަމަށާއި އާސަންދަ އިތުރަށް ލިބޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެޒުވާނާގެ ފުރާނަ ސަލާމަތް ކުރުމަށް ދުވާލަކު 10000 ރުޕިޔާއަށްވުރެ ބޮޑު ހޭދައެއް ކުރަންޖެހިފައިއޮތުމަކީ އެއާއިލާއަށް މިއަދު އޮތް ބޮޑު ގޮންޖެހުމެވެ. އެއާއިލާއިން އެދެނީ ދީލަތި އެހީއަކަށެވެ.

ރިޝްވާންއަށް އެހީތެރިވުމަށް

ނިޝްރީން: 7770159

އެކައުންޓް:

މޫސާ މަޖީދު(ރިޝްވާންގެ ބައްޕަ)

އެހީތެރިވުމަށް ރުފިޔާއިންނަމަ ‎7711430726101 އެކައުންޓަށް، ޑޮލަރުންނަމަ ‎7730000119623

ނޯޓް: ސަންގެ މި ސެގްމެންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމުގެ ކަންކަން އެ އާއިލާއާ ގުޅިގެން ކުރިއަށް ގެންދިއުން އެދެމެވެ. ފައިސާގެ އެއްވެސް ކަމެއްގައި ސަން އިން ބައިވެރިއެއް ނުވާނެއެވެ. ސީދާ އާއިލާއަށް އެހީތެރިވެ ދެއްވާށެވެ.

އެހީތެރިކަމަށް އެދޭ ފަރާތްތަކުން ސަން ކުލުނުގައި ބައިވެރިވުމަށް 9992747 ނުވަތަ 9982747އަށް ގުޅައިގެން ކުރިއަށް ގެންދެވުން އެދެމެވެ.

comment ކޮމެންޓް