ކަޝްމީރުގެ މީހަކު ޖިޕެއްގައި ބަނދެގެން ދުއްވި އޮފިސަރަށް އިންޑިއާ އަސްކަރިއްޔާއިން އެވޯޑެއް

އިންޑިއާ ސިފައިންގެ އުޅަނދުތަކަށް ގާ އުކުން ހުއްޓުވުމަށް ޓަކައި ކަޝްމީރުގެ މީހަކު އުޅަނދުގައި ބަނދެގެން ގެންދާ ވީޑިއޯ އެއް ވަނީ އާއްމުވެފައި --

ކަޝްމީރު (މެއި 24): ކަޝްމީރުގައި އޮތް އިންޑިއާގެ ވެރިކަމާ ދެކޮޅަށް މުޒާހަރާ ކުރާ މީހުން ސިފައިންނާ ދިމާލަށް ގާ އުކުން ހުއްޓުވުމަށްޓަކައި އަސްކަރީ ޖިޕެއްގެ ކުރީކޮޅުގައި ކަޝްމީރުގެ މީހަކު ބަނދެގެން އުޅަނދު ދުއްވި އޮފިސަރަށް އިންޑިއާއިން އެވޯޑެއް ދީފި އެވެ.

މޭޖާ ނިތިން ގޯގޮއިގެ 'ހިއްވަރުގަދަކަން' ފާހަގަކޮށް އިންޑިއާ އިން ދިން އެވޯޑާ ގުޅިގެން އޭނާ ބުނި ގޮތުގައި ޖިޕުގައި މީހަކު ބަންނަން ޖެހުނީ ކަޝްމީރުގެ ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމުގެ ގޮތުންނެވެ.

"އެގޮތަށް އަމަލު ކުރީ [މުޒާހަރާ ކުރަމުންދިޔަ] މީހުންގެ ފުރާނަ ސަލާމަތް ކުރުމުގެ ގޮތުން. އެމީހުންނާ ދިމާލަށް ބަޑި ޖެހިނަމަ ގިނަ ބަޔަކު މަރުވީސް. ނަމަވެސް އަހަރެން އަމަލު ކުރި ގޮތުން އެތައް ބަޔެއްގެ ފުރާނަ ސަލާމަތްވި،" ގޯގޮއި ބުންޏެވެ.

ކަޝްމީރުގެ ކުރީގެ ޗީފް މިނިސްޓަރު އުމަރު އަބްދުﷲ ވަނީ އެ ސިފައިންގެ މީހާއަށް އެވޯޑެއް ދިނުމަކީ ގޯހެއް ކަމަށާއި، އޭގެ ސަބަބުން ކަޝްމީރުގައި 'އިންސާނުން އައްޑަނަ'އެއްގެ ގޮތުގައި ބޭނުން ކުރުމަކީ ގަބޫލު ކުރެވޭ ކަމެއްގެ ގޮތުގައި ދެއްކޭ ކަމަށް ވިދާޅުވެފަ އެވެ.

އެހާދިސާގައި 'އައްޑަނަ'އެއްގެ ގޮތުގައި އަސްކަރިއްޔާއިން ބޭނުން ކުރި ފާރޫގް އަހުމަދު ޑަރު ބުނި ގޮތުގައި މިދިޔަ މަހު އޭނާ އަސްކަރިއްޔާގެ ޖިޕެއްގައި ބަނީ ކަޝްމީރުގެ ބައި އިލެކްޝަނުގައި ވޯޓު ދިން ފަހުންނެވެ. އަދި ސިފައިން ވަނީ އޭނާ ޖިޕުގައި ބަނދެގެން، މުޒާހަރާ ކުރާ މީހުންނަށް ބިރުދެއްކުމުގެ ގޮތުން ރަށްވަށާ ޖިޕު ދުއްވާފަ ކަމަށް ޑަރު ބުނެފަ އެވެ.

އެ ހާދިސާގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމުވެ، ގިނަ ބަޔެއްގެ ފާޑު ކިޔުންތައް އިންޑިއާ އަސްކަރިއްޔާއަށް އަމާޒުވި އެވެ.

ޑަރު ބުނާ ގޮތުގައި އޭނާއާ ދޭތެރޭ އެގޮތަށް އަމަލު ކުރި ސިފައިންގެ މީހާއަށް އެވޯޑެއް ދިނުމުން އޭނާގެ ހިތުތެރޭގައި އުފެދިފައިވާ ބިރުވެރިކަން ވަނީ އިތުރުވެފަ އެވެ. (ބީބީސީ)

ގުޅޭ ޓެގު
comment ކޮމެންޓް