ރޯދަ މަހު ތާޒާ ފެން ޑެލިވާ ކުރާ ގަޑިތައް ކަނޑައަޅައިފި

ތާޒާ ފެންފުޅިއެއް -- ސަން ފައިލް ފޮޓޯ

އައިލެންޑް ބެވެރޭޖެސް މޯލްޑިވްސް އިން އުފައްދާ "ތާޒާ" ބްރޭންޑްގެ މިނަރަލައިޒްޑް ފެން، ކުރިޔަށް އޮތް ރަމާޟަން މަހު ޑެލިވާ ކުރާ ވަގުތުތައް ކަނޑައަޅައިފި އެވެ.

އައިބީއެމް އިން މިއަދު ބުނި ގޮތުގައި، ރޯދަ މަހު މާލޭގެ ޓްރެފިކަށް ލުއި ގެނައުމަށް ޓަކައި ކަމާ ބެހޭ ފަރާތްތަކާ އެކު އެކުންފުނިން ވަނީ މަޝްވަރާކޮށްފަ އެވެ.

އެގޮތުގެ މަތިން ތާޒާ ފެން ޑެލިވަރކުރުމަށް ހަމަޖެހިފައި ވަނީ ކޮންމެ ހަފްތާއެއްގެ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ވެސް ހެނދުނު 9:00 އިން މެންދުރު ފަހު 3:00 އަށް، އަދި ރޭގަނޑު 6:30 އިން 11:00 އަށް ކަމަށް އައިބީއެމްއިން ބުނެ އެވެ.

މީގެ އިތުރުން ފެނުގެ އޯޑަރު ނަގާނީ ކޮންމެ ހަފްތާއެއްގެ ހަފްތާ ބަންދު ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 2:00 އަށް، އަދި ހޮނިހިރު ދުވަހު ހެނދުނު 9:00 އިން މެންދުރު 1:30 އަށް ކަމަށް އައިލެންޑް ބެވެރޭޖެސް މޯލްޑިވްސް އިން ބުނެ އެވެ.

އައިލެންޑް ބެވެރެޖަސް މޯލްޑިވްސްއަކީ އެމްޑަބްލިއުއެސްސީގެ 51 ޕަސަންޓު ހިއްސާއާއި، ޗަމްޕާ ބްރަދާޒް ކުންފުނީގެ 49 ޕަސަންޓު ހިއްސާއާ އެކު، 2002 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ. އެކުންފުނިން މިނަރަލައިޒްޑް ބޯފެން ބަންދުކޮށް ބާޒާރުގައި ވިއްކަން ފެށީ 2004 ވަނަ އަހަރު އެވެ.

comment ކޮމެންޓް