މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިއަހަރު ހައްޖަށްދާ ހައްޖާޖީންގެ ސިއްހީ ކަންކަން ބެލެހެއްޓުން ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗާ ހަވާލުކޮށްފި އެވެ.
އައިޖީއެމްއެޗްގައި މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތެއްގައި، އެ އެއްބަސްވުމުގައި ހައްޖު ކޯޕަރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓާ ޔާމިން އިދްރީސެވެ. އައިޖީއެމްއެޗްގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓާ އޮފް މެޑިކަލް ސާވިސް އަލީ ނާޒިމެވެ.
އެ އެއްބަސްވުމުގެ ދަށުން ހައްޖު ކޯޕަރޭޝަނުން ކުރާ ހައްޖާއި އުމްރާ ދަތުރުތަކުގައި ސިއްހީ ކަންތައްތައް ބެލެހެއްޓުމަށްޓަކައި އައިޖީއެމްއެޗްގެ މެޑިކަލް ޓީމެއް ހަމަޖެހިގެން ދާނެ ކަމަށް އައިޖީއެމްއެޗްގެ ޑިރެކްޓާ އޮފް މެޑިކަލް ސާވިސް އަލީ ނާޒިމް ވިދާޅުވިއެވެ.

ހައްޖުކޯޕަރޭޝަން އާ އައިޖީއެމްއެޗާ ދެމެދު އެއްބަަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން---ސަން ފޮޓޯ
ނާޒިމް ވިދާޅުވީ ހައްޖު ދަތުރުގައި ބައިވެރިވާ ޑޮކްޓަރުންގެ ޓީމުގެ ތެރޭގައި ސްޕެޝަލިސްޓަކާ އެއްކޮށް ނަރުހުންގެ ޓީމެއް ވެސް ހުރިހާ ހައްޖުވެރިންގެ ސިއްހީ ކަންތައްތައް ބެލުމަށް ހަައްޖުވެރިންނާއެކު ދަތުރު ކުރާނެ ކަމަށެވެ.
ދަތުރަށް ފުރުމުގެ ކުރިން ވެސް ކުރަން ޖެހޭ ހުރިހާ ސިއްހީ ކަންތައްތައް އެ ޓީމުން ބަލަހައްޓަމުން ދާނެ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.
ހައްޖު ކޯޕަރޭޝަންގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން ޔާމިން ވިދާޅުވީ ކުރިން އެ ކޯޕަރޭޝަނުން ސިއްހީ ކަންތައްތައް ބެލުމަށް ޓީމެއް ހޯދަނީ އިއުލާނުކޮށްގެން ކަމަށާއި ނަމަވެސް މިފަހަރު އައިޖީއެމްއެޗުން މެޑިކަލް ޓީމެއް ހަމަޖެހިގެން ދިއުމަކީ ދިވެހި ހުރިހާ ހައްޖާޖީންނަށް ލިބިގެން ދާ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިއަހަރު 500 ދިވެހި ހައްޖާޖީން ސައުދީންއަށް ގެންދާނެ އެވެ.