އަމިއްލަ ގައުމުގައި ކުރިއަށްދިޔަ ފުރަތަމަ ސަރަހައްދީ ބާސްކެޓްބޯޅަ މުބާރާތް ކަމަށްވާ ސާބާ ޗެމްޕިއަންޝިޕް، މޮޅަކާއެކު ރާއްޖެއިން ނިންމާލައިފިއެވެ.
ސޯޝަލް ސެންޓަރު އެތެރޭ ކޯޓުގައި ރޭ ކުޅުނު ސާބާ ޗެމްޕިއަންޝިޕްގެ ފަހު މެޗުގައި ރާއްޖެއިން ސްރީ ލަންކާގެ މައްޗަށް ކުރި ހޯދީ 69-63 ޕޮއިންޓުންނެވެ.
އެ މެޗުގެ ހަތަރު ކުއާޓާ ވެސް ރާއްޖެއިން ނިންމާލީ ކުރީގައި އޮވެގެންނެވެ. ފުރަތަމަ ކުއާޓާގައި ރާއްޖެއިން ލަންކާގެ މައްޗަށް 21-11 ޕޮއިންޓުން ކުރި ހޯދިއިރު، ދެ ވަނަ ކުއާޓާ ނިންމާލީ 44-33 ޕޮއިންޓުން ކުރީގައި އޮވެގެންނެވެ.
ތިން ވަނަ ކުއާޓާ އަދި ހަތަރުވަނަ ކުއާޓާގައި ލަންކާއިން ކުޅުން ރަނގަޅު ކުރި ނަމަވެސް ހަ ޕޮއިންޓަށްވުރެ ފަރަގު ކުޑަކުރެވިފައެއް ނުވެއެވެ. ތިންވަނަ ކުއާޓާ ރާއްޖެއިން 56-50 ޕޮއިންޓުން ނިންމާލިއިރު، ހަތަރު ކުއާޓާގައި ވެސް ރާއްޖެއިން ނިންމާލީ ހަ ޕޮއިންޓްގެ ފަރަގަކާއެކުއެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ރާއްޖޭގެ ހުސައިން ހަލީމެވެ.
އެ މުބާރާތުގެ އެއްވަނަ އިންޑިއާއިން ހޯދިއިރު، ދެވަނަ ހޯދާފައި ވަނީ ބަނގްލަދޭޝްއިންނެވެ. ޕޮއިންޓްގެ ތަފާތުން ލަންކާއިން ތިންވަނާގައި އޮތްއިރު، ރާއްޖެ އޮތީ ހަތަރުވަނާގައެވެ. އަދި ނޭޕާލަށް ލިބިފައިވަނީ ފަސްވަނައެވެ. މުބާރާތުގައި ލަންކާ، ނޭޕާލް އަދި ލަންކާ ވެސް މޮޅުވެފައިވަނީ އެއް މެޗުންނެވެ. މުބާރާތުގެ ވަނަވަނައަށް ހޮވުނު ޓީމުތަކަށް ތަށްޓާއި މެޑެލް ހަވާލުކޮށްދެއްވީ ކުޅިވަރާބެހޭ ވަޒީރު އިރުތިޝާމް އާދަމެވެ.
މިހާތަނަށް ފަސް ފަހަރު މުބާރާތް ކާމިޔާބުކުރި އިންޑިއާއަށް މިއަހަރު ބާއްވާ ފީބާ އޭޝިއާ ކަޕްގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެއެވެ. މިއީ އިންޑިއާއިން ވިދިވިދިގެން ކާމިޔާބުކުރި ހަތަރުވަނަ ސާބާ ޗެމްޕިއަންޝިޕެވެ. އެންމެ ފަހުގެ ތިން މުބާރާތް ވެސް ކާމިޔާބުކޮށްފައިވަނީ އިންޑިއާއިންނެވެ. މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ ވެސް އިންޑިއާއެވެ.